ލޯކަލް ކައުންސިލް އިންތިހާބުގައި ހދ. ހަނިމާދޫ ކައުންސިލުގެ ގޮނޑިއަކަށް ވާދަ ކުރަން ކުރިމަތިލި ކެންޑިޑޭޓަކު ނިޔާވެއްޖެ އެވެ.
ނިޔާވީ އެމްޑީޕީގެ ޓިކެޓު ހޯދި ކެންޑިޑޭޓެއް ކަމަށްވާ ހުސްނުބާން އަބްދުއްރަހުމާން އެވެ.
އޭނާގެ މަރާ ގުޅިގެން އެމްޑީޕީ އިން ބުނީ އެ ޕާޓީގެ ފަރާތުން ހދ. ހަނިމާދޫ ކައުންސިލުގެ ގޮނޑިއަކަށް ވާދަ ކުރަން އެ ޕާޓީގެ ޓިކެޓު ލިބުނު ކެންޑިޑޭޓު ހުސްނުބާން އަބްދުއްރަހުމާންގެ އާއިލާއަށް ތައުޒިޔާ ކިޔާ ކަމަށެވެ. އަދި އާއިލާއަށް ލިބިފައިވާ ފުން ހިތާމައިގައި ބައިވެރިވެ، ހުސްނުބާންއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި ދުއާ ކުރާ ކަމަށް އެ ޕާޓީއިން ބުންޏެވެ.
ހުސްނުބާން ނިޔާވުމާ ގުޅިގެން އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ. އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހަނިމާދޫގެ އެމްޑީޕީ ހަރަކާތްތަކުގައި އިސްކޮށް އުޅުނު ހުސްނުބާން ނިޔާވި ހަބަރު އެހީ ފުން ހިތާމައާ އެކު ކަމަށެވެ.
ކައުންސިލު އިންތިހާބު ބާއްވަން އެންމެ ފުރަތަމަ ތާވަލު ކުރީ މި އަހަރުގެ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހަށެވެ. އެހެންނަމަވެސް، ކޮވިޑް-19ގެ ބަލިމަޑުކަމާ ހެދި އެ އިންތިހާބު ފަސް ކުރަން ނިންމީ އެވެ.
އެ އިންތިހާބު އަންނަ އަހަރުގެ ޖަނަވަރީ ހަ ވަނަ ދުވަހުގެ ކުރިން ބޭއްވުމަށް މަޖިލީހަށް ހުށަހެޅި ބިލު މިހާރު ވަނީ ފާސްކޮށްފަ އެވެ.