ރޯދަ ސުންބުލި: ޒުވާބު ނުކުރޭ، ހަޑިހުތުރު އެއްޗެހި ނުބުނޭ!

ރޯދައަށް ހުންނަ ވަގުތުތަކުގައި ވަރަށް ފަސޭހައިން މީހުންނަށް ރުޅިއާދެވެއެވެ. މިފަދަ ވަގުތުތަކުގައި ރުޅި އިސްކޮށް މީހުންނާއި ޒުވާބުކޮށް އަނގައިން ބުނެވޭ ނުބުނެވޭ އެއްޗެއްވެސް ނޭނގޭ ހިސާބަށް ގޮސްފައިވެސް އެބަހުއްޓެވެ. އެފަދައިން ވެއްޖެނަމަ އެމީހެއްގެ ރޯދަ އަށް އަސަރުކުރާނެ ހެއްޔެވެ؟ އެ ރޯދަައިގެ ފުރިހަމަ ދަރުމައާއި ސަވާބު އެމީހަކަށް ލިބޭނެ ހެއްޔެވެ؟

ރޯދަ ސުންބުލީގެ މުޅިން އާ އެޕިސޯޑަކާއި އެކު މިއަދި އުސްތާޒާ ސާމިޔާ ޒަކަރިއްޔާ ޖަވާބުދެއްވަނީ މި ސުވާލަށެވެ.

ސ: ރޯދައަށްހުރެ، މީހަކާއި ޒުވާބުކޮށް ހަޑިހުތުރުބަހުން ވާހަކަދެއްކުމަކީ ކޮންކަހަލަ ކަމެއް؟

ޖ: ރަމަޟާންމަހު ރޯދައަށް އަހަރެމެން މިތިބެނީ މާތްﷲއަށް އަޅުކަމެއް އަދާކުރުމަށެވެ. އެހެންވުމުން މި އަޅުކަން އަދާކުރުމުގައި ނުބައި ކަންކަމުން ދުރުވެ ހުރުމަށް ކޮންމެހެން ވެސް ސަމާލުކަން ދޭން ޖެހެއެވެ. ހަމައެހެންމެ ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް ވަނީ ރޯދައަށް ހުރެ ހަޑިހުތުރުބަހުން މުއާމަލާތުކުރުުމާއި ދެކޮޅަށް ވަރަށް ބޮޑަށް އިރުޝާދު ދެއްވާފައެވެ.

އުސްތާޒާ ސާމިޔާ ވިދާޅުވަނީ ރަސޫލާގެ ހަދީސް ބަސްފުޅުތަކުންވެސް ދޭހަވާގޮތުގައި މީހާ ރޯދައަށް ހުރެ، އެހެންމީހުންނާއި ހަޑިހުތުރުބަހުން ވާހަކަދައްކާ ކަމުގައިވާނަމަ ރޯދައަށް ހުރުމުގެ އެއްވެސް ބޭނުމެއް ނެތްކަމުގައެވެ.

އެހެންކަމުން ރޯދައަށް ހުރެ ހަޑިހުތުރުބަހުން ވާހަކަދެއްކިކަމުގައި ވިޔަސް އެމީހެއްގެ ރޯދަ ސައްޚަވެދާނެ ކަމަށާއި ނަމަވެސް އެ ރޯދައިގެ ފުރިހަމަ ދަރުމައާއި ސަވާބު އުނިވާނެ ކަމަށާއި އެ ރޯދައިގެ މާތްކަން އެންމެ ފުރިހަމައަށް ލިބުމުން މަހުރޫމުވާނޭކަމަށް އުސްތާޒާ ވިދާޅުވިއެވެ.

އެހެންކަމުން މިފަދަ ހަޑިހުތުރު އަމަލުތަކުންނާއި މީހުންނާއި ޒުވާބުކޮށް މަލާމާތްކުރުންފަދަ ގޯސްއަމަލުތަކުން ދުރުހެލިވުމަށް އުސްތާޒާ ސާމިޔާ ނަސޭހަތްތެރިވިއެވެ.

comment ކޮމެންޓް