ހަނިމާދޫގައި ކާފިއު އިއުލާނުކޮށް، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި

ހަނިމާދޫ---

މިއަދުން ފެށިގެން އަމަލުކުރާ ގޮތަށް ހދ. ހަނިމާދޫގައި ކާފިއު އިއުލާނުކޮށްފި އެވެ.

ހަނިމާދޫގައި ކާފިއު އިއުލާނުކޮށްފައި ވަނީ ހއ. އުލިގަމުން މީހަކު ކޮވިޑް19އަށް ޕޮޒިޓިވްވެފައިވަނިކޮށެވެ. މާލެއިން އުލިގަމަށް ދަތުރުކުރި ބޯޓުގައި އޭނާ ވަނީ ހދ. ކުޅުދުއްފުށްޓަށް ވެސް ފައިބައިފަ އެވެ.

ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސަލާމް އަލީ "ސަން"ޢަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކާފިއު އިއުލާނު ކުރި ނަމަވެސް އުލިގަމުން ޕޮޒިޓިވްވި މީހާ އެ ރަށަށް ނާންނަ ކަމަށެވެ.

"އެމީހާ މިރަށަކަށް ނާދޭ. ނަމަވެސް މިއީ ހަނިމާދޫ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް އެޅި ފިޔަވަޅެއް. މި ސަރަހައްދުގެ އެހެން ރަށްތަކުން ވެސް މިފަދަ ގޮތަކަށް އަމަލުކުރަމުންދަނީ." އަބްދުއްސަލާމް ވިދާޅުވި އެވެ.

މިއަދުން ފެށިގެން ހަނިމާދޫގައި އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ މައިގަނޑު ހަތަރު ކަމެކެވެ. އެގޮތުން މިއަދުން ފެށިގެން ކޮންމެ ރެއަކު ވެސް 11:00 އިން ފެށިގެން ފަތިހު 5:00އާ ހަމައަށް އެއްވެސް މީހަކު ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ. މިކަމުން އިސްތިސްނާ ވާނީ ސަލާމަތީ ބާރުތަކާއި ސިއްހީ އެހީތެރިންނާއި ކައުންސިލުން ހުއްދަ ދޭ މީހުންނެވެ.

ޒަރޫރީ ބޭނުމެއް ޖެހިގެން ގެއިން ނިކުންނަން ޖެހިއްޖެ ނަމަ ޓާސްފޯސްގެ ހޮޓްލައިން ނަންބަރު 7602603، ސިއްހީ މަރުޒަކުގެ ނަންބަރު 6520083، ހަނިމާދޫ ޕޮލިސް 9790077، ސޯޝަލް ޑެސްކް ނަންބަރު 7743397 ނުވަތަ ކައުންސިލްގެ ރައީސްއަށް ގުޅައި ހުއްދަ ލިބިގެން ނިކުމެވޭނެ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހިމެނޭ ސަރަހައްދަށް ނުދިއުމަށް މިހާރު ވެސް އެ އެއާޕޯޓުން އޮތީ އިއުލާނުކޮށްފަ އެވެ. މިފަދަ ސިނާއީ ތަންތަނުގައި ބަލި ފެތުރުމުގެ ފުރުސަތު އޮތުމާއެކު އެ ޑިއުޓީކުރާ މުވައްޒަފުން ފިޔަވައި އިތުރު މީހުން އެ ސަރަހައްދަށް ދިއުން ވެސް ވަނީ މަނާކޮށްފަ އެވެ. ނަމަވެސް އޭޓީއެމްއާ ހަމައަށް ދިއުމުގެ ހުއްދަ އޮންނާނެ ކަމަށް ކައުންސިލުން ބުނެ އެވެ.

އިތުރަށް އަޅާފައިވާ ފިޔަވަޅުތަކަކީ؛

  • ބޭރުން ރަށަށް ގެންނަ މުދާ، އުޅަނދަށް މުދާ އެރުވި ބަނދަރުން އުޅަނދު ފުރިތާ 24ގަޑިއިރު ހަމަވުމުގެ ކުރިން ރަށަށް ނުބާލައި އުޅަނދުގައި ބެހެއްޓުން ނުވަތަ ސަޕޯޓު ޑެސްކުން އަންގާ ތަރުތީބަކުން ބަނދަރުގައި ބެހެއްޓުމަށްފަހު ވައިރަސްގެ އަސަރު ކަނޑުވާލަން އެޗްޕީއޭއިން ކަނޑައަޅާ މިންގަނޑުން ސްޕްރޭ ކުރުން.
  • މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު، ތިލަފުށި އަދި މިހާރު ކަރަންޓީނު ކޮށްފައިހުރި ރަށްރަށުންނާއި އެއްވެސް ތަނަކުން މީހަކު ރަށަށް ނޭރުން އަދި މިފަދަ ތަނަކުން މީހަކު އަރަން އުޅެފިނަމަ ސަލާމަތީ ބާރުތައް މެދުވެރިކޮށް ގާނޫނީ ފިޔަވަޅު އެޅުން. އެފަދަ ތަނަކުން މީހަކު ގެންނަ އުޅަނދުފަހަރުގެ ކެޕްޓަނާއި ވެރިފަރާތާ މެދު ފިޔަވަޅު އަޅައި، ވަކި މުއްދަތެއް ވަންދެން ހަނިމާދޫ ބަނދަރަށް ނުވަދެވޭ ގޮތަށް އުޅަނދު ސަސްޕެންޑު ކުރުން.

ހއ. އުލިގަމުން ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވަނީ މިމަހުގެ 15 ވަނަ ދުވަހު މާލެއިން ފުރި ބޯޓެއްގައި އެރަށަށް ދިޔަ މީހެކެވެ.

އޭނާ ކުޅުދުއްފުށި ސިޓީގައި މަޑުކޮށް، އެ ސިޓީގެ ގިނަ އަދަދެއްގެ ބަޔަކާ ކޮންޓެކްޓުވެފައި ވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސިޓީ މިއަދު މެންދުރު 12:00އިން ފެށިގެން ތިން ދުވަހަށް ވަނީ ލޮކްޑައުންކޮށްފަ އެވެ.

comment ކޮމެންޓް