މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކާއި ދެކުނު އޭޝިއާގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ސާކްގެ ކޮވިޑް-19 ފަންޑަށް ޕާކިސްތާނުން ތިން މިލިއަން ޑޮަލަރު ދޭން ނިންމައިފިއެވެ.
ސާކް ކޮރޯނާ ވައިރަސް އިމެޖެންސީ ފަންޑަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ތަސައްވަރަކުން އެކުލަވާލި ފަންޑެކެވެ. އެފަންޑަށް އިންޑިއާއިން 10 މިލިއަން ޑޮލަރު ދޭން ވަނީ ނިންމައިފައެވެ.
ސާކްގެ ގައުމުތަކުގެ ތެރެއިން ނޭޕާލްއާއި އަފްގާނިސްތާނުން އެ ފެންޑަށް އެއް މިލިއަން ޑޮލަރު ދޭން ވަނީ ނިންމައިފައެވެ. އޭގެ އިތުރުން ސްރީލަންކާއިން ފަސް މިލިއަން ޑޮލަރު، ބަންގްލަދޭޝްއިން އެއް މިލިއަން ޑޮލަރު އަދި ރާއްޖެއިން 200،000 ޑޮލަރު އަދި ބޫޓާންއިން 100،000 ޑޮލަރު ދޭން ވަނީ ވައުދުވެފަ އެވެ.
ސާކްގެ ގައުމުތަކުގެ ތެރެއިން މިހާރު އެންމެ ބޮޑަށް ކޮވިޑް ފެތުރެމުންދަނީ އިންޑިއާ އަދި ޕާކިސްތާނުގަ އެވެ. އިންޑިއާއިން ބަލި ޖެހުނު މީހުންގެ އަދަދު 6000 އަށް ވުރެ މައްޗަށް ގޮސްފައިވާއިރު ޕާކިސްތާނުން 4000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ބަލި ޖެހިފައެވެ.
ސާކްގެ ގައުމުތަކުގެ ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 300 އަށް ވުރެ މައްޗަށް އަރައިފައެވެ.
ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން މުޅި އިންޑިއާ މިހާރު އޮތީ 21 ދުވަހަށް ލޮކްޑައުންވެސް ކޮށްފައެވެ.