އޯޕެކް ފަންޑުން ރާއްޖެއަށް 20 މިލިއަން ޑޮލަރު ދެނީ

ކޮރޯނާވައިރަހުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު ވެއްޓިފައިވާ އަޑިގަނޑުން އަރައިގަތުމަށް އެމަޖެންސީ އެހީގެ ގޮތުގައި 20 މިލިއަން ޑޮލަރު ދިނުމަށް އޯގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީސް (އޯޕެކް) އިން ނިންމައިފިއެވެ.

އޯޕެކް ފަންޑުން މިދިޔަ ބުރާސްފަތި ދުވަހު ބުނެފައި ވަނީ، އެމަޖެންސީ ލޯނުން ރާއްޖޭގެ އިކޮނޮމިކް ރިކަވަރީ ޕްލޭނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

އަދި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން ކުރާ އަސަރުތައް ކުޑަކޮށްދޭން އެހީތެރިވެދޭނެ ކަމަށެވެ.

އޯޕެކުން ރާއްޖެއިން 20 މިލިއަން ޑޮލަރު ދޭން ނިންމާފައި މިވަނީ، އޯޕެކްގެ އެހީތެރިކަން ހޯދުމަަށް ސަރުކާރުން ކުރި މަޝްވަރާތަކަށް ފަހުއެވެ. އޯޕެކް އާއެކު މަޝްވަރާކުރަމުން ދާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

ކޮވިޑް19 ގެ ސަބަބުން ގަައުމުތަކަށް ކުރިމަތިވާ ދަތިތަކުން އަރައިގަތުމަށް އެހީވާން އޯޕެކްގެ ބޯޑުން ވަނީ 130.5 މިލިއަން ޑޮލަރުގެ ލޯން ފެސިލިޓީއެއް އިއުލާނުކޮށްފައެވެ.

ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކަށް އެހީތެރިވުމުގެ ގޮތުން ޔޫރަޕްގެ ގައުމުތަކުގެ އިއްތިހާދު، ޔޫރަޕިންއަން ޔޫނިއަން (އީޔޫ)އިން ރާއްޖެއަށް ތިން މިލިއަން ޔޫރޯ (51 މިލިއަން ރުފިޔާ)ގެ ހިލޭ އެހީ ވަނީ ދީފައެވެ.

އަދި ވޯލްޑް ބޭންކުން ވެސް ވަނީ ރާއްޖެއަށް 17.3 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދީފައިވެއެވެ.

ރާއްޖެއިން ވަނީ ކޮރޯނާވައިރަހުގެ ސަބަބުން އިގްތިސާދަށް އަންނަ ގެއްލުންތަކުން އަރައިގަތުމަށް، އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އިން 50 މިލިއަން ޑޮލަރު އަދި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން 30 މިލިއަން ހޯދުމުގެ މަޝްވަރާތައް ފަށައިފައެވެ.

މިހާތަނަަށް ރާއްޖެއިން 29 މީހަކަށް ބަލި ޖެހިފައިވާއިރު، ކުރިއަށް އޮތް 14 ދުވަހު އެ އަދަދު އިތުރުވެ، ޕީކަށް ދާނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ރާއްޖޭގައި މިހާރު ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަން ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

މާލޭގައި ވައިރަސް ފެތުރެމުން އަންނަ އިިރު، މާލެ ސަރަހައްދުގެ އެލާޓް ލެވެލް ރަތަށް މަތިކޮށް، 14 ދުވަހަށް ވަނީ ލޮކްޑައުން ކޮށްފައެވެ.

comment ކޮމެންޓް