ދަނޑުވެރިންގެ ތަކެތި ގަންނަން ފަށާނީ މޭ މަހު: އެސްޓީއޯ

އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު މުހައްމަދު --- ސަންފޮޓޯ/ ފަޔާޒު މޫސާ

ދަނޑުވެރިން ހައްދާ ތަކެތި ސްޓޭޓް ޓްރޭޑިންގް އޮގަނައިޒޭޝަން (އެސްޓީއޯ) އިން ގަންނަން ފެށުމުގެ ވިސްނުން ހުރީ މޭ އެއް ވަނަ ދުވަހުން ފެށިގެން ކަމަށް އެ ކުންފުނީގެ އެމްޑީ ހުސައިން އަމްރު މުހައްމަދު ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯން އެޓަޕްރައިސަސް ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އަމްރު ވިދާޅުވީ އެސްޓީއޯ އިން ތަކެތި ގަންނަން ފަށާނީ ތަކެތި އެ ކުންފުނިން ގަންނާނެ އަގުތައް ދުރާލާ އިއުލާނު ކުރުމަށް ފަހު ކަމަށެވެ. އެސްޓީއޯ އިން ގަންނަން ނިންމާފައި ވަނީ ވަކި ބާވަތެއްގެ ތަކެއްޗެވެ. އޭގެ ތެރޭގައި ހިމެނެނީ ފުޑް ސެކިއުރިޓީއަށް ކޮންމެހެން ބޭނުންވާނެ ތަކެތި ކަމަށް އަމްރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވިސްނުން ހުރީ އެކެއް މޭގައި އަޅުގަނޑުމެންގެ ލިސްޓުގައި މިހާރު ހުރި އެއްޗިހި ގަންނަން." އަމްރު ވިދާޅުވި އެވެ.

ކޮމިޓީގައި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވިދާޅުވީ ތޮއްޑޫގެ ދަނޑުވެރިން ރޯދައާ ދިމާކޮށް ހައްދާފައި ހުރި ތަކެތި މާލެ ލޮކްޑައުން ކުރުމާ ގުޅިގެން ދުވާލަކަށް 20 ނުވަތަ 30 ޓަނުގެ ތަކެތި ހަލާކުވަމުންދާ ކަމަށެވެ. ހަލާކުވާ ތަކެތީގެ ތެރޭގައި ކަރާ ކިއުކަމްބާ އަދި ލެޓިއުސް ފަދަ ތަކެތި ހިމެނޭކަން ޝިޔާން ފާހަގަ ކުރެއްވި އެވެ.

"ތޮއްޑުއަކީ ހުކުރު ނޫނީ ކޮންމެ ދުވަހަކު ދުވާލަކު ދެ ދޯނި މާލެ އަންނަ ރަށެއް." ޝިޔާން ވިދާޅުވި އެވެ.

ދަނޑުވެރިން ހައްދާ ތަކެތި އެންމެ އަވަހަށް ގަނެވޭނީ ކޮން އިރަކުތޯ ޝިޔާން ސުވާލު ކުރެއްވި އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން އަމްރު ވިދާޅުވީ ދަނޑުވެރިން ރޯދައަށް ހައްދާފައިވާ ތަކެތި މާލެ ގެނައުމަށް އިކޮނޮމިކް މިނިސްޓްރީ އިން ޕްލޭނެއް ގެންގުޅޭ ކަމަށެވެ. އަދި އެއީ މިވަގުތަށް އޮތް ހައްލު ކަމަށް އަމްރު ވިދާޅުވި އެވެ.

މަޖިލީހުގެ ކޮމިޓީގައި އަމްރު އެހެން ވިދާޅުވި ނަމަވެސް މިހާތަނަށް އިކޮނޮމިކް މިނިސްޓްރީ އިން އަދި އެއްވެސް ކަހަލަ ޕްލޭނެއްގެ ވާހަކަ އާންމުކޮށްފައެއް ނުވެ އެވެ. ދަނޑުވެރިން ހެއްދި ތަކެތި ހަލާކުވާތީ ދަނޑުވެރިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

comment ކޮމެންޓް