އައިޔޫއެމް ގުރުއާން މުބާރާތް މިފަހަރު އޮންލައިންކޮށް

ޔޫތު ސިޓީ ގުރުއާން މުބާރާތުގެ ބައިވެރިއެއް ކިޔަވަނީ---

ކޮންމެ އަހަރަކުވެސް އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގެ ސްޓޫޑަންޓް ޔޫނިއަންއިން އިންތިޒާމްކޮށްގެން ބާއްވާ ގުރުއާން މުބާރާާތް މިފަހަރު އޮންލައިންކޮށް ބާއްވަން ނިންމައިފި އެވެ.

ހަަމައެކަނި އައިޔޫއެމްގެ ދަރިވަރުންނަށް ބައިވެރިވެވޭ އެ މުބާރާތް އަންނަ ހޮނިހިރު ދުވަހު ފަށާ ގޮތަށް މިހާރު ވަނީ ނިންމައިފަ އެވެ.

އައިޔޫއެމް ސްޓޫޑަންޓް ޔޫނިއަން ވައިސް ޕްރެޒިޑެންޓް މަހުދީ އަހުމަދު "ސަން" އަށް ވިދާޅުވީ އެ މުބާރާތް ކުރިއަށް ގެންދާނީ ދެ ރައުންޑަކަށް ކަމަށެވެ. އަދި ދެ ރައުންޑުގައިވެސް ފަސް ރާގަކުން ކުރެ އެއް ރާގަކަށް ކިޔެވޭނެކަމަށް އޭނާ ވިދާޅުވި އެވެ.

ދެވަނަ ރައުންޑަށް ދެވޭނީ ފުރަތަމަ ރައުންޑުން އެންމެ މަތިން މާކްސް ލިބޭ ދަރިވަރުންނަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ފުރަތަމަ ރައުންޑްގައި ޖެހޭނީ ބަގަރާ ސޫރަތުގެ ފުރަތަމަ 12 އާޔަތް، ދެވަނަ ރައުންޑްގަިއ ޖެހޭނީ މުލްކު ސޫރަތުގެ ފުރަތަމަ އަށް އާޔަތް. ފުރަތަމަ ރައުންޑްގައި ކިޔަވާ ރާގަކަށް ދެވަނަ ރައުންޑްގައި ނުކިޔެވޭނެ" މަހުދީ ވިދާޅުވި އެވެ.

މަހުދީ ވިދާޅުވީ މުބާރާތުގައި ބައިވެރވާ ފަރާތްތަކަށް ވީޑިއޯ ހުށަހަޅަން 12 ދުވަސް ދޭނެ ކަމަށެވެ. އެގޮތުން ފޭސްބުކްއިން ވީޑިއޯ އަޕްލޯޑް ކުރުމަށްފަހު ޕޯސްޓްކުރާއިރު ދަރިވަރުގެ ނަމާއި ސްޓޫޑަންޓް އައިޑީގެ އިތުރުން އިސްލާމިކް ޔުނިވާސިޓީގެ ސްޓޫޑަންޓް ޔޫނިއަންގެ ފޭސްބުކް ޕޭޖް ޓެގްކުރަން ޖެހޭނެކަމަށްވެސް މަހުދީ ވިދާޅުވި އެވެ.

comment ކޮމެންޓް