"އަޅުގަނޑުމެންގެ ނެޓްވޯކް މެދުވެރިކޮށް ދޫކުރާ ފެނަކީ ބުއިން ރައްކާތެރި ފެނެއް. ޑަބްލިއު އެޗްއޯގެ ސްޓޭންޑަޑަށް ވުރެވެސް ކޮލިޓީ ރަނގަޅު ފެން،" އެމްޑަބްލިއުއެސްސީއިން ގޭބީސީތަކަށް ފޯރުކޮށްދޭ ފެނުގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އެ ކުންފުނީގެ އެމްޑީ ހަސަން ޝާހު ވިދާޅުވި އެވެ.
ކުރިން މާލޭގައި މީހުން ބޮއި އުޅުނީ ވަޅު ފެނެވެ. އެ ފަހުން އިސްކުރު ފެންވެސް ބޮއި އުޅުނެވެ. އެހެންނަމަވެސް، މިދިޔަ 20 އަކަށް އަހަރު ތެރޭ އުފެއްދި ޑިމާންޑަކާ އެކު އެންމެންހެން މިހާރު ބޮނީ ފުޅީގައި ބަންދު ކުރި ފެނެވެ. އެއީ ހަރަދު ބޮޑު ދިރިއުޅުމުގެ ވައްޓަފާޅިއެވެ. ފެންފުޅިތަކުން ގޭތެރޭގެ ޖާގައިގެ ބައެއްވެސް ނަގަ އެވެ. އަދި ތިމާވެއްޓަށްވެސް އެހާ ގެއްލުންދެ އެވެ.
މާލެ ތެރޭގައި ކޮވިޑް-19 ވައިރަސް ފެތުރި އިގްތިސާދު އަޑިއަޅާލަމުންދާ މި ދުވަސްވަރުގައި ހަރަދުކުޑަކުރުމަށް މާހިރުން ލަފާދެ އެވެ. އެހެންކަމުން، މި ދަނޑިވަޅަކީ، ފެން ފުޅީ ގަތުމަށް ކުރާ ހަރަދު ކަނޑާލައި އިސްކުރު ފެނަށް ރުޖޫއަވާންވީ ވަގުތު ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އެމްޑަބްލިއުއެސްސީގެ އެމްޑީ ހަސަން ޝާހު މިއަދު ވަނީ ކޮންމެ ގޭބީސީއެއްގެ މީޓަރާ ހަމައަށް އެމްޑަބްލިއުއެސްސީއިން ފޯރުކޮށްދޭ ފެނަކީ ބުއިން ރައްކާތެރި ސާފު ފެނެއް ކަމުގެ ކަށަވަރުކަން "ސަން"އަށް ދެއްވައިފަ އެވެ. އަދި އެ ފެން ބުއިމަކުން ނުރައްކަލެއް ކުރިމައްޗެއް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޔަގީންކޮށް އަރުވަން އަޅުގަނޑުމެން ފޯރުކޮށްދޭ ފެން ކޮންމެ ގޭބީސީއެއްގެވެސް މީޓަރާ ހަމައަށް އެއީ ހަމަ ރައްކާތެރި ފެނެއް ކަމަށް،" ޝާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މާލޭގެ އިސްކުރު ފެނުގެ ސާފުކަން ދެމެހެއްޓުމަށް އެމްޑަބްލިއުއެސްސީއިން ބުރަ މަސައްކަތެއް ކުރެ އެވެ. ކޮންމެ ދުވަހަކު މާލޭގެ ހަތް ސަރަހައްދަކުން ފެނުގެ ސާމްޕަލް ނަގައިގެން ޓެސްޓު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ފެން ތަހުލީލުކޮށް ނަޖިހުގެ އެއްވެސް އަސަރެއް ހުރިތޯ ބަލާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން އެ ކުންފުނިން ގޭބީސީތަކަށް ދޫކުރާ ފެނުގެ ޕީއެޗް ފަދަ މުހިންމު ކަންކަން ހުންނަނީ ސޮފްޓްވެއާއެއް މެދުވެރިކޮށް ފެންނަ ގޮތަށް ހަދާފައި ކަމަށް ޝާހު ވިދާޅުވި އެވެ. ފެނުގައި އެއްވެސް މައްސަލައެއް އުޅޭ ނަމަ އެކަމުގެ އެލާޓު އެ ސޮފްޓްވެއާއިން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއްވެސް އެއްޗަކުން ތަފާތެއް ފެންނަންޏާ އެ ސިސްޓަމުން އެލާމު އަޅާނެ. އެ ސިސްޓަމް ކައިރީގައި 24 ގަޑިއިރު މީހުން ތިބޭނެ،" ޝާހު ވިދާޅުވި އެވެ.
އެންވަޔަރަމެންޓް މިނިސްޓަރު ހުސެއިން ރަޝީދު ހަސަންވެސް ވިދާޅުވީ، އިސްކުރު ފެނަކީ ބޯން ރައްކާތެރި ފެނެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ރައްޔިތުންނަށް ފޯރުކޮށްދޭ ފެނަކީ ސިއްހީ މިންގަނޑުން ރައްކާތެރި ފެންކަން ކަށަވަރު ނުކޮށް އެ ފެން ފޯރުކޮށެއް ނުދޭނެ ކަމަށެވެ.
"މާލޭގައިވެސް ރަށްރަށުގައިވެސް ޔުޓިލިޓީ ކުންފުނިތަކުން ގޭގެއާ ހަމައަށް ސަޕްލައިކޮށްގެން ޑެލިވާ ކުރާ ފެނަކީ ޑަބްލިއުއެޗްއޯގެ ސިއްހީ މިންގަނޑުން ބަލާއިރުގައިވެސް ބުއިމަށް އެންމެ އެކަށީގެންވާ ފެނެއް. ސިއްހީ މިންގަނޑުން ބަލާއިރު ގޭގެއަށް ފޮނުވާ ފެނަކީ ޕޯޓަބަލް ވޯޓާ އެއީ ހަމަ ބުއިމަށް އެކަށީގެންވާ ފެން. ސިއްހީ ގޮތުން ބަލާއިރު އެ ފެން ބޮއިގެން އެއްވެސް ކަހަލަ ނުރައްކަލެއް ބަލިމަޑުކަމެއް ކުރިމައްޗެއް ނުވާނެކަން އެކަން ޔަގީން ކުރައްވާފައި މީސް މީހުން އަޅުގަނޑުމެންނަށް ޔަގީންކަން ދޭ،" މިނިސްޓަރު ވިދާޅުވި އެވެ.
މާލެއާއި ރަށްރަށުގައި ފެން ފޯރުކޮށްދޭ ކުންފުނިތަކުން ކޮންމެ ދުވަހަކު ގޭބީސީތަކަށް ފެން ފޮނުވަނީ އެކި ގޮތް ގޮތުން ބަލައި ތަހުލީލު ކުރުމަށް ފަހު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ކުންފުނިތަކުން އިތުރުން އީޕީއޭއިންވެސް ފެން ރައްކާތެރިތޯ ބަލަން ޓެސްޓު ކުރާ ކަމަށް ވިދާޅުވި އެވެ.
"މާލޭގައި އަދި ރަށްރަށުގައިވެސް ފެން ފޯރުކޮށްދޭ ކުންފުނިތަކުން ކޮންމެ ދުވަހަކު އެ ފޯރުކޮށްދޭ ފެނުގެ ސާމްޕަލްތައް ނަގައި އެ ޓެސްޓު ކުރޭ. އޭގައި ހުންނަން ޖެހޭ ވަރަށް ވުރެ ގިިނައިން އެއްވެސް މާއްދާއެއް ހުރިތޯ އެއްވެސް ކަހަލަ ވިހަ ބެކްޓީރިއާއެއްގެ އަސަރު ހުރިތޯ ބަލާ. ބަލާފައި އެ ރެކޯޑުތައް މެއިންޓެއިން ކުރަން ޖެހޭ ރެގިއުލޭޝަން އޮންނަ ގޮތުން އޭގެ ރެކޯޑުތައް ފެންނަން ހުންނަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ހުސެއިން ރަޝީދު ވިދާޅުވީ، އެ ބޭފުޅާ ގޭގައި ބޮއި އުޅެނީ އިސްކުރު ފެން ކަމަށެވެ. އަދި އެ ފެން ބޮނީ، ފެނުގައި މިނަރަލްތައް ގިރިފައި ހުންނަ ވަރު ނުވަތަ ޓޯޓަލް ޑިސޯލްވްޑް ސޮލިޑްސް (ޓީޑީއެސް) އަދަދު މަދުކޮށް ރަހަ މީރު ކުރަން ފިލްޓާކޮށްގެން ކަމަށް ވިދާޅުވި އެވެ.
"އަަޅުގަނޑުމެން ގޭގައި ބޮޮނީ ޓެޕް ވޯޓާ. އެކަމަކު، އަޅުގަނޑުމެން ޓެޕް ވޯޓާ އަޅުގަނޑުމެން ބޮނީ ފިލްޓާކޮށްގެން،" މިނިސްޓަރު ވިދާޅުވި އެވެ. "އެއީ އޭގައި ބެކްޓީރިއާ ހުންނާތީކީއެއް ނޫން. ޓޯޓަލް ޑިސޯލްވްޑް ސޮލިޑްސް މަދުކުރަންވެގެން. އަޅުގަނޑު ޖެހިލުމެއް ނުވޭ ހަމަ އިސްކުރުން އަންނަ ފެން ބޯކަށް. ބައެއް ދުވަސް ދުވަހު އެ ފެން ބޮއިފައިވެސް ހުންނާނެ،"
އެމްޑަބްލިއުއެސްސީގެ އިސްކުރު ފެން ބޯން ފެށުމަށް މީގެ އަހަރެއްހާ ދުވަސް ކުރިން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުވެސް ވަނީ ގޮވާލައިފަ އެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފެނާއި ނަރުދަމާގެ ނިޒާމު ތަރައްގީ ކުރުމުގެ މަޝްރޫއު އިފްތިތާހުކޮށް ދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައި ވަނީ، އެމްޑަބްލިއުއެސްސީން ގޭބިސީތަކަށް ގުޅައިދީފައިވާ ފެނަކީ މުޅި މި ސަރަހައްދުން ވެސް ލިބެން ހުރި އެންމެ ފެންވަރު ރަނގަޅު ފެން ކަމަށެވެ.
އިންސާނުން ބޯން ކަމުދާ ފެނުގެ ފެންވަރު ކަނޑައެޅުމަށް ޑަބްލިއުއެޗްއޯ އިން ގެންގުޅޭ މިންގަނޑުން ބަލާއިރު، ބުއިމަށް ކަމުދާ ފެނަކީ ކޮންޑަކްޓިވިޓީ ލެވެލް 1،500އަށް ވުރެ ދަށުގައި ހުންނަ ފެންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އެމްޑަބްލިއުއެސްސީއިން ފޯރުކޮށްދެނީ އެ މިންގަނޑަށް ވުރެ މާ ބޮޑަށްވެސް ރަނގަޅު ފެންވަރުގެ ފެން ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ. އޭގެ އިތުރުން، އެ ފެނުގެ އަގުވެސް ފުޅީގައި ބަންދު ކުރި ފެނާ އަޅާބަލާ އިރު، މާ ބޮޑުތަން ހެޔޮކަން ފާހަގަކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އިސްކުރު ފެނުގެ އަގަކީ ލީޓަރަކަށް އެންމެ ހަތް ލާރި އެވެ.
މި ދުވަސްވަރު އެންމެންވެސް އިސްކުރު ފެން ބުއިއުމަށް އެކި ފަރާތްތަކުން އަންނަނީ ބާރުއަޅަމުންނެވެ. އަދި އެ ގޮވާލުމަށް ބާރުދީ ބައެއް މީހުން ވަނީ އެ މީހުން އިސްކުރު ފެން ބޯ ކަމަށާއި، އެކަމުން އެއްވެސް ގެއްލުމެއް ނުވާ ކަމަށް ބުނެފަ އެވެ. އޭގެ ތެރޭގައި މަޝްހޫރު ޕީޑިއެޓްރިޝަން އަހުމަދު ފައިސަލް ވެސް ހިމެނެ އެވެ.
މާލެ ލޮކްޑައުންއާ އެކު ފެން ފުޅި ގަންނަން އޮންނަ ޑިމާންޑް ބޮޑުވެ ފުލުހުން ނިކުމެ ގޭގެއަށް ވަނީ ފެން ފުޅިތައް ފޯރުކޮށްދޭން ފަށައިފަ އެވެ. މިހާރު ވެސް ބާރުބޮޑުވެފައި އޮތް ޑެލިވަރީ ނިޒާމަށް އިސްކުރު ފެން ބޯ ނަމަ، ލުއެެއް ހޯދައިދެވިދާނެ އެވެ. ސިއްހީ ގޮތުން އެހާމެ ރައްކާތެރި ފެނެއް ގޭގެ އިސްކުރުން ދޫކޮށްލައިގެން ލިބޭނަމަ، އަހަރުމެން އެ ފެން ނުބޯންވީ އެއްވެސް ސަބަބެއް ނެތެވެ. މިއީ، އަތުން ދާ ލާރި ސަލާމަތްވެ ހައްޓަށް ވެސް ފަސޭހަ ލުއި ހައްލެކެވެ.