ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް 507 މިލިއަން ޑޮލަރުގެ ގެއްލުމެއް ވާނެ

ވީއައިއޭގައި ބޯޓުތަކެއް -- ފޮޓޯ: ވީއައިއޭ

ކޮރޯނާވައިރަސްގެ ސަބަބުން ދުނިޔޭގެ އޭވިއޭޝަން ދާއިރާއަށް އަންނަމުންދާ ހީނަރުކަމާއެކު ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް 507 މިލިއަން ޑޮލަރުގެ ގެއްލުންވާނެކަމަށް އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓު އެސޯސިއޭޝަން (އަޔާޓާ)އިން ބުނެފިއެވެ.

އަޔާޓާއިން ވަނީ މިހާރު އޭވިއޭޝަން ދާއިރާ އަށް ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުން ކުރިމަތިވާނެ މާލީ ގެއްލުންތަކުގެ މައްޗަށް އަލިއަޅުވާލާ ރިޕޯޓެއް އާންމުކޮށްފައެވެ.

އެ ޖަމިއްޔާއިން ހާމަކޮށްފައިވާގޮތުގައި ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ ޕެސެންޖާ ޑިމާންޑަށް 40 ޕަސެންޓުގެ ވެއްޓުމެއް އަންނާނެއެވެ. އަދި ރާއްޖޭގެ އޭވިއޭޝަން ދާއިރާއާއި ގުޅުންހުރި 28،000 ވަޒީފާއަށް އަސަރުކުރާނެކަމަށްވެސް އެ ޖަމިއްޔާ އިން ލަފާކޮށްފައިވެއެވެ. މީގެ ސަބަބުން ޖީޑީޕީއަށް 1336 މިލިއަން ޑޮލަރުގެ ދަށްވުމެއް އަންނާނެކަމަށް އަޔާޓާއިން ބުނެފައިވެއެވެ.

އެ ޖަމިއްޔާގެ ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން އޭޝިއާ ސަރަހައްދުން އެންމެ ބޮޑު އަސަރެއް ކުރާނީ ކެމްބޯޑިއާ، ވިއެޓްނާމް، ފިލިޕީންސް، ތައިލެންޑް އަދި ސައުތު ކޮރެއާއާއި ޕާކިސްތާނުގެ އިތުރުން ސްރީލަންކާގެ އޭވިއޭޝަން ދާއިރާއަށެވެ.

"މިހާރު މިއޮތް ޓްރެވެލް ރިސްޓްރިކްޝަންސް އިތުރު ތިން މަހަށް ދެމިގެން ގޮސްފިނަމަ، އޭޝިއާ ސަރަހައްދުގެ އޭވިއޭޝަން ދާއިރާގެ 37 ޕަސެންޓް ފަސިންޖަރުން ގެއްލިގެންދާނެ،" އަޔާޓާގެ ރީޖަނަލް ވައިސް ޕްރެޒިޑެންޓް ފޯ އޭޝިއާ ފެސިފިކް ކޮންރެޑް ކްލިފޯޑް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މީގެ ސަބަބުން 88 ބިލިއަން ޑޮލަރުގެ ގެއްލުން އޭސިއާ ޕެސިފިކް ސަރަހައްދުތަކުގެ އޭވިއޭޝަން ދާއިރާއަށް ވާނެކަމަށެވެ.

"އެކި ގައުމުތަކަށް އަސަރުކުރާގޮތް ތަފާތުވި ނަމަވެސް، ލިބޭ ގެއްލުމަކީ އެއް ގެއްލުމެއް. އެއާލައިންތަކުން މިހާރު ދަނީ ސަވައިވްވުމަށް ބޮޑު ހަނގުރާމައެއް ކުރަމުން، ފައިސާގެ ދަތިކަން ހުރިހާ އެއާލައިނަކަށްވެސް ވަނީ ކުރިމަތިވެފައި،" ކްލިފޯޑް ވިދާޅުވެފައިވެއެވެ.

ރާއްޖެއަށް އާންމުކޮށް ދުވާލަކު 40 އަށްވުރެ ގިނަ އިންޓަނޭޝަނަލް ފްލައިޓުތައް ބޭއްވި ނަމަވެސް މިހާރު ރާއްޖެއަށް ބޭރުން ފަތުރުވެރިން ގެނައުމަށް އެއްްވެސް ފްލައިޓެއް ނުބާއްވައެވެ. ރާއްޖެއަށް އެތެރެވުމަށް ދޭ އޮން އެރައިވަލް ވިސާ ދިނުން ވަނީ ވަގުތީގޮތުން ހުއްޓާލައިފައެވެ.

އެތެރޭގެ އުދުހުންތަކުގައި ތިން އެއާލައިނަކުން ހަރަކާތްތެރިވިި ނަމަވެސް މިހާރު އެތެރޭގެ އުދުހުންތަކުގައި ހަރަކާތްތެރިވަނީ ގައުމީ އެއާލައިން މޯލްޑިވިއަން އެކަންޏެވެ. ފަތުރުވެރިން އައުން ހުއްޓުމާއެކު ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ބޭސް އޮންނަ ރާއްޖޭގެ ސީޕްލޭން އޮޕަރޭޝަންތައްވެސް ވަނީ މަޑުޖެހިފައެވެ.

އަޔާޓާގެ ރިޕޯޓުގައިވާގޮތުން ކޮރޯނާއާއެކު އޭވިއޭޝަން ދާއިރާއަށް އައި ހީނަރުކަމާއެކު 25 މިލިއަން މީހުންގެ ވަޒީފާ ގެއްލޭނެކަމުގެ ބިރު އެބައޮތެވެ. މީގެ ސަބަބުން 65.5 މިލިއަން މީހުންގެ ދިރިއުޅުމުގެ ހާލަތަށް ބަދަލު އަންނާނެކަމަށާއި މީގެ ތެރޭގައި އޭވިއޭޝަން ދާއިރާއާއި ސީދާ ގޮތުން ގުޅުންހުރި ދާއިރާތައް ކަމަށްވާ ޓްރެވަލް އެންޑް ޓޫރިޒަމްގެ ދާއިރާގެ ވަޒީފާތައްވެސް ހިމެނޭކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެ ތެރެއިން 2.7 މިލިއަން ވަޒީފާއަކީ އޭވިއޭޝަން ދާއިރާ އާ ސީދާގޮތުން ގުޅުންހުރި ވަޒީފާކަންވެސް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައިވާއިރު ބޮޑެތި އެެއާލައިންތަކުންވެސް ވަނީ އެމީހުންގެ ފްލައިޓުތައް ގްރައުންޑް ކޮށްފައެވެ. މިއީ މީގެ ކުރިން މި ދާއިރާއަށް ނާންނަވަރުގެ ބޮޑު ލޮޅުމެއްކަން ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރެއެވެ.

comment ކޮމެންޓް