ފޭސްބުކްއިން އިންޑިއާގެ ރިލަޔަންސް ޖިއޯގެ 10 ޕަސެންޓް ހިއްސާ ގަންނަނީ

ފޭސްބުކް---

ދުނިޔޭގެ ސޯޝަލް މީޑިއާގެ އެންމެ ބޮޑު ކުންފުނި ފޭސްބުކްއިން އިންޑިއާގެ ރިލަޔަންސްގެ ސަބްސިޑަރީ ކުންފުނި ޖިއޯގެ 10 ޕަސެންޓް ހިއްސާ 5.7 ބިލިއަން ޑޮލަރަށް ގަންނަން ނިންމައިފި އެވެ.

މިއީ ފޭސްބުކްގެ އެންމެ ބޮޑެތި އިންވެސްޓްމަންޓްތަކުގެ ތެރޭގައި ހިމެނޭ އިންވެސްޓްމަންޓެކެވެ. އެ އިންވެސްޓްމަންޓާއެކު ޖިއޯގެ ނެޓްވޯތުގެ އަގު 66 ބިލިއަން ޑޮލަރަށް އަރާނެ އެވެ.

އިންޑިއާގެ އެންމެ ބޮޑު މަހުޖަނު މުކޭޝް އަމްބާނީގެ ކުންފުނި ރިލަޔަންސް މި ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ދަރަނިވެރިވެފަ އެވެ. މިދިޔަ ސެޕްޓެމްބަރާ ހަމައަށް އެކުންފުނީގެ ދަރަނި 40 ބިލިއަނަށް އަރައިފައިވާއިރު ފޭސްބުކްއާއެކު ހެދި ޑީލްގެ ސަބަބުން ދަރަނިތައް ވަރަށް ބޮޑަށް ކުޑަވެގެން ދާނެ އެވެ.

ރިލަޔަންސްގެ ޖިއޯއަކީ މޮބައިލް ނެޓްވޯކާއި ބްރޯޑްބޭންޑް އިންޓަނެޓްގެ އިތުރުން އީ ކޮމާސްގެ ހިދުމަތްވެސް ދެމުންގެންދާ ކުންފުންޏެކެވެ.

އެ ޑީލްގެ ސަބަބުން އިންޑިއާގައި ވަޓްސްއަޕް މެދުވެރިކޮށް އޮންލައިން ޕޭމަންޓްތައް ދިނުމަށްވެސް މަގުފަހިވެގެންދާނެ އެވެ. ވަޓްސްއަޕްއަކީ ފޭސްބުކްއިން ހިންގާ ކުންފުންޏެއްވެސް މެއެވެ. އިންޑިއާގައި ވަޓްސްއަޕް ބޭނުންކުރާ މީހުންގެ އަދަދު 400 މިލިއަނަށް އަރަ އެވެ.

އިންޑިއާގައި މިހާރުވެސް ގޫގަލްޕޭއިންވެސް ދަނީ ހިދުމަތް ދެމުންނެވެ. ފޭސްބުކްއިން ޖިއޯއާއެކު ހެދި ޑީލްގެ ސަބަބުން ވަޓްސްއަޕް ޕޭމަންޓްގެ ހިދުމަތް އިންޑިއާގައި ފަށައި ހިދުމަތް ފުޅާކުރެވޭނެކަމަށް ވަނީ ބެލެވިފަ އެވެ.

comment ކޮމެންޓް