ޒުވާބެއްގެ ތެރެއިން އަނބިމީހާ ނޭފަތުގައި ދަތްއެޅި ފިރިހެނަކު ހައްޔަރުކޮށްފި

އދ. ފެންފުށި

އދ. ފެންފުށީގައި ދެމަފިރިއެއްގެ ދެމެދުގައި ހިނގި ޒުވާބެއްގެ ތެރެއިން، އަނބިމީހާގެ ނޭފަތުގައި ދަތް އެޅި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފެންފުށީގައި ދެމަފިރިން ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި އަނބިމީހާއަށް ފިރިމީހާ އަނިޔާކުރި މައްސަލައެއް މިއަދު 00:45 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބެލިބެލުމުން އެ ދެމަފިރިން ޒުވާބު ކުރަމުން ގޮސް ފިރިހެން މީހާ، އަންހެން މީހާގެ ނޭފަތުގައި ދަތް އަޅާފައިވާކަން އެނގިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ އަންހެން މީހާގެ ނޭފަތުގައި ދަތް އަޅާފައިވާ ކަމުގެ ނިޝާން ފެންނަން ހުރި ކަމަށެވެ.

އަދި މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ފިރިހެން މީހާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރުކޮށްފައި ވަނީ 30 އަހަރުގެ މީހެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހާ ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމުމަށް އެ އަތޮޅު މާމިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން، ބަންދުގެ މުއްދަތަށް ފަސް ދުވަސް ދީފައިވާ ކަމަށެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް