ކޮރޯނާ ވައިރަސް: އާސަންދައިން އޮންލައިން ފްލޫ ކްލިނިކްތަކެއް ގާއިމްކޮށްފި

އޭޑީކޭ ހޮސްޕިޓަލް - ފޮޓޯ/ އޭޑީކޭ

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން އާސަންދައިން ހިދުމަތްދޭ ފަރާތްތަކާ އެކު އެ ކުންފުނިން އޮންލައިން ކްލިނިކްތަކެއް ގާއިމްކޮށްފި އެވެ.

މިއަދު މާލެއިން ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ޖެހިފައިވާ މީހަކު ފެނުމާ ގުޅިގެން މުޅި ގްރޭޓާ މާލެ ސަރަހައްދު ވަނީ 24 ގަޑިއިރަށް ލޮކްޑައުންކޮށްފަ އެވެ.

އާސަންދައިގެ މީޑިއާ އޮފިޝަލް އާޝިޔާ ސޯލިހް "ސަން" އަށް މިރޭ ވިދާޅުވީ އެ ކްލިނިކްތަކުގެ މަގްސަދަކީ ހޮސްޕިޓަލްތަކަށް މީހުން ދިއުމުގެ ބަދަލުގައި ގޭގައި ތިބެގެން ހިދުމަތްތައް ހޯދުމަށް މަގުފަހިކޮށްދިނުން ކަމަށެވެ. އަދި މާދަމާ ލޮކްޑައިން އުވާލިޔަސް އެ އޮންލައިން ކްލިނިކްތަކުން ހިދުމަތްތައް ހޯދުމަށް އާސަންދައިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އާޝިޔާ ވިދާޅުވީ އެ އޮންލައިން ކްލިނިކްތައް ހުޅުވާފައި ވަނީ ވަކި މުއްދަތެއް ނެތި ކަމަށެވެ.

އޮންލައިންކޮށް ހިދުމަތްދޭން ހުޅުވާލި ކްލިނިކްތަކުގެ ތެރޭގައި އޭޑީކޭ، ކުލުނު މެޑިކަލްސް، ޕްރައިމެކްސް މެޑިކެއާ، ފެމެލީ ކެއާ، އިމޭޖް ސެންޓަރު، އެއިމްސް ޑައިގްނޯސްޓިކް ސެންޓަރު، އިންސްޓްޓިއުޓް އޮފް މެންޓަލް ވެލް ބިން، އައިކެއާ ހޮސްޕިޓަލް، ފަސްޓް ކެއާ މެޑިކަލް ސެންޓަރު، ސެނެހިޔާ ހޮސްޕިޓަލް ހިމެނެ އެވެ.

ކޮވިޑްއަށް މީހަކު ޕޮޒިޓިވް ވުމާ ގުޅިގެން އައިޖީއެމްއެޗްއިން ވަނީ ސްޕެޝަލިސްޓް އޯޕީޑީއާއި އަދި އެހެނިހެން ކްލިނިކްތައް މާދަމާއިން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް ވަނީ ބަންދުވެސްކޮށްފަ އެވެ.

comment ކޮމެންޓް