ކޮވިޑާ ގުޅިގެން 55 މީހަކު ނަފްސާނީ ފަރުވާ ހޯދަން އައި: އައިޖީއެމްއެޗް

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އާރިފު ވާހަކަ ދައްކަވަނީ --- ފޮޓޯ/ އެންއީސޯސީ

ކޮވިޑް19ގެ ސަބަބުން ނަފްސާނީ އެހީތެރިކަން ބޭނުންވެގެން މޯލްޑިވިއަން ރެޑްކްރޮސެންޓުން ގާއިމްކޮށްފައިވާ ސައިކޯސޯޝަލް ސަޕޯޓް (ޕީޕީއެސް) ހޮޓްލައިން އިން 1400 އަށް ވުރެ ގިނަ މީހަކަށް އެހީތެރިކަން ފޯރުކޮށްދީ، އޭގެ ތެރެއިން 55 މީހަކު އައިޖީއެމްޗަށް ރިފާ ކުރި ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ކޮރޯނާވައިރަސް އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ނަފްސާނީ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.

ނަފްސާނީ މައްސަލަތަކުގެ މައުލޫމާތު ދިނުމަށް މިއަދު މެންދުރުފަހު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްޗްގެ ނަފްސާނީ ބަލިތަކާ ބެހޭ ޑރ. އާރިފު މުހައްމަދު ވިދާޅުވީ، އެގޮތަށް އައިޖީއެމްޗަށް ރިފާ ކުރަނީ ވަރަށް ނަފްސާނީ ގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތައް ކަމަށެވެ. އެގޮތުން ކަރަންޓިންގައި ތިބި މީހުންނާއި އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް ޑރ. އާރިފު ވިދާޅުވިއެވެ.

"ޕީޕީއެސްގެ ސެންޓަރުގެ ކޯލްތަކުގެ ތެރެއިން ވަރަށް މަދު އަދަދެއް އަޅުގަނޑުމެންނަށް އަންނާނީ. އޭގެ ތެރެއިން ވަރަށް ބޮޑަށް އަސަރުކޮށްގެން ފުރޭނިގެން އަޅުގަނޑުމެންނާ ހަމައަށް އަންނާނީ. ކޮވިޑާ ގުޅިގެން 55 ފަރާތެއް އައިޖީއެމްޗަށް ރިފާ ކުރީ،" ޑރ. އާރިފު ވިދާޅުވިއެވެެ.

ޑރ. އާރިފު ވިދާޅުވީ، މިހާރު މި އޮތް ހާލަތުގެ ތާފާސް ހިސާބުތަކަށް ބަލާއިރު ނަފްސާނީ ގޮތުން ދިމާވާ މަސައްލަތައް އިތުރުވަމުންދާ ކަމަށެވެ. އެގޮތުން އައިޖީއެމްޗް އިން މިދިޔަ މާޗު މަހު ބެލި ނަފްސާނީ ބަލި މީހުންގެ އަދަދާއި މިދިޔަ އަހަރުގެ މާޗް މަހު ބެލި މީހުންގެ އަދަދު ދެގުނަ ވެފައިވާ ކަމަށް ޑރ. އާރިފް ވިދާޅުވިއެވެ.

"މިދިޔަ މަހު އައިޖީއެމްޗް އިން ބެލި މީހުންގެ އަދަދަކީ، 615. އެއީ މިދިޔަ އަހަރުގެ މި މަހަށް ބަލައިފި ނަމަ އެއީ ދެގުނަ ބޮޑު އަދަދެއް. ކުރިމަގުގައި މި އަދަދުތައް ބޮޑުވާނެ ކަމަށް އަޅުުގަނޑުމެންނަށް އަންދާޒާ ކުރެވެނީ،" ޑރ. އާރިފު ވިދާޅުވިއެވެ.

އެމްއާރުޑީސީގެ ހޮޓްލައިނަށް ގުޅައިގެން 1،400 އަށް ވުރެ ގިނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިން

ނުސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވިއަން ރެޑްކްރެސެންޓްގެ ޕްރޮގްރާމު އޮފިސަރު މައީދު މުހައްމަދު ޒާހިރު ވާހަކަ ދައްކަވަނީ

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޯލްޑިވިއަން ރެޑްކުރެސެންޓްގެ ޕްރޮގްރާމު އޮފިސަރު މައީދު މުހައްމަދު ޒާހިރު ވިދާޅުވީ، ނަފްސާނީ އެހީ ބޭނުންވާ މީހުން އެ ޖަމްއިއްޔާއަށް ގުޅުންމުން ފުރަތަމަ އެސެސްމަންޓެއް ހެދުމަށްފަހު، އިތުރަށް އެހީ ބޭނުންވާ މީހުންގެ ހާލަތު އަނެއްކާވެސް ގާތުން ބަލަމުންދާ ކަމަށެވެ. އެގޮތުން އެ ޖަމްއިއްޔާ އިން ދޭ އެހީތެރިކަމުގެ އިތުރަށް އިތުރު އެހީ ބޭނުންވާ މީހުން ރިފާ ކުރަނީ އައިޖީއެމްއެޗަށް ކަމަށް މައީދު ވިދާޅުވިއެވެ.

"މޯލްޑިވިއަން ރެޑްކްރެސެންޓް އިން މި ދޭ ސައިކޯސޯޝަލް ސަޕޯޓް ނުވަތަ ސައިކޮލޮޖިކަލް ފަސްޓް އެއިޑްއަކީ، ޕްރޮފެޝަނަލް މެންޓަލް ހެލްތް ސަޕޯޓެއް ނޫން. އެ ޕޮރޮފެޝަނަލް މެންޓަލް ހެލްތައް ދިޔުމަށް އަޅުގަނޑުމެން ހަދަނީ ކުޑަވަރެއްގެ އެސެސްމަންޓެއް،" މައީދު ވިދާޅުވިއެވެ.

މައީދު ވިދާޅުވި ގޮތުގައި، މިދިޔަ މަހުގެ ހަތް ވަނަ ދުވަހު އެންއީއޯސީގައި އެ ޖަމްއިއްޔާގެ ޑެސްކެއް ގައިމުކުރުމަށްފަހު ގިނަ މީހުންތަކެއް އެތަނުގެ ހޮޓްލައިނަށް ގުޅަމުންދާ ކަމަށެވެ. މައީދު ވިދާޅުވީ، ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ހޮޓަލައިނަށް ގުޅި 1،468 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށެވެ.

މިހާރު މާލޭގައި ކޮވިޑް-19 ގެ ކޮމިިއުނިޓީ ސްޕްރެޑެއް ފެށުމާއެކު އަންނަމުންދާ ކޯލްތައްވެސް ގިނަވެފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އެއާއެކު އެތަނުގެ ކެޕޭސިޓީވެސް މިހާރު ބޮޑުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިދޔަ އާދިއްތަ ދުވަހުން ފެށިގެން ނަފްސާނީ އެހީ ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރިމޯޓް ސެޓަޕެއް ގައިމްކޮށްފައިވާނެ ކަމަށް މައީދު ވިދާޅުވިއެވެ.

"ރިމޯޓް އޮޕަރޭޝަން ހުޅުވާލިފަހުން މިދިޔަ ދެދުވަސްތެރޭ މިހާތަނަށް 95 ފަރާތަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައި. އެއީ ނުވަ ގަޑިއިރުގެ ފޯން ކޯލް. އަދި ރިމޯޓްކޮށް މި ސެޓަޕް ފެށުމުގެ ކުރިން 1،373 ސައިކޯސޯޝަލް ސަޕޯޓް ފޯރުކޮށްދީފައިވާނެ،" މައީދު ވިދާޅުވިއެވެ.

މައީދު ވިދާޅުވިގޮތުގައި، އެ ޖަމްއިއްޔާ އިން މިހާތަނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިން ޖުމްލަ 1،468 މީހުންގެ ތެރެއިން ގިނައީ، ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީސްތަކުގައި ތިބި މީހުން ކަމަށެވެ.

އޭނާ ވިދާޅުވީ، މިހާރު ތަޖުރިބާ ލިބިފައިވާ 44 ވޮލެންޓިއަރުން މަސައްކަތް ކުރަމުންދާ ކަމަށާއި އަދި އިތުރު 266 މީހަކަށް ތަމްރީން ދީފައިވާނެކަމަށެވެ.

މޯލްޑިވިއަން ރެޑްކްރެސެންޓްގެ ސައިކޯސޯޝަލް ސަޕޯޓްގެ ހޮޓްލައިން ނަންބަރަކީ، 1425 އެވެ. މި ހޮޓަލައިނަށް ގުޅޭނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ މެންދުރު 12:00 އިން ހަވީރު 5:00 އަށެވެ. އަދި ރޭގަނޑު 8:00 އިން ދަންވަރު 12:00 އަށެވެ.

comment ކޮމެންޓް