އޯޑިއޯ، ވީޑިއޯކޮށް ސުޕްރީމް ކޯޓުގެ ޝަރީއަތްތައް ބާއްވަނީ

ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލިސް ކުރާ ކޮޓަރިއެއް -- ފޮޓޯ/ ސުޕްރީމް ކޯޓު

ކޮރޯނާވައިރަސް، ކޮވިޑް-19އާ ގުޅިގެން އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ދައުލަތުގެ އިދާރާތައް ބަންދުކޮށްފައި ހުންނަ މުއްދަތުގައި، ސުޕްރީމް ކޯޓުގެ މަސައްކަތްތައް ކުރިއަށްދާނެގޮތުގެ އުސޫލެއް އެކުލަވާލައި އަމަލުކުރަން ފަށައިފި އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ކޯޓުތަކުގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިޔުމަށް ކޯޓުތަކުން ޝަރީއަތް ކުރުމާ ގުޅޭ އުސޫލުތައް އެކުލަވާލައި މަސައްކަތް ކުރިއަށް ގެންދިޔުމަށް މިދިޔަ ބުރާސްފަތި ދުވަހު ޖުޑިޝަލް ސާވިސް ކޮމިޝަނުން ވަނީ ކޯޓުތަކަށް އަންގައިފަ އެވެ.

އެ އެންގުމަށް އަމަލު ކުރުމުގެ ގޮތުން ސުޕްރީމް ކޯޓުން އެކުލަވާލި އުސޫލުގައިވާ ގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އާންމު އުސޫލެއްގެ ގޮތުން ސުޕްރީމް ކޯޓު އޮންނާނީ ބަންދުކޮށްފަ އެވެ. އެހެން ނަމަވެސް، މުވައްޒަފުން ކުރަން ޖެހޭ މަސައްކަތްތައް ގޭގައި ތިބެގެން ކުރެވޭނެ ގޮތް ހަމަޖައްސައިދޭނެ އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގެ ތެރޭގައި ހުށަހަޅަން ޖެހޭ ލިޔުންތައް އީމެއިލްގެ ޒަރީއާއިން ހުށަހެޅޭނެ އެވެ. އީމެއިލް ނުވަތަ އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް މުއާމަލާތް ނުކުރެވޭ ފަރާތްތަކަށް ނުވަތަ އެފަދަ ވަސީލަތްތައް މެދުވެރިކޮށްގެން މުއާމަލާތް ކުރުމަށް ދަތިވާ ފަރާތްތަކަށް މި މުއްދަތުގެ ތެރޭގައި ހިދުމަތް ފޯރުކޮށްދިނުމަށް ކޮންމެ ހަފުތާއެއްގެވެސް ހޯމަ އަދި ބުރާސްފަތިދުވަހުގެ ހެނދުނު 10:00 އިން މެންދުރު 2:00 އަށް ސުޕްރީމް ކޯޓު ހުޅުވިފައި ހުންނާނެ އެވެ.

ހުށަހެޅޭ މައްސަލަތަކުގެ ޝަރީއަތްތައް ކުރިއަށްދާނީ އޯޑިއޯ ނުވަތަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. ގާނޫނުއަސާސީގައި ނުވަތަ ގާނޫނެއްގައި ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންވާނެކަމަށް ބަޔާންކޮށްފައިވާ މައްސަލަތަކާއި، ހާއްސަ އުސޫލެއްގެ ދަށުން ކަނޑައެޅިގެން ކުރިއަށް ގެންދެވޭ މައްސަލަތަކާއި، އަވަސްނިޔާގެ މައްސަލަތައް ފިޔަވައި، އެނޫން މައްސަލަތަކުގެ ޝަރީއަތްތައް ކުރިއަށް ގެންދާނީ އެ މައްސަލައަކީ އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ޝަރީއަތް ކުރިއަށް ގެންދެވިދާނެ ބާވަތުގެ މައްސަލައަކަށް ވާނަމައެވެ.

އޮފީސްތައް ބަންދުކޮށްފައި ހުންނަ ދުވަސްތަކުގައި ކޮންމެހެން ހުށަހަޅަން ޖެހޭ މައްސަލަތައް ކޯޓުން ބަލައިގަންނާނެ އެވެ. އަދި އެ ނޫން މައްސަލަތައް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ފިލައިދިޔުމުން ހުށަހެޅޭނެ ކަމަށް އެ އުސޫލުގައިވެއެވެ.

އަދި މި ހާލަތުގައި އިސްތިއުނާފު ކުރުމުގެ މުއްދަތު ގުނާނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ދައުލަތުގެ އޮފީސްތައް ބަންދު ކުރި މުއްދަތު އުނިކުރުމަށްފަހު ކަމަށް އެ އުސޫލުގައިވެއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ސުޕްރީމް ކޯޓުގެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތުގެ އުސޫލެއް އެކުލަވާލި އިރު، މިދިޔަ ހަފްތާގެ ތެރޭގައި އެ ކޯޓުން ވަނީ ޝަރީއަތްތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބާއްވާނެ ގޮތުގެ އުސޫލެއްވެސް އެކުލަވާލައިފައެވެ.

comment ކޮމެންޓް