ބަލިވެގެން އައިވީ ގުޅައިފިނަމަ ރޯދަ ގެއްލޭނަތަ؟

އެއްވެސް ކަމަކީ ތިމާއަށް ފުރިހަމަ ބާރު ލިބިގެންވާ ކަންކަމެއް ނޫނެވެ. ރޯދައަށް ހުއްޓާވެސް ދިމާވާ ސިއްޚީ މައްސަލައެއްގެ ސަބަބުން އައިވީ އެއް ގުޅަން ޖެހިދާނެ އެވެ. މިފަދަ ހާލަތެއްގައި އެމީހެއްގެ ރޯދައަށް އެއިން ކުރާނީ ކޮން އަސަރެއްތޯ ހިތުގައި ސުވާލުއުފެދެއެވެ.

ރޯދަ ސުންބުލީގައި އުސްތާޒާ ސާމިޔާ ޒަކަރިއްޔާ ޖަވާބުދެއްވަނީ ރޯދައާއި ގުޅުން ހުރި މިފަދަ ތަފާތު އެކި ސުވާލުތަކަށެވެ. އެހެންކަމުން މިއަދުގެ ސުވާލު މި އަމާޒުކޮށްލަނީ މި މައުޟޫއަށެވެ.

ސ:ރޯދައަށްހުއްޓާ ބަލިވެގެން އައިވީ ގުޅައިފިނަމަ ރޯދަ ގެއްލޭނަތަ؟

ޖ: ބައެއްފަހަރު ރޯދަމަހުގެ ރޯދައަށްހުއްޓާ ދުވާލުގެ ވަގުތުގައިވެސް ބަލިވެގެން އައިވީ އެއް ގުޅަން ޖެހިދާނެއެވެ. މިފަދައިން ވެއްޖެނަމަ އެމީހެއް އެދުވަހުގެ ރޯދަ ދޫކޮށްލުމަށްފަހު ފަހުން އެ ރޯދައެއް ގަޟާކުރާނީ އެވެ.

ސަބަބަކީ ރަމަޟާން މަހުގައި ރޯދަ ފަރުޟުކުރެވިފައި މިވަނީ ރޯދަ ހިފުން ކުޅަދާނަވެގެންވާ މީހުންނަށެވެ. އެހެންވީމަ ބަލިހާލު ޖެހިފައިވާ މީހުންނަށް އޮތީ އެ ރޯދަ ދޫކޮށްލުމަށްފަހު އެ ރޯދަ އަލުން ހިފުމެވެ. އައިވީއަކީ ކެއިން ބުއިންފަދަ އަދި އެމީހެއްގެ ހަށިގަނޑުގައި ވަރުޖެއްސުމަށްޓަކައި ކުރާކަމަކަށްވާތީ އެ ރޯދައެއް ދޫކޮށްލަންޖެހެއެވެ.

އެހެންނަމަވެސް ބައެއްކަހަލަ ބަލިތަކުގައި ޖަހާ އިންޖެކްޝަންތަކުން ރޯދައެއް ނުގެއްލޭނެއެވެ. އެއީ މިސާލަކަށް ތަދުކެނޑުވުުން ފަދަ ކަންކަމެވެ. ނަމަވެސް ގައިގައި ވަރުޖެއްސުމަށް ކުރާ ޖަހާ އިންޖެކްޝަން ނުވަތަ ވެކްސިންއެއްނަމަ ގެއްލޭނެއެވެ.

comment ކޮމެންޓް