ބީއެމްއެލްއިން މާމެންދޫ އަދި ނިލަންދޫގައި އޭޓީއެމްގެ ހިދުމަތް ފަށައިފި

ބީއެމްއެލްއިން ވަނީ ގއ. ނިލަންދޫ އާއި ގއ. މާމެންދޫގައި އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފައި -- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ގއ. މާމެންދޫ އަދި ގއ. ނިލަންދޫގައި ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް ތައާރަފްކޮށްފިއެވެ.

ބީއެމްއެލްއިން މިއަދުު ބުނީ، އެ ދެ އޭޓީއެމްއިންވެސް 24 ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެ ކަމަަށެވެ.

މި އޭޓީއެމްތަކާ އެކު މިހާރު ގއ. އަތޮޅުގެ ހަތް ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ހިދުމަތް ލިބޭނެއެވެ. އެ ރަށްތަކަކީ މާމެންދޫ އާއި ނިލަންދޫގެ އިތުރުން ކޮލަމާފުށި، ދާންދޫ، ގެމަނަފުށި، ކޫއްޑޫ، އަދި ވިލިނގިލިއެވެ. އޭގެ ތެރެއިން ވިލިނގިލީގައި ބީއެމްއެލްގެ ބްރާންޗެއްވެސް ހުރެއެވެ.

އެކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑައިރެކްޓާ ޓިމް ސޯޔަ ފާހަގަކުރެއްވީ، ކޮވިޑް-19އާ ގުޅިގެން ބޭންކަށާއި އިގްތިސާދަށް ވަރަށް ބޮޑު ގޮންޖެހުންތަކެއް ދިމާވެފައިވާ ވަރަށް ނާޒުކު ދަނޑިވަޅުގައިވެސް މުޅި ރާއްޖެއަށް ބޭންކިންގެ ހިދުމަތްފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތައް ބީއެމްއެލްއިން ކުރިއަށްގެންދާކަމެވެ.

"މި ގޮތުން ރާއްޖޭގެ އެންމެ އާބާދީ ބޮޑު އެއް އަތޮޅުކަމަށްވާ ހުވަދު އަތޮޅުގެ އިތުރު ދެ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމްކުރެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މި ދެރަށުގެވެސް އާންމު ފަރުދުންނަށާއި، ވިޔަފާރިތަކަށް ބޭންކިންގ ހިދުމަތް ހޯދުމަށް މި އޭޓީއެމް ސެންޓަރތަކުގެ ސަބަބުން އިތުރު ލުއި ފަސޭހަކަމެއް ލިބިގެންދާނެ." ޓިމް ސޯޔާ ވިދާޅުވިއެވެ.

އަލަށް ހުޅުވިގެން ދިޔަ އޭޓީއެމްތަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 55 ސެލްފްސާވިސް ބޭންކިން ސެންޓަރު، 116 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ ހިދުމަތް މިހާރު ބީއެމްއެލްއިން ދެއެވެ.

އެހެން ނަމަވެސް، މި ދަނޑިވަޅުގައި ބީއެމްއެލްއިން އިލްތިމާސް ކުރަނީ އެ ބޭންކުގެ ބޭންކިން ހިދުމަތް ހޯދުމަށް އިންޓާނެޓް އަދި މޮބައިލް ބޭންކިން ބޭނުންކުރުމަށެވެ. އަދި ފައިސާ ދެއްކުމަށް މޮބައިލްޕޭ ބޭނުން ކުރުމަށެވެ.

comment ކޮމެންޓް