ލަންޑަން (އޭޕްރިލް 19): ސޯމާލިއާގެ 'ކިންގް އޮފް އޫދް'ގެ ނަމުގައި މަޝްހޫރުވެފައިވާ އަހުމަދު އިސްމާއީލް ހުސެން ހުދެއިދީ ކޮވިޑް-19 ބަލި ޖެހި، އުމުރުން 91 އަހަރުގައި މަރުވެއްޖެ އެވެ.
އަރަބި މިއުޒިކް އިންސްޓްރޫމެންޓެއް ކަމަށްވާ އޫދު ކުޅުމަށް މަޝްހޫރު ހުދެއިދީ މަރުވީ އިނގިރޭސިވިލާތުގެ ލަންޑަނުގެ ހޮސްޕިޓަލެއްގައި ކޮވިޑް-19 ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.
ސޯމާލިއާއަށް މިނިވަންކަން ލިބުމުގެ ކުރިން، 1928ގައި އުފަންވި ހުދެއިދީ އޫދު ކުޅުމަށް ޝައުގުވެރިވީ އުމުރުން 14 އަހަރުގަ އެވެ. އަދި އެގައުމުގެ މަޝްހޫރު ޅެންވެރިއެއް އަދި މިއުޒީޝަނެއް ކަމަށްވާ އަބްދުﷲ ގަރުޝީ ކައިރިން އޫދް ކުޅެން ދަސްކުރި އެވެ.
އޭގެ ފަހުން ހުދެއިދީ މިއުޒިކް ކުޅުމަށް މަޝްހޫރުވެ، ސިޔާސީ ލަވަތައް ވެސް ހަދާފައިފައިވެ އެވެ. ނަމަވެސް ސޯމާލިއާގެ ދާހިލީ ހަނގުރާމައިގެ ތެރޭގައި އިނގިރޭސިވިލާތަށް ބަދަލުވި އެވެ. އަދި އޭނާ ވަނީ އެގައުމުގައި މިއުޒިކް ކިޔަވަދީ، އެކި ގައުމުތަކުގައި ޝޯތައް ބާއްވާފައިވެ އެވެ. އެގޮތުން ދާދި ފަހަކާ ޖެހެންދެން ވެސް އޭނާ ދިޔައީ ޝޯތަކުގައި ބައިވެރިވަމުން ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
އިނގިރޭސިވިލާތުގައި ހުންނަ ކައިދު ސޯމާލިއާ އާޓްސް އެންޑް ކަލްޗާ ސެންޓަރުގެ އާޓިސްޓިކް ޑިރެކްޓަރު ހަނާ އަލީ ވަނީ ހުދެއިދީ އަކީ ސޯމާލިއާގެ މިއުޒިކްގެ ބައްޕައެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ. އަދި އޭނާގެ މިއުޒިކުން ވަނީ އުފަން ގައުމުގައި "މިނިވަންކަމަށް ކުރި ދިގު ހަނގުރާމައިގެ" އަޑު އިއްވަދީފައި ކަމަށް ވިދާޅުވެފަ އެވެ.
ހުދެއިދީ މަރުވި އިރު އޭނާގެ ދަރިންނާއި ކާފަ ކިޔާ ކުދިން ވެސް ތިބި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.