އާމްދަނީއަށް އެންމެ ބޮޑު ވެއްޓުމެއް އައީ ރިސޯޓް ކުލިން

ޕެރެޑައިސް އައިލެންޑް ރިސޯޓު -- ފޮޓޯ/ ވިލާ ހޮޓެލްސް

މާޗް މަހު ލިބުނު އާމްދަނީގެ ތެރެއިން އެންމެ ބޮޑަށް ދަށަށް ގޮސްފައި ވަނީ ރިސޯޓްތަކުގެ ކުލި ނުވަތަ ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ 63 ޕަސެންޓް ކަމަށް ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން ބުނެފި އެވެ.

މީރާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މާޗް މަހު ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި ލިބިފައިވަނީ 131.6 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މާޗް މަހު ލިބުނު 363.5 މިލިއަން ރުފިޔާއަށްވުރެ 63.7 ޕަސެންޓު ދަށްވުމެކެވެ.

ކޮވިޑް-19 އާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިދިޔަ މަހު 21 ވަނަ ދުވަހުން ފެށިގެން ފަތުރުވެރިން ފިޔަވާ ރާއްޖެއިން ބޭރުން އަންނަ ހުރިހާ އެންމެންވެސް ކަރަންޓީން ފެސިލިޓީތަކުގައި މަޑުކުރުމަށް ވަނީ އަންގާފަ އެވެ.

ކަރަންޓީނު ކުރުމަށް ރާއްޖޭގައި 12 ތަނެއް ބޭނުން ކުރަމުންދާއިރު، ކަރަންޓީނު ކުރުމަށް ބޭނުންކުރާ މުއްދަތުގައި ރިސޯޓުތަކުން ދައުލަތަށް ދައްކާ ކުލި މައާފު ކުރާނެ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ޓޫރިޒަމް ލޭންޑް ރެންޓާއި ޓެކްސް ދައްކާ ސުންގަޑިތައް ފަސްކޮށްދިނުމަކީ ވެސް މީރާގެ އާމްދަނީ ދަށްވި ސަބަބުތައް ކަމަށް އެ އިދާރާއިން ބުނެ އެވެ.

މިދިޔަ އަހަރުގެ މާޗް މަހާ އަޅާބަލާއިރު މިއަހަރުގެ މާޗު މަހު މީރާއަށް ލިބުނު ޖުމުލަ އާމްދަނީ 410 މިލިއަން ރުފިޔާ ވަނީ ދަށްވެފަ އެވެ.

މިއަހަރުގެ މާޗް މަހު އެ އިދާރާއަށް ލިބުނީ 1.1 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 26.9 ޕަސެންޓު ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ މާޗް މަހު 1.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ.

ޓޫރިޒަމް ލޭންޑް ރެންޓުން ލިބުނު އާމްދަނީއަށް ބޮޑު ހީނަރުކަމެއް އައި ނަމަވެސް، ޖުމުލަ އާމްދަނީގެ ދެވަނައަށް އެންމެ ބޮޑު ބައެއް ހިއްސާކޮށްފައިވަނީ ޓޫރިޒަމް ލޭންޑު ރެންޓުން ލިބުނު އާމްދަނީންނެވެ.

އެންމެ ބޮޑު ބައެއް ހިއްސާކޮށްފައިވަނީ ޖީއެސްޓީންނެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި 637.6 މިލިއަން ރުފިޔާ މީރާއިން ބަލައިގެންފައިވެ އެވެ.

ޖީއެސްޓީއާއި ޓޫރިޒަމް ލޭންޑް ރެންޓަށްފަހު ދެން އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ބީޕީޓީންނެވެ. އެއީ 81.3 މިލިއަން ރުފިޔާ އެވެ.

ފަތުރުވެރިކަމަށް އައި ހީނަރުކަމާއެކު މާޗް މަހު ލިބުނު ޑޮލަރުގެ އާމްދަނީ ވެސް ވަނީ ދަށްވެފަ އެވެ. މިދިޔަ އަހަރުގެ މާޗް މަހު 72.8 މިލިއަން ޑޮލަރު ލިބުނު ނަމަވެސް މިއަހަރުގެ މާޗް މަހު އެ އަދަދު ވަނީ 49 މިލިއަން ޑޮލަރަށް ދަށްވެފަ އެވެ.

comment ކޮމެންޓް