ދޯންޏެއް ވަގަށް ނެގި ހަތަރު މީހަކު ހައްޔަރުކޮށްފި

ރ. އުނގޫފާރު --

ރޭ ދަންވަރުގެ ވަގުތެއްގައި ރ. އުނގޫފާރު ބަނދަރުގައި އަޅާފައި އޮތް ދޯންޏެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ދޯނި ވަގަށް ނަގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ރޭ ރަންވަރު 12:15 ހާއިރު ކަމަށެވެ.

ފުލުހުންނަށް މައްސަލަ ރިޕޯޓުކޮށްފައި ވަނީ އުނގޫފާރު ފަޅުގައި އަޅާފައި އޮތް ދޯންޏެއްގެ ވެރިފަރާތަށް ނޭނގި، އެ ދޯނި ވަގަށް ނަގައިގެން އެ އަތޮޅު މާކުރަތަށް ގެންގޮސްފައިވާ ކަމަށް ބުނެއެވެ.

އޮފިޝަލް ވިދާޅުވީ އެ މައްސަލައާ ގުޅިގެން ރޭ 12:50 ހާއިރު، މާކުރަތުން ހަތަރު ދިވެހިން ހައްޔަރުުކޮށްފައިވާ ކަމަށެވެ. މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 18 އަހަރުގެ ދެ މީހުންނާއި 28 އަހަރުގެ މީހަކާއި 29 އަހަރުގެ މީހެކެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް