ރޯދަ ސުންބުލި: ރޯދައަށް ހުރެ ރުޅިގަދަވަނީ! ދެން ހަދާނީ ކިހިނެއް؟

ރުޅިއަކީ ވަރަށް ނުރައްކާތެރި އެއްޗެކެވެ. ރުޅި އިސްކޮށް ތިމާއަށް ކޮންޓްރޯލް ނުކުރެވޭ މިންވަރަށް ހިނގައްޖެނަމަ ކިތަންމެ ބޮޑު ނުރަނގަޅު އަސަރެއްވެސް ދިރިއުޅުމަށްކޮށްފާނެއެވެ. ހާޢްސަކޮށް ރޯދަމަހަކީ ދުވާލުގެ ވަގުތުތަކުގައި ކެއުމާއި ދުރުގައި އަހަރެމެން ހޭދަކުރާ ވަގުުތުތަކަށް ވާއިރު ރުޅީގެ ޝިކާރައަކަށް ނިކަން ފަސޭހައިން ވެދާނެ އެވެ.

ރޯދަ ސުންބުލީގައި މިއަދު އުސްތާޒާ ސާމިޔާ ޒަކަރިއްޔާ އަލިއަޅުވާލައްވަނީ މި މައުޟޫއަށެވެ.

ސ:ރޯދައަށް ހުރެ ބަނޑުހައިވުމުން ރުޅިގަދަވޭ، ރުޅި ކޮންޓްރޯލް ކުރާނީ ކިހިނެއް؟

ޖ: ބަނޑުހައިވީމަ ވަރަށް ގިނަ މީހުން ރުޅިގަދަވާގޮތްވެއެވެ. އެއީ އާންމުކޮށް މީހާ ހުންނަ ހާލަތައްވުރެ އިހްސާސްތައް ކޮންޓްރޯލްކުރަން އުނދަގޫ ހާލަތަކަށްވެދާނެއެވެ. ނަމަވެސް ހަގީގަތުގައި މީހާގެ ރުޅި ކޮންޓްރޯލް ކުރުމަކީ ވަރަށް މުހިންމުކަމެކެވެ. ހާޢްސަކޮށް ރުޅިގަދަވުމަކީ ރޯދައަށް ހުންނަ މީހާއާއި އެންމެ އެކަށޭނަ ކަމެއްވެސް ނޫނެވެ.

ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމްގެ ހަދީޘްފުޅުތަކަށް ބަލާލުމުންވެސް ރޯދައަށް ހުރެވެސް އަދި އެނޫން ހާލަތެއްގައިވެސް ރުޅިގަދަވެއްޖެނަމަ އައޫޒް ކިޔައިގެން ރުޅި މަޑުކުރަން މަސައްކަތްކުރަން ޖެހޭކަން އެގިގެންދެއެވެ.

އެވަރުންވެސް ރުޅިމަޑު ނުވެއްޖެނަމަ އެންމެ ރަނގަޅީ ހަމަހިމޭންކަން އިޚްތިޔާރުކުރުމެވެ. ރުޅިއައިސް ހުންނަ ހާލަތުގައި އެއްވެސް މީހަކާއި ދިމާލަށް އެއްޗެކޭ ނުބުނެ، އަދި ރުޅި ކޮންޓްރޯލް ކުރުމަށްޓަކައި އެމީހާ ހުންނަ ހާލަތަކުން އެހެން ހާލަތަކަށް ބަދަލުވުމެވެ.

ސުންނަތުން އެނގޭގޮތުގައި ރުޅި ކޮންޓްރޯލް ކުރުމަށްޓަކައި ވުޟޫ ކުރުމަކީވެސް ކުރެވިދާނެ ކަމެކެވެ. ފެނަކީ މީހާގެ އިހްސާސްތައް ރަނގަޅުކޮށްލަދޭ ކަމަކަށްވާއިރު، ވުޟޫކޮށް އެ ގުނަވަންތަކުގައި ފެން ހާކާލުމުންވެސް ލުއެއް ލިބިދާނެ އެވެ.

ހަމައެޔާއެކު، ކޮޅަށް ހުރެ ރުޅިއައިސްފިނަމަ އިށީދެލުމާއި، އިށީދެގެން އިންނަމަ އޮށޯވެލުމަކީވެސް ކުރެވިދާނެކަމެކެވެ.

comment ކޮމެންޓް