މިއަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި، ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދާ ގާތަށް ވެސް ފައިސާ ނުލިބޭނެ ކަމަށާއި، އެހެންކަމުން ކުރިއަށް ގެންދަން ހުރި ޕްރޮޖެކްޓުތައް ހުއްޓާލަން ޖެހޭނެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު، އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
އާޒިމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ފޮނުއްވާފައިވާ ސިޓީއާ ގުޅިގެން ވާހަކަދައްކަވަމުންނެވެ.
އެ ސިޓީގައި މިނިސްޓަރު އެދިވަޑައިގަތީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ބ) އަދި (ރ) އަށް އަމަލު ކުރުން އެއް އަރަހަށް ފަސްކޮށްދިނުމަށެވެ. އެގޮތަށް ފަސްކޮށް ދިނުމަށް އެދޭ ސަބަބެއް ކަމަށް ސިޓީގައި ބުނެފަނީ މިވަގުތަކީ އެ ގާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގައި ބުނާ ގުދުރަތީ ކާރިސާއެއް މެދުވެރިވެފައިވާ ހާލަތަކަށް ވާތީ އެވެ.
ސިޓީއާ ގުޅިގެން ވާހަކަދައްކަވަމުން މެމްބަރު އާޒިމް ވިދާޅުވީ މިހާރުގެ ހާލަތުން ބަޖެޓަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި، ލިބޭނެކަމަށް އަންދާޒާ ކުރި މިންވަރާ ގާތަށް ވެސް ފައިސާ ލިބެން ނެތް ކަމަށެވެ.
"އެހެންވީމަ މިކަން އަޅުގަނޑުމެން މެމްބަރުން ދިރާސާކުރަން ޖެހޭނެ. ޔަގީނުން ވެސް ދާއިރާގެ ކައުންސިލަރުންނާ ވާހަކަދައްކަން ޖެހޭނެ، ޕްރޮޖެކްޓުތައް ހުއްޓާލަން ޖެހޭނެ،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ މިއީ ލޯމަރާލައިގެން ތިބެ ކުއްލިއަކަށް ނިންމޭނެ ކަންކަން ނޫން ކަމަށާއި، ފިނޭންސް މިނިސްޓަރު މަޖިލީހަށް ފޮނުއްވާފައިވާ ސިޓީއާ ގުޅިގެން ވަރަށް ރަނގަޅަށް ބަހުސްކޮށް، ވީއެންމެ އަވަހަކަށް އެކަން ނިންމަން ޖެހޭނެ ކަމަށެވެ.
މިއަހަރަށް ފާސްކުރި 37.8 ބިލިއަން ރުފިޔާގެ ބަޖެޓުގައި ޕީއެސްއައިޕީގެ ގޮތުގައި ފާސްކޮށްފައިވަނީ 10.45 ބިލިއަން ރުފިޔާ އެވެ. އަދި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 29.92 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މީގެ ކުރިން މިނިސްޓަރު އަމީރު ވިދާޅުވެފައި ވަނީ ކޮރޯނާވައިރަސްއާ ގުޅިގެން ސަރުކާރުން ފުރަތަމަ ކޮށްފައިވާ ބަޖެޓުގެ އަންދާޒާތަކަށް މިހާރު ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެގޮތުން ޓޫރިޒަމް ދަށްވެ، ބަޖެޓަށް މިއަހަރު ލިބޭނެ ކަމަށް ލަފާވާ، 30 ބިލިއަން ރުފިޔާ ނުލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކޮވިޑް19އާ ގުޅިގެން މިއަހަރުގެ ބަޖެޓު 12 ބިލިއަން ރުފިޔާއިން ޑެފިސިޓްވާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފަ އެވެ.
އަދި ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމުން 212 މިލިއަން ރުފިޔާގެ ކޮންޓިންޖެންސީ ބަޖެޓެއް ވެސް ފިނޭންސުން ކަނޑައެޅި އެވެ.