"އޭނާއަކީ މުޝްރިކުންގެ ތެރެއިން ވާ މީހެއް ކަމާއި، ރަހުމަތުގެ ދޮރުކޮޅުތައް ވަނީ އޭނާއަށް ބަންދު ކުރެވިފައި ކަމަށް ޤުރްއާނުގައި ވަނީ އަންގަވާފައި. ވީމާ ދެން އޭނާގެ ނިމުން ރަނގަޅު ނުވާނެކަން ކަށަވަރު ނޫންތޯ؟" ޤަތާދާ ބުންޏެވެ.
*****
ޠުޢުމާ މައްކާއަށް ގޮސް އުޅޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. މުސްލިމުންގެ ތެރެއިން މައްކާގެ މުޝްރިކުންގެ އަތުގައި ޖެހުނު ބަޔަކަށް އަނިޔާ ކުރާން ތިބި މައިދާނަކަށް ޠުޢުމާ ގޮވައިގެން ސުލާލަތު ބިންތު ސަޢުދް ދިޔައެވެ.
އެ ތަނުގައި މުސްލިމުން ބަނދެފައި އެމީހުންގެ ގައިގައި ޗާބޫކުން ތަޅަމުން ދިޔައެވެ.
"ޠުޢުމާ! ރަނގަޅަށް ދެކި ބަލަ އެ މަންޒަރު! މުސްލިމުންނަށް އަދަބު ދޭ މަންޒަރު. އަދި ހިތްހަމަ ޖެހުން ލިބިގަނެ ބަލަ!" ސުލާލަތު ބުންޏެވެ.
"މި ހޫނުގައި ހުރެ އަދި ބައެއްގެ ގައިގައި ތަޅައި އަނިޔާ ކުރާ މަންޒަރު ބެލުމުން ލިބޭނީ ކޮން އުފަލެއް؟" ޠުޢުމާ ބުންޏެވެ.
"މުސްލިމުންނަށް އަދަބު ލިބޭ މަންޒަރު ފެނުމުން އެއްވެސް ވަރަކަށް އުފަލެއް ނުވޭ ތަ؟ ބަދަލު ހިފުމުގެ ކަރުހިއްކުމަށް ލުޔެއް ނުލިބޭ ތަ؟" ސުލާލަތު އެހިއެވެ.
"ބަދަލު ހިފުމުގެ ކަރުހިއްކުމެއް އަހަރެންގެ ކިބަޔަކު ނެތް. ތިބާ މުސްލިމުންނާ ދެކޮޅުވެރި ވެ އެމީހުންނަށް ނަފްރަތު ތިޔަ ކުރަނީ އުޙުދުގައި ތިބާގެ ދެ ދަރީން މުސްލިމުންގެ އަތުން ގަތުލު ވެފައި ވާތީ. އަހަރެންގެ ނިސްބަތުގައި ބަލާއިރު މައްސަލަ ތަފާތު." ޠުޢުމާ ބުންޏެވެ.
"ތިޔަ ބުނި އެއްޗެއް ރަނގަޅަކަށް ނުވިސްނުނު." ސުލާލަތު ބުންޏެވެ.
"އަހަރެންގެ ނެތޭ މުސްލިމުންގެ ފަރާތުން ލިބިފައި އޮތް އަނިޔާއެއް ނުވަތަ ގެއްލުމެއް. މަދީނާގެ އެއްމެން އިސްލާމް ދީނަށް ވަނުމުން އަހަންނަށް ވެސް އެ ދީނަށް ވަންނާން މަޖުބޫރު ވީ. އެކަމަކު އެ ދީނަކީ އަހަރެން އުޅޭން ބޭނުން ގޮތްގޮތަށް އުޅުމަށް ހުރަސް އަޅާ ދީނެއް. އެހެންވެގެން އެމީހުންގެ ތެރޭގައި އުޅޭން ބޭނުން ނުވަނީ. އަހަރެން ހިތަށް އަރާ ކަންކަން ނުކުރެވޭ ތަނެއްގައި ހުންނާން ބޭނުން ނުވަނީ." ޠުޢުމާ ބުންޏެވެ.
"އެހެންވީމާ ކަލޭ ތިޔަ ތަބާވެ އަޅުކަން ތިޔަ ކުރަނީ ކަލޭގެ ނަފްސުގެ ހަވާއަށް ތާ!" ސުލާލަތު ބުންޏެވެ.
"އަޅުކަން ކުރުމަކީ އެއްވެސް އިރެއްގައި އަހަރެން ލޯބި ކުރާ ކަމެއް ނޫންް." ޠުޢުމާ ބުންޏެވެ.
"ވީއިރު ކަލޭ ލޯބި ކުރަނީ ކޮން ކަމަކަށް؟" ސުލާލަތު އެހިއެވެ.
"އަހަރެން ލޯބި ކުރަނީ ދުނިޔޭގައި އަހަރެން ހުންނަ ކޮންމެ ވަގުތުކޮޅަކީ ހިތަށް ހަމަ ޖެހުން ލިބޭ އަދި ކޮންމެވެސް އުފަލެއް ލިބޭ ވަގުތަކަށް ހެދުމަށް. ފިކުރާއި ޚިޔާލުތަކުން ދުރުވެގެން ހުންނަ ވަގުތަކަށް ހެދުމަށް." ޠުޢުމާ ބުންޏެވެ.
"ކަލޭގެ ވިސްނުން ވަރަށް ތަފާތު. ކަލޭ ތިޔަ ވިސްނަނީ އަހަރެމެން ވިސްނާ ގޮތަކަށް ނޫން. އަހަރެމެންގެ މިސްރާބު މިހިރީ ދިމާ ދެކޮޅަށް ކަން ކަށަވަރު." ސުލާލަތު ބުންޏެވެ.
"އަހަރެން ވެސް މި އުޅެނީ ތިޔަ ވާހަކަ ދައްްކާން ވެގެން. މައްކާއިން ފައިބާން އަހަރެން ނިންމައިފިން. އަދި އެހެން ރަށަކަށް ފައިބައި އަހަރެންްގެ ނަސީބު ހޯދުމަށް މަސައްކަތް ކުރާން ނިންމައިފިން." ޠުޢުމާ ބުންޏެވެ.
"ކަލޭ ބޭނުން ގޮތެއް. ޠުޢުމާ! މަތިވެރިވެގެންވާ އިލާހުންތައް ކަލޭ ރައްކާތެރި ކުރައްވާށި!" ސުލާލަތު ބުންޏެވެ.
"މަތިވެރިވެގެންވާ އިލާހުންތަކޭ! ފަހެ އަހަރެންނަށް އިލާހުންތަކެއް ވެސް އަދި އިލާހަކު ވެސް މުހިއްމެއް ނޫން. އަހަންނަށް މުހިއްމީ ރަނާއި ރިހި. ދީނާރާއި ދިރްހަމް." އެހެން ބުނެފައި ސުލާލަތުމެންގެ ގެއާ ދިމާއަށް ޠުޢުމާ ހިނގައިގަތެވެ.
ގެއަށް ވަދެ ތަކެތި ނަގައިގެން، އެ ތަނުގައި ބަނދެފައި އޮތް އަހަކަށް ސަވާރު ވެގެން ޠުޢުމާ މިސްރާބު ޖެހީ ޖިއްދާއާ ދިމާއަށެވެ. ޖިއްދާއަކީ މައްކާއަށް ފަހު، އެންމެ ދުވަސްވީ ތާރީޚެއް އޮތް ރަށެވެ. އެ ރަށަކީ ހުރިހާ އިންސާނުންގެ މަންމަ ކަމަށް ވާ ޙައްޥާގެފާނުން ފަސްދާނު ލެވިފައިވާ ރަށެވެ.
ޖިއްދާގެ ބަނދަރުގައި އޮތް އޮޑިއެއްގެ ކައިރިއަށް ޠުޢުމާ ދިޔައެވެ. އަދި އެ އޮޑިޔަށް އަރާން ވެގެން ގަންފިލާ މައްޗަށް އެރިއެވެ. އެ ވަގުތު އެ ތަނުގައި ހުރި، އެ އޮޑީގެ ވެރިޔާ ޠުޢުމާގެ އަތުގައި ހިފެހެއްޓިއެވެ. އަދި އެހިއެވެ.
"ކަލެއަކީ ކާކު؟ އަދި ކަލޭ ތިޔަ ދަނީ ކޮން ތާކަށް؟"
"އަހަންނަކީ ދަތުރުވެރިއެއް. މިއީ ދަތުރުވެރީންނާއި މުދާ އެއް ތަނުން އަނެއް ތަނަށް އުފުލާ އޮޑިއެއް ނޫން ތަ؟" ޠުޢުމާ ބުންޏެވެ.
"ނޫން. މިއީ ހަމަ ތިޔަ ބުނި ގޮތަށްް ދަތުރުވެރީންނާއި މުދާ އެއް ތަނުން އަނެއް ތަނަށް އުފުލާ އޮޑިއެއް. އެހެންނަމަވެސް މިއީ މީހުން ހިލޭ އުފުލާ އޮޑިއެއް ނޫން. މި އޮޑިއަށް އެރޭނީ ދަތުރުގެ އަގާއި ދާގީނާތަކަށް ނާލު ދެއްކުމަށް ފަހު. ދަތުރުވެރިޔަކު ދައްކާން ޖެހެނީ ފަސް ދީނާރު." އޮޑީގެ ވެރިޔާ ބުންޏެވެ.
"އަން! ހިފާ! މި އޮތީ ފަސް ދީނާރު." ޠުޢުމާ އޭނާގެ އަތުގައި އޮތް ފައިސާ ކީސާއިން ފަސް ދީނާރު ނެގުމަށް ފަހު އޮޑީގެ ވެރިޔާއަށް ދިއްކޮށްލަމުން ބުންޏެވެ.
"މި އޮޑީގެ މިސްރާބު ހުރީ ކޮން ރަށަކާ ދިމާއަށް ތޯ ވެސް ނާހާނަން ތަ؟" އޮޑީގެ ވެރިޔާ އެހިއެވެ.
"މައްކާގައި ވެސް އަދި ޖިއްދާގައި ވެސް އުޅޭ ހިތެއް ނެތް. އެހެންވީމާ ކޮންމެވެސް އެހެން ތަނަކަށް ދާން ބޭނުން ވަނީ. މި އޮޑި ހަމަ ގައިމު ވެސް ދާނީ ކާރޫބާރޫ އޮތް ރަނގަޅު ރަށަކަށް ކަން ޔަގީން. ވީމާ އޮޑި ކޮންމެ ތަނަކަށް ދިޔަޔަސްް އަހަރެންގެ މައްސަލައެއް ނެތް. އެ ރަށަކަށް އަހަރެން ދާނަން." ޠުޢުމާ ބުންޏެވެ.
"މައްސަލައެއް ނެތް. އެކަމަކު އަދި އެއް ވާހަކަ އެބަ އޮތް. ދަތުރުގެ އަގަށް ވާ ފަސް ދީނާރުގެ ތެރޭގައި ކެއުންބުއިމުގެ އަގު ހިމެނިފައެއް ނުވޭ. ކާން ބޭނުމިއްޔާ ޖެހޭނީ އިތުރު ތިން ދީނާރު ދޭން. އަދި ފެނަށް ބޭނުމިއްޔާ އިތުރު ދެ ދީނާރު." އޮޑީގެ ވެރިޔާ އަގުތައް ކިޔައިދިނެވެ.
ޠުޢުމާ ތިން ދީނާރު ނަގާފައި ދިއްކޮށްލިއެވެ. އަދި ބުންޏެވެ.
"މިއީ ކެއުމަށް. ފެނަކަށް އަހަރެން އަގެއް ނުދޭނަން."
"މައްސަލައެއް ނެތް. ކަރު ހިއްކައިގަތީމާ ކަނޑުން ލޮނުފެން ނަގައިގެން ބުޔަސް އަހަރެންނަކަށް ފަރުވާލެއް ނެތް." އޮޑީގެ ވެރިޔާ ބުންޏެވެ. އެހެން ބުނެފައި ގަންފިލާ މަތީން ގޮސް އޭނާ ވެސް އޮޑިއަށް އަރައިފިއެވެ.
"ނަގިލި ނަގާން އަވަހަށް ތައްޔާރު ކޮށްލާ!" އޮޑީގެ ވެރިޔާ ފަޅުވެރީންނަށް އިރުޝާދު ދިނުމުގެ ގޮތުން ގޮވައިލިއެވެ.
ޠުޢުމާ މައްކާއިން ފައިބައިގެން ދިޔަތާ މާ ގިނަ އިރެއް ނުވެ، ސުލާލަތުމެންގެ ގެއަށް އާރުކާޓީ ޢާބިސް ދިޔައެވެ. އަދި ގޭގެ އަހުލުވެރީންނަށް ގޮވައިލިއެވެ.
"އަހުލުވެރިކަން ހުރި ޢާބިސް. އާދޭ!" ދޮރުމައްޗަށް ނުކުމެ ސުލާލަތު ބުންޏެވެ.
"ޝުކުރިއްޔާ! ޠުޢުމާ ކޮބާ؟" ޢާބިސް އެހިއެވެ.
"އަހަރެމެންގެ ވިސްނުމާއި އޭނާގެ ވިސްނުމާ ތަފާތު. އެހެން ވެގެން އޭނާ އަހަރެމެން ދޫކޮށްލާފައި ހިނގައްޖެ." ސުލާލަތު ބުންޏެވެ.
"ކޮން ތާކަށް؟" ޢާބިސް އެހިއެވެ.
"އަހަންނަކަށް ނޭނގޭ. މިއަދު އަހަރެންގެ ގާތުގައި ބުނި މައްކާއިން ފައިބައިގެން ދާނެ ވާހަކަ. އަހަރެން ގެޔަށް އައިއިރު އޭނާގެ ތަކެތި ހިފައިގެން އޭނާ ހިނގައްޖެ." ސުލާލަތު ބުންޏެވެ.
"އެހެން ވީއިރު އޭނާ އެ ދިޔައީ އޭނާ އަހަންނަށް ދޭން ޖެހޭ ދެ ދީނާރު ނުދީ. އެއީ އާރުކާޓީއެއްގެ ގޮތުގައި އޭނާއާ އެކު ޔަސްރިބުން މައްކާއަށް އައުމުގެ އުޖާރައަށް ވާ ފައިސާ." ޢާބިސް ބުންޏެވެ.
"މައްކާއަށް އާދެވުނީމާ ކަލޭގެ އުޖޫރަ އޭނާގެ އަތުން ނުހޯދީ ކީއްވެގެން؟" ސުލާލަތު ސުވާލު ކުރިއެވެ.
"އޭނާގެ އަތުގައި ފައިސާ ނެތިގެން އަހަރެންގެ ކިބައިން ފަހުން އެ އުޖޫރަ ދިނުމުގެ މުހުލަތަކަށް އެދުނީ. އޭނާއަށް ކުރާނެ މަސައްކަތެއް ލިބި މުސާރައެއް ލިބޭން ދެން. އަދި މިއަދަކީ އޭނާ އެދުނު މުހުލަތު ހަމަވި ދުވަސް." ޢާބިސް ބުންޏެވެ.
"ހާސް ނުވޭ. ޠުޢުމާ ވަނީ މި ގޭގައި ހުރި އިރު، އަހަރެންނަށް އެކި ކަންކަމުގައި އެހީތެެރި ވެފައި. އެކަމުގެ އުޖޫރައަކަށް އޭނާ ނޭދޭ. އަދި އަހަރެން ވެސް އުޖޫރައެއްގެ ވާހަކަ ވެސް ނުދައްކަން. އަދި އޭނާއަކަށް އެއްވެސް އެއްޗެއް ނުވެސް ދެން. ވީމާ އޭނާގެ ހައްގުގައި ދެ ދީނާރު ދިނުމަކީ މާ ބޮޑު ވިސްނުމެއް އެ ކަމާ މެދު ވިސްނާން ޖެހޭ ކަމެއް ނޫން. އަހަރެން ދޭނަން ޠުޢުމާ ދޭން ޖެހޭ ދެ ދީނާރު." ސުލާލަތު ބުންޏެވެ.
"ތިޔައީ ތިބާގެ އިހުސާންތެރިކަމާއި ދީލަތިކަން." ޢާބިސް ބުންޏެވެ.
ސުލާލަތު އޭނާގެ ކޮޓަރިއަށް ގޮސް މަވާލު ހުޅުވައިލިއެވެ. އެއާ އެކު އޭނާއަށް ހަޅޭއް ލަވައިގަނެވުނެވެ.
"ވައްކަށް ކޮށްފި. ވައްކަން ކޮށްފި."
ސުލާލަތުގެ ހަޅޭކުގެ އަޑަށް ޢާބިސް އެތެރެއަށް ވަނެވެ. އަދި އެހިއެވެ.
"ކިހިނެއް ތޯ ވީ؟"
"އަހަރެންގެ މަވާލުގެ ތެރޭގައި ހުރި ހުރިހާ އެއްޗެއް ވަނީ ވަގަށް ނަގާފައި. މީގެ ތެރޭގައި ހުރި ދީނާރުތަކާއި ދިރްހަމްތަކެއް ނެތް. އަދ މީގެ ތެރޭގައި ހުންނާނެ ޖަވާހިރު ވެސް. ޔާގޫތާއި، މުތީއާއި، މަރްޖާނާއި، ޒުމައްރަދާއި، ފުސްފަރާގާއި، އަލިމަހާއި ނީލަމާއި، ގޯމެދާއި، ވައިދެރިޔާ. މިއިން އެކައްޗެއް ވެސް ނެތް." ހާސްވެފައި ހުރި ސުލާލަތު ބުންޏެވެ.
"ފަހަރެއްގައި ވެދާނެ ނޫން ތޯ އެހެން ތަނެއްގައި ބެހެއްޓުނީ ކަމަށް ވެސް." ޢާބިސް ބުންޏެވެ.
"ނޫން. އަހަރެންނަކީ ފައިސާއާއި ޖަވާހިރުތައް އެޅުމަށް ހާއްސަކޮށް އަހަރެން ގަނެގެން ގެނެސްފައިވާ މި މަވާލުގައި ނޫނީ އަހަރެންގެ ފައިސާއާއި ޖަވާހިރުތައް ބަހައްޓާ މީހެއް ނޫން. ރޭގައި އަހަރެން މީގެ ތެރެއަށް ލީ ކީސާގެ ތެރޭގައި އެކަނިވެސް ފަސް ސަތޭކަ ދީނާރާއި އެއް ހާސް ދިރްހަމް އޮންނާނެ." ސުލާލަތު ބުންޏެވެ.
"މަތިވެރިވެގެންވާ އިލާހުންތައް ކަލޭގެ ތިޔަ ގެއްލުމުގެ ބަދަލު ލިބިދެއްވާނެ. އަދި އަހަންނަށް ވެސް ކޮންމެވެސް ގޮތެއް ދައްކަވާނެެ." ދެރަވެފައި ހުރެ ޢާބިސް ބުންޏެވެ.
"މަތިވެރިވެގެންވާ އިލާހުންތައް!! އާނ. އާނ. މިހާރު އަހަންނަށް ވިސްނިއްޖެ." ސުލާލަތު ބުންޏެވެ. އެ ވަގުތު އޭނާއަށް ހަނދާން ވީ މިއަދު އޭނާގެ ގާތުގައި ޠުޢުމާ ބުނި ބަސްތަކެވެ. "މަތިވެރިވެގެންވާ އިލާހުންތަކޭ! ފަހެ އަހަރެންނަށް އިލާހުންތަކެއް ވެސް އަދި އިލާހަކު ވެސް މުހިއްމެއް ނޫން. އަހަންނަށް މުހިއްމީ ރަނާއި ރިހި. ދީނާރާއި ދިރްހަމް."
"ކޮން އެއްޗެއް ތޯ ވިސްނުނީ؟" ޢާބިސް އެހިއެވެ.
"އެ ތަކެތި ވަގަށް ނެގީ ޠުޢުމާކަން އަހަންނަށް ޔަގީން. އޭނާ އެ ދިޔައީ އެ ހުރިހާ އެއްޗެއް ހިފައިގެން. ޠުޢުމާއަށް އިތުބާރު ކުރެވުނު ކަން އެއީ އަހަރެމެންގެ މޮޔަކަން." ސުލާލަތު ބުންޏެވެ.
- ނުނިމޭ -