ފްރާންސް، ސްޕެއިން އަދި އިޓަލީގައި މަރުތައް ރެކޯޑު އަދަދަކަށް މަދުވި ދުވަހެއް

އިޓަލީގައި ވައިރަހުގެ ސަބަބުން މަރުވާ މީހުންގެ އަދަދު ދަނީ ދަށްވަމުން -- ފޮޓޯ: ގެޓީ

ޕެރިސް (މެއި 4): ފްރާންސް، ސްޕެއިން އަދި އިޓަލީގައި ކޮރޯނާވައިރަހުގެ ސަބަބުން މަރުވި މީހުންގެ އަދަދު އިއްޔެ ރެކޯޑު މިންވަރަކަށް މަދުވެއްޖެ އެވެ.

ކޮރޯނާވައިރަހުގެ ސަބަބުން ޖެހޭ ކޮވިޑް-19 ބަލި ޖެހިގެން އިއްޔެ ފްރާންސުން 135 މީހަކާއި ސްޕެއިން އިން 164 މީހަކާއި އިޓަލީން 174 މީހަކު މަރުވި އެވެ. މީގެ ކުރިން އެ ތިން ގައުމުންވެސް ބަލީގައި އެހާވަރަށް މަދު މީހުން މަރުވެފައި ވަނީ މާޗު މަހުގަ އެވެ.

އެ ތިން ގައުމުގައި ކޮންމެ ދުވަހަކު ވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް މިހާރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އަދި ވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް ލުއި ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އެގޮތުން ފްރާންސުން ދަނީ މި މަހުގެ 11އިގައި ލޮކްޑައުން ނިމުމަކަށް ގެނެވޭތޯ ބަލަމުންނެވެ. ނަމަވެސް އެގޮތަށް އަމަލު ކުރެވޭނީ ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ސަރަހައްދުތަކުގައި ކޭސްތަކުގެ އަދަދު މަދުވަމުންދާ ނަމަ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ފްރާންސުން ނިންމާފައި އޮތީ ލޮކްޑައުން އުވާލުމުން އެކި ފޭސްތަކަށް ބަހާލައިގެން ސްކޫލުތަކުގައި ކިޔެވުން ފަށާ، ބައެއް ވިޔަފާރިތައް ހުޅުވުމަށާއި ހުއްދައަކާ ނުލައި 100 ކިލޯމީޓަރުގެ ސަރަހައްދަކަށް މީހުންނަށް ދަތުރު ކުރެވޭނެ ގޮތް ހެދުމަށެވެ.

ފްރާންސުގެ އިތުރުން ސްޕެއިން އިން މިހާރުވެސް ވަނީ ބައެއް ފިޔަވަޅުތައް ލުއި ކުރަން ފަށާފަ އެވެ. އެގޮތުން އެގައުމުގެ އެކި އުމުރުތަކުގެ މީހުންނަށް އެކި ގަޑި ތަކުގައި ގެއިން ބޭރަށް ދިޔުމުގެ ހުއްދަ ވަނީ ދީފަ އެވެ.

މީގެ އިތުރުން، ވައިރަހުގެ ސަބަބުން ދެވަނައަށް އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައިވާ އިޓަލީން ވެސް ވަނީ ލޮކްޑައުންއިން ދޫ ދޭން ފަށާފަ އެވެ. އެގޮތުން ޖިސްމާނީ ގައިދުރުކަން ބަހައްޓާނަމަ ގެއިން ބޭރުގައި ކަސްރަތު ކުރަން ހުއްދަދީ، އެއް ސަަރަހައްދެއްގައި ދިރިއުޅޭ އާއިލާގެ މެމްބަރުންނަށް ޒިޔާރަތް ކުރަން ވަނީ ހުއްދަ ދީފަ އެވެ.

މުޅި ދުނިޔޭގައި މިހާތަނަށް 3.5 މިލިއަނަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރެއިން ޔޫރަޕްގެ ކޭސްތަކުގެ އަދަދު 1.3 މިލިއަނަށް އަރަ އެވެ. އެ ބަލީގައި ދުނިޔެއިން 247,497 މީހަކު މަރުވެފައިވާ އިރު އޭގެ ތެރޭގައި 125،000އަށް ވުރެ ގިނަ މީހުން ހިމެނެ އެވެ.

comment ކޮމެންޓް