ބެންކޮކްގައި ދިރިއުޅޭ ދިވެހީންނަށް ކެއާ ޕެކޭޖް ފޮނުވަން ހުޅުވާލައިފި

ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ދިރިއުޅޭ ދިވެހީންނަށް ކެއާ ޕެކޭޖު ފޮނުވުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލައިފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ކޮވިޑް-19 އާއި ގުޅިގެން ބެންކޮކްގައި ދިރިއުޅޭ ދިވެހިންނަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ތަކެތި ހޯދުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އަދި އެފަދަ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މި މަހުގެ 16 ވާ ބުރާސްފަތި ދުވަހު މޯލްޑިވިއަން އިން ބެންކޮކްއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ފްލައިޓުގައި ދިވެހި އާއިލާތަކުން ފޮނުވަން ބޭނުންވާ ތަކެތި ހިލޭ، ފޮނުވައިދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އެގޮތުން، ބެންކޮކްގައި ދިރިއުޅޭ ދިވެހިންނަށް ތަކެތި ފޮނުވުމަށް ބޭނުންވާ ފަރާތްތަކުން، މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.

މިނިސްޓްރީން ބުނީ ކެއާ ޕެކޭޖުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލް ކައިރީގައި ބެހެއްޓިފައިވާ ހާއްސަ ކައުންޓަރު ތަކުން، 15 އެޕްރީލް ވާ ބުދަ ދުވަހުގެ ހެނދުނު 09:00 އިން މެންދުރު 15:00 އަށް ކަމަށެވެ.

މޯލްޑިވިއަންގެ ފްލައިޓުތަކުގައި ސްރީލަންކާ، އިންޑިއާ އަދި މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ކެއާ ޕެކޭޖުތައް އަންނަނީ ގެންގޮސްދެމުންނެވެ.

comment ކޮމެންޓް