ވޮޝިންޓަން (އޭޕްރިލް 30): އެމެރިކާގެ ރައީސް ކަމަށް އިންތިހާބުވެއްޖެ ނަމަ، އިސްރާއީލްގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސްއިން ތެލް އަވީވަށް ބަދަލު ނުކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.
އިސްރާއީލްގައި ހުންނަ އެމެރިކާގެ އެމްބަސީ ތެލް އަވީވުން ގުދުސަށް ބަދަލު ކުރީ 2018 ވަނަ އަހަރު ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގަ އެވެ. އޭގެ ކުރިން އެމެރިކާއިން ވަނީ ގުދުސަކީ އިސްރާއީލްގެ ވެރިރަށް ކަމަށް ބަލައިގަނެފަ އެވެ.
ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށްވެ ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ބައިޑެން ވިދާޅުވި ގޮތުގައި މިހާރު އެ އެމްބަސީ ގުދުސަށް ބަަދަލުކޮށްފައި ވަނީ ރަނގަޅު ގޮތަކަށް ނޫން ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ. ނަމަވެސް މިހާރު އެކަން ކޮށްފައި ވުމުން، އޭނާގެ ވެރިކަމެއްގައި އެމްބަސީ އަލުން ތެލް އަވީވަށް ބަަދަލު ނުކުރާނެ އެވެ.
"އެމްބަސީ [ގުދުސަށް] ބަދަލު ކުރީ އެކަން ކުރަންވީ ގޮތަކަށް ނޫން. އެ ބަދަލު އަސްލު ގެންނަންވީ [އިސްރާއީލާއި ފަލަސްތީނުގެ] ސުލްހައަށް ބޭނުންވާ ޝަރުތަތަކެއް ފުރިހަމަ ކުރެވޭ ގޮތަށް... ނަމަވެސް މިހާރު އެ ބަދަލު ގެނެސްފައި ވުމުން، އަޅުގަނޑު އެ އެމްބަސީ އަނެއްކާ ތެލް އަވީވަށް ބަދަލު ނުކުރާނަން،" ބައިޑެން ވިދާޅުވި އެވެ.
ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޓިކެޓު ހަވާލުކުރުން އޮންނާނީ އަންނަ އޮގަސްޓް މަހު ބާއްވަން ހަމަޖެހިފައިވާ އެ ޕާޓީގެ ކޮންވެންޝަންގަ އެވެ. އަދި އަންނަ ނޮވެމްބަރު ތިނެއްގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަ ކުރައްވާނެ ކަމަށް ބެލެވެނީ ރައީސް ޓްރަމްޕެވެ.