ލޮކްޑައުނާ އެކު އެތެރޭގެ އުދުހުންތައް މެދުކަނޑާލައިފި

މޯލްޑިވިއަންގެ ފްލައިޓެއް މާފަރު އެއާޕޯޓަށް ޖައްސަނީ -- ސަން ފޮޓޯ: އަހުމަދު އައުޝަން

ކޮރޯނާގެ ކޭހެއް މާލެއިން ފެނުމާ ގުޅިގެން މާލެ ސިޓީ ލޮކްޑައުންކުރުމާ ގުޅިގެން ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ދަތުރުތައް މެދުކަނޑާލައިފިއެވެ.

ގައުމީ އެއާލައިން މޯލްޑިވިއަން އިން ބުނީ ކޮރޯނާ އާއި ގުޅިގެން މާލެސިޓީ ލޮކްޑައުންކޮށްފައިވާތީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަކިގޮތެއް އަންގަންދެން އެތެރޭގެ އުދުހުންތައް މިވަގުތައް މެދުކަނޑާލާފައިވާ ކަމަށެވެ.

ރާއްޖޭގައި އެތެރޭގެ އުދުހުންތަކުގެ ހިދުމަތްދޭ މަންޓާ އެއާ އިން ބުނީ ލޮކްޑައުން ހާލަތާ ގުޅިގެން އެ އެއާލައިނުން ކުރަން ނިންމާފައިވާ ޗާޓަރު ދަތުރުތައް މެދުކަނޑާލާފައިވާ ކަމަށެވެ. އެޗްޕީއޭ އިން ވަކި ގޮތެއް އެންގުމުން ދަތުރުތައް ފަށާނެ ކަމަށް އެ އެއާލައިނުން ވެސް ބުންޏެވެ.

ކޮރޯނާގެ ހާލަތާގުޅިގެން ރާއްޖޭގެ އެތެރޭގެ އުދުހުންތައް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. މިވަގުތު ޝެޑިއުލް ދަތުރުތައް ކުރަމުންދަނީ ގައުމީ އެއާލައިން އިންނެވެ. މަންޓާ އެއާ އާއި ފްލައިމީ އިން ބައެއް ޗާޓަރު ދަތުރުތައް ކުރިނަމަވެސް މާލެ ސިޓީ އަށް އަރާ ފޭބުން ހުއްޓުމަށް އެންގުމާއެކު އެ ދަތުރުތައް މިހާރު ވަނީ މަޑުޖައްސާލައިފައެވެ.

މާލެ އިން ކޮރޯނާގެ ޕޮޒިޓިވް ކޭހެއް ފެނުނީ މިއަދުއެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނާއި ކޮންޓެކްޓް ޓްރޭސިންގެ ކަންތައް ކުރިއަށް ގެންދިއުމަށް މިއަދު މެންދުުރން ފެށިގެބް 24 ގަޑިއިރަށް މާލެ ސަރަހައްދު ލޮކްޑައުންކޮށް މާލެއަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.

ރާއްޖޭގެ އެތެރޭގެ އުދުހުންތައް މެދުކަނޑާލިއިރު، ކޮރޯނާ އާއި ގުޅިގެން އެންމެ ބޮޑު އަސަރެއް ކުރާނެ ކަމަށް ބެލެވޭ އެއް ދާއިރާ އަކީ އޭވިއޭޝަން ދާއިރާ އެވެ. ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް 500 މިލިއަން ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް ވާނެ ކަމަށް އަޔާޓާ އިން ވަނީ ލަފާކޮށްފައެވެ.

comment ކޮމެންޓް