ކަރަންޓީނު ކުރި ބިދޭސީން ސަން ސިޔާމުގެ ރިސޯޓަކަށް ބަދަލުކޮށްފި

ސަން ސިޔާމުގެ އޮޅުވެލި ބީޗު ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް --

އެކަށީގެން ނުވާ ހާލަތުގައި ހުރި ކަރަންޓީނު ފެސިލިޓީއެއްގައި ތިބި ހުރިހާ ބިދޭސީން ސަން ސިޔާމުގެ ރިސޯޓަކަށް މިހާރު ބަދަލުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ނާޒިމާ ވިދާޅުވީ ދައުރުވަމުންދާ ވީޑިއޯގައި ފެންނަ ކަރަންޓީނު ފެސިލިޓީއަކީ އެކަށީގެންވާ ތަނަކަށް ނުވާތީ އެމީހުން މިހާރު ސަން ސިޔާމުގެ ރިސޯޓަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

"ކަރަންޓީނު ފެސިލިޓީގައި ހުރި ކަންތައްތަކެއްވެސް ވީޑިއޯއަކަށް އެބައުޅޭ ގޮސްގެން. އެކަންތަކުގައި އެބޭފުޅުން ތިބި ކަރަންޓީނު ފެސިލިޓީ ވަރަށް އެހެންކަހަލަ ހާލަތެއްގައި ހުރިތަނެއް ވީމަ މިއަދު އެތާގަ ތިބި ހުރިހާ ނެޝަނަލިޓީއެއްގެ ބޭފުޅުންވެސް ސަން ސިޔާމުގެ ކޮންމެވެސް ރިސޯޓަކަށް މިއަދު ވަނީ ބަދަލު ކޮށްފި." ނާޒިމާ ވިދާޅުވި އެވެ.

ކޮމިޓީގައި ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ވިދާޅުވީ ރާއްޖޭގައި މަސައްކަތް ކުރަމުންދާ ސްރީލަންކާގެ މަސައްކަތްތެރިންވެސް އުޅެމުން ދަނީ ވަރަށް ހާލުގައި ކަމަށެވެ. އެގޮތުން އެމީހުންނަށް ކާބޯތަކެތިވެސް ނުލިބޭ ކަމަށާއި ތަކެތި ގަންނަން ދިއުމުން ފިހާރަތަކުން ދިވެހިންނަށް ވިއްކާފައި ބާކީވާ ތަކެތި ނޫނީ ނުލިބޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.

އެ އަމަލުތައް ފެންނަ ވީޑިއޯއެއް ސްރީލަންކާގެ މަސައްކަތްތެރިން ސޯޝިއަލް މީޑިއާގައި އާންމުކޮށް އާދޭހާ އެކު ގައުމަށް ގެންގޮސްދޭން އެދިފައިވާ ކަމަށް މެމްބަރު ޒާހިރު ވިދާޅުވި އެވެ. އަދި އެމީހުން ފޮނުވާލެވޭނީ ކޮންއިރަކުތޯ ޒާހިރު ސުވާލު ކުރެއްވި އެވެ.

ނާޒިމާ ވިދާޅުވީ ހުރިހާ ގައުމެއްގެ މީހުންވެސް ގައުމަށް ދާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހޯދައި ދިނުމަށް ފޮރިން މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަމުން ދާ ކަމަށެވެ. އެކަމަކު ބޯޑަރުތައް ބަންދު ކުރުމާ ގުޅިގެން އެކަން ހުއްޓިފައި އޮތް ކަމަށް ވިދާޅުވި އެވެ.

ބިދޭސީންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގައި ޑެލިވަރީގެ ހުރި މައްސަލަތަކާހެދި ލަސްތަކެއް އުޅޭ ކަމަށާއި އެއަށްވުރެ ސްޕީޑްއަޕް ކުރެވޭނެ ގޮތަކަށް ކަންކަން ކުރެވޭތޯ ބަލަމުން ދާ ކަމަށް ނާޒިމާ ވިދާޅުވި އެވެ.

comment ކޮމެންޓް