ސަރުކާރުން ހަދިޔާކުރާ ކާޑު ދެން ދޫކުރާނީ އެސްޓީއޯ ގުދަނުން

ސަރުކާރުން ކޮންމެ ގޭބީސީއަކަށް ހިލޭ ދޭ ކާޑު ބެހުމުގެ ތެރެއިން-- ފޮޓޯ: ސިޓީ ކައުންސިލް

ރަމަޟާންމަހަށް ހާއްސަކޮށް ކޮންމެ ގޭބީސީއަކަށް ސަރުކާރުން ހަދިޔާކުރާ ހަނޑޫ އަދި ފުށް ނުގެންދެވުނު މީހުންނަށް އެތަކެތި އެސްޓީއޯ ކާޑު ގުދަނުން ލިބޭނެ ގޮތް ހަމަޖެއްސައިފިއެވެ.

އެސްޓީއޯއިން ބުނީ ސަރުކާރުގެ ފަރާތުން ކޮންމެ ގޭބީސީއަކަށް ހަދިޔާ ކުރާ 10 ކިލޯ ބާސްމަތީ ހަނޑޫ އަދި 10 ކިލޯ ފުށް މާލެ ސަރަހައްދުން ނުގެންގޮސް ހުރި ފަރާތްތަކަށް މާދަމާއިން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް އެސްޓީއޯ ކާޑު ގުދަނުން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

ކާޑު ދޫކުރަން ނިންމާފައިވާ ގަޑިއަކީ ހެނދުނު 10:00 އިން މެންދުރު 13:00 އަށެވެ.

އެހެން ނަމަވެސް ހުކުރު ދުވަހު މިތަކެތި ބެހުމުގެ މަސައްކަތް ކުރިއަށް ނުގެންދާނެ ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.

ކާޑު ދޫކުރަން ހަމަޖެހިފައިވަނީ ކުރިން ފަހަރެކޭ އެއްގޮތަށް ދިވެހިންނަށް އެކަންޏެވެ.

އެސްޓީއޯއިން ބުނީ ކާޑު ދޫކުރާނީ ޑޮމެސްޓިކް ކަރަންޓް މީޓަރުގެ ނަންބަރަށް ބެލުމަށްފަހު، ކާޑު ބަލައި ދާ މީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑް ނަންބަރު ނޯޓުކުރުމަށްފަހު ކަމަށެވެ.

ރަމަޟާންމަހާ ދިމާކޮށް ސަރުކާރުން މާލޭގައި ކާޑު ބަހަން ފެށީ މާޗުމަހުގެ ނުވަވަނަ ދުވަހުން ފެށިގެން 16 މާޗުގެ ނިޔަލަށް، މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ.

ރޯދަ މަހާ ދިމާކޮށް ކޮންމެ ގޭބީސީއަކަށް 10 ކިލޯ ހަނޑުލާއި، 10 ކިލޯ ފުށް ބަހަން ނިންމެވީ ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައެވެ.

އޭގެ ކުރިން އެ މަނިކުފާނު ވިދާޅުވީ، ހަނޑޫ، ހަކުރު، ފުށް ފަދަ ޒަރޫރީ ތަކެތި ގެނައުމުގައި އެއް ގައުމަކަށް ބަރޯސާވުމުގެ ބަދަލުގައި އެހެން ގައުމުތަކުން ވެސް އެ ތަކެތި ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް