މި ޚުތޫރަތްތެރި ދަނޑިވަޅުގައި ދުނިޔެ ބައިބައިވަމުންދާތީ އދ. ކަންބޮޑުވެއްޖެ

ޣްޓަރެޒް ވީޑިއޯ ލިންކް މެދުވެރިކޮށް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

އދ. މަޖިލިސް (30 އެޕްރީލް 2020) : ކޮރޯނާވައިރަސް "ކޮވިޑް-19"ގެ ސަބަބުން ދުނިޔެ އިނދަޖެހެމުންދާ މިދަނޑިވަޅުގައި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި އަރާރުމާއި ކޯޅުންތައް ހިނގަމުންދާތީ ހިތާމަ ކުރައްވާކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެޒް ވިދާޅުވެއްޖެ އެވެ.

ނިޔުޔޯކްގައި ހުންނަ އދ.ގެ މައިމަރުކަޒުގައި ވީޑިއޯލިންކް މެދުވެރިކުރައްވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގުޓެރެޒް ވިދާޅުވީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މިފަދަ ބިރުވެރި ޚުތޫރަތްތެރި ދަނޑިވަޅުގައި ބޮޑެތި ބާރުތަކުން އެއްބާރު އަނެއްބާރަށް ބަހުގެ ޙަމަލާތައްދީ އެއްގައުމުގެ ބޮލުގައި އަނެއްގައުމުން ސާބިތުނުވާ ސިޔާސީ ކަންކަން އަޅުވަމުން ދިޔުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމުގައެވެ. މިފަދަ ބޮޑު ބަލިމަޑުކަމަކާއި ވަބާއެއް ދުނިޔެއާ ކުރިމަތިވެގެން އުޅޭތާ އެތަށް މަހެއްވެފައިވާއިރު މިކަމާކުރިމަތިލެވޭފަދަ ނިންމުންތައް ނިންމުމުގައި އދ.ގެ ސާލަމަތީ މަޖިލިސް ނާކާމިޔާބުވެފައިވަނީ ބޮޑެތި ބާރުތަކުގެ މެދުގައިވާ އަރާރުންތަކުގެ ސަބަބުންކަމަށް ގުޓެރެޒް ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ސަބަބުން ދުނިޔެ އިނދަޖެހެމުންދާ މިދަނޑިވަޅުގައި ކަންކަން ގޯސްވެގެންދިޔައީ އެރޯގާގެ ޒިންމާ އެމެރިކާއިން ޗައިނާގެ ބޮލުގައި އަޅުވަން މަސައްކަތް ކުރުމުންނެވެ. އެމެރިކާވަނީ ޗައިނާގެ އިތުރުން ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާ "ޑަބްލިޔޫއެޗްއޯ"ގެ ބޮލުގައިވެސް ކޮވިޑް-19ގެ ޒިންމާ އަޅުވައި އެޖަމްއިއްޔާއަށް އެމެރިކާ ދޭ މާލީ އެހީވެސް މި ޚުތޫރަތްތެރި ދަނޑިވަޅުގައި ކަނޑާލާފައެވެ.

ގްޓަރެޒް އޮންލައިން ނޫސް ކޮންފަރެންސްގައި

މީގެއިތުރުން އެމެރިކާ ގެންދަނީ ޔޫރަޕްގެ ބައެއްގައުމުތަކާއި އޮސްޓްރޭލިއާ ފަދަ އެމެރިކާގެ ނުފޫޒު ހިނގާ ގައުމުތަކުގެ އެހީތެރިކަން ހޯދައިގެން މިދަނޑިވަޅުގައި ކޮވިޑް-19 ގެ ތަހްގީގެއް ހިންގުމަށް ޗައިނާއަށް ފިއްތުންތައް ކުރިމަތިކުރަމުންނެވެ. ކޮވިޑް-19 އާބެހޭގޮތުން ސަލާމަތީ މަޖިލީހުން ފާސްކުރަންއުޅުނު ގަރާރު ފާސްނުކުރެވި ލަސްވަނީ އެގަރާރުގައި ކޮވިޑް-19 އަކީ ޗައިނާގެ ވައިރަސް އެއްކަމަށް ސިފަކުރަން އެމެރިކާ ބޭނުންވާއިރު އެކަމާ ޗައިނާ ދެކޮޅު ހަދާތީއެވެ. އެމެރިކާއާއި ޗައިނާއަކީ ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ ދެގައުމެވެ.

ކޮވިޑް-19 ގެ މައްސަލާގައި ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކުރުމާބެހޭ މަޝްވަރާތައް ވީޑީއޯ ލިންކް މެދުވެރިކޮށް އެ މަޖިލީހުގެ މެންބަރު ގައުމުތަކުގެ މަންދޫބުން ކުރިޔަށްދެވިއިރު ފަރަންސޭސިވިލާތުގެ މަންދޫބު ވަނީ (އޭނާގެ މައިކްރޮފޯން އޮންވެފައިވާކަން ހަނދުމަފުޅުނެތި) އެހެން ފޯނުކޯލެއްގައި ވާހަކަދައްކަވަމުން ކޮވިޑް-19 ގެ މައްސަލާގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްއްޔާއަށާއި ޗައިނާއަށާ އަދި އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

މި ގަރާރު ފާސްކުރުމުގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވަނީ ފަރަންސޭސިވިލާތް ކަމަށްވާއިރު، ފަރަންސޭސި މަންދޫބުގެ ވާހަކަތަކާ ގުޅިގެން ފަރަންސޭސި ސަރުކާރުގެ މަގްސަދާމެދުވަނީ ސުވާލު އުފެދިފައެވެ.

ކޮވިޑް-19 ގެ މައްސަލާގައި އެންމެ ފުރަތަމަ އެމެރިކާއާއި ޗައިނާއާ ދެމެދު ޒުވާބު އުފެދުނީ ކޮވިޑް-19 އަކީ ޗައިނާގެ ވައިރަސް އެއްކަމަށް ސިފަކުރަން އެމެރިކާ މަސައްކަތް ކުރުމުންނެވެ. އެއަށްފަހު އެމެރިކާ ޗައިނާގެ މައްޗަށްކުރީ ކޮވިޑް-19ގެ ހަގީގަތް ފޮރުވުމުގެ ތުހުމަތާއި އެކަމުގައި ޑަބްލިޔޫއެޗްއޯ ވެސް ބައިވެރިވާކަމުގެ ތުހުމަތެވެ.

ކޮވިޑް-19 އަކީ ސީދާ ޗައިނާގެ ވައިރަސް އެއްކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް ސިފަކުރައްވަން ފެއްޓެވުމުން އެކަމަށް ރައްދު ދެމުން ޗައިނާވަނީ އެ ވައިރަސްއަކީ އެމެރިކާ ސިފައިންގެ ބަޔަކު ޗައިނާގެ ވުހާން ސިޓީއަށް ކުރިދަތުރެއްގައި ގަސްދުގައި އެސިޓީގައި ފެތުރި ޖަރާސީމު ހަތިޔާރެއްކަމަށް ތުހުމަތުކޮށްފައެވެ.

ނަވާރަސަތޭކަ އަށާރަ ވަނަ އަހަރު ދުނިޔޭގައި ފެތުރުނު "1918 ފުލޫ ޕެންޑަމިކް" (އާންމު ބަހުންނަމަ ސްޕަނިޝް ފުލޫ) އަކީ އެމެރިކާއިން ފެނުނު ރޯގާއެކެވެ. އެ ރޯގާ ދުނިޔޭގެ 500 މިލިޔަން މީހުންނަށް ޖެހި 50 މިލިޔަން މީހުން މަރުވި އެވެ. ނަމަވެސް އެ ރޯގާއަށް އެމެރިކާގެ ރޯގާގެ ނަމުން ނަންދީފައެއް ނުވެ އެވެ. ޚުދު އެމެރިކާގެ އޭރުގެ ރައީސް ވެޑްރޯ ވިލްސަން އަށްވެސް އެ ރޯގާ ޖެހުނެވެ. އެ ރޯގާއިން ވިލްސަން ސަލާމަތްވެ ވަޑައިގެންނެވި ނަމަވެސް އޭގެ ފަހުން ވިލްސަން އަވަހާރަވުމަށް މެދުވެރިވި ސިއްހީ ސަބަބުތަކީ އެރޯގާގެ ސަބަބުން ކުރިމަތިވެ ވަޑައިގެންނެވި ކޮމްޕްލިކޭޝަންތައް ކަމަށް ވެއެވެ.

ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ އިގްތިސާދު އިނދަޖެހެމުންދާ މިދަނޑިވަޅުގައި ދުނިޔެ ސަލާމަތް ކުރެވޭނީ މުޅި ދުނިޔެ އަދި ޚާއްސަކޮށް ބޮޑެތި ބާރުތައް އެކަތިގަނޑަކަށް ވެގެންކަމަށާއި ވަގުތު ފާއިތު ނުވަނީސް ދުނިޔޭގެ ބޮޑެތި ބާރުތައް އެއްގަލަކަށް އަރައި އެއްބައިވަންތަކަން ދެއްކުމަށް ގުޓެރެޒް އެދިވަޑައިގެންނެވި އެވެ. އަދި ބަހުގެ ހަމަލާތައް ހުއްޓާލައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ޚިލާފްތައް ނައްތާލައި މުޅި ދުނިޔެ އެކަތިގަނޑަކަށް ހަދަން މަސައްކަތް ކުރެއްވުމަށް ދުނިޔޭގެ ލީޑަރުންނަށް ގުޓެރެޒް ގޮވާލެއްވި އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް