ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ

ޖެނުއަރީ 24، 2020: ރޭޕް ކުރުމާއި ޖިންސީ އަނިޔާއާއި ދެކޮޅައް މި ހުކުރު ދުވަހު މާލޭގައި ކުރިއަށް ގެންދިޔަ ހިގާލުމުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި އެވެ.

ފުލުހުންގެ ބުނީ، އެ މައްސަލަ ހުށަހަޅާފައިވަނީ ނ، ރ، ބ، ޅ ހިމެނޭ ނޯތް ޑިވިޝަނަށް މިއަދުގެ ވަގުތެއްގައި ކަމަށެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އައި ނަމަވެސް އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ، ކުޑަކުދިންނަށް ކުރާ އަނިޔާތަކަކީ އެ ސާވިސް އިން ވަރަށް ސީރިއަސްކޮށް ބަލަމުންދާ މައްސަލަތަކެއް ކަމަށެވެ.

ކުއްޖާގެ އައިޑެންޓިޓީގެ ރައްކާތެރިކަމަށްޓަކައި އެ މައްސަލަ ހިނގި ރަށުގެ މައުލޫމާތު ހިއްސާ ނުކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

ޖިންސީ ގޯނާ ކުރުމުގައި އަމަލީ ގޮތުން ބައިވެރިވާ މީހުންނަށް އެ މީހުން ކުރާ އަމަލާއި އަނިޔާ ލިބޭ ކުއްޖާ އާއި އެ މީހަކާ ދެމެދު ހުރި އާއިލީ ގާތް ކަމަށް ބަލައި، 10 އަހަރާއި 25 އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވެ އެވެ.

comment ކޮމެންޓް