އީޔޫ އިން ރާއްޖެއަށް 51 މިލިއަން ރުފިޔާ ހިލޭ އެހީ ދީފި

ބްރެސަލްސްގައި ހުންނަ އީޔޫގެ ހެޑްކުއާޓަރު --

ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކަށް އެހީތެރިވުމުގެ ގޮތުން ޔޫރަޕްގެ ގައުމުތަކުގެ އިއްތިހާދު، ޔޫރަޕިންއަން ޔޫނިއަން (އީޔޫ)އިން ރާއްޖެއަށް 3 މިލިއަން ޔޫރޯ (51 މިލިއަން ރުފިޔާ)ގެ ހިލޭ އެހީ ދީފި އެވެ.

އީޔޫ އާއި ރާއްޖެ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ސިއްހީ ދާއިރާއަށް އެއް މިލިއަން ޔޫރޯ އަދި ޓޫރިޒަމް ދާއިރާ އާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ދެ މިލިއަން ޔޫރޯ އީޔޫ އިން ވަނީ ރާއްޖެއަށް ދީފައި ކަމަށެވެ.

އެ ބަޔާނުގައި އީޔޫއިން ވަނީ ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން އަޅަމުން އަންނަނީ ދެފުށް ފެންނަ، ހަރުދަނާ ފިޔަވަޅުތަކެއް ކަން ފާހަގަކޮށް، އެ ފިޔަވަޅުތަކަށް އެ ޖަމާއަތުން މަރުހަބާ ކިޔާކަން ހާމަކޮށްފަ އެވެ.

އެ ބަޔާނުގައި ރާއްޖެ އާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވިދާޅުވީ މިދަނޑިވަޅަކީ ރާއްޖެއާއި އީޔޫ ގުޅިގެން މަސައްކަތްކުރަންވީ ވަގުތެއްކަމަށެވެ. އަދި އީޔޫއިން ރާއްޖޭގެ ސިއްހީ ދާއިރާއަށާއި ފަތުރުވެރިކަމުގެ ދާއިރާއަށް މިދިން އެހީތެރިކަމާއެކު، ޔޫރަޕްގެ ފަތުރުވެރިންނަށް އަވަހަށް ރާއްޖެއަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ސަފީރު ވިދާޅުވި އެވެ.

ރާއްޖެއިން އެޅި ހަރުދަނާ، އަވަސް ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގައި ތިބި ޔޫރަޕްގެ ގައުމުތަކުގެ ފަތުރުވެރިން ފަސޭހަކަމާއެކު އެގައުމުތަކަށް ގެންދެވިފައިވާކަން ވެސް އީޔޫއިން ފާހަގަކޮށް އެކަމަށް ވެސް ބަޔާނުގައި ވަނީ ޝުކުރު އަދާކޮށްފަ އެވެ.

އީޔޫގެ އެހީއާ ގުޅިގެން ފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދު ވިދާޅުވީ، މިއެހީއަކީ ރާއްޖެއާއި އީޔޫއާ ދެމެދު އޮތް ގުޅުން ހަރުދަނާވެފައިވާކަމުގެ ވަރަށް ފުރިހަމަ ހެއްކެއް ކަމަށެވެ. އަދި އީޔޫގެ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، މިއެހީތެރިކަމުގެ ސަބަބުން ސިއްހީ ދާއިރާއަށް އިތުރަށް ހަރުދަނާކުރުމަށާއި، އިގްތިސާދީ ގޮތުން ދިމާވާ ގޮންޖެހުންތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަންނަން ފަސޭހަވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މީގެ އިތުރުން، ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި އީޔޫގެ އެހީތެރިކަން އަދިވެސް ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވި އެވެ.

ޑަބްލިއެޗްއޯގެ އިތުރުން މިފަހުން ވޯލްޑް ބޭންކުން ވެސް ވަނީ ރާއްޖެއަށް 17.3 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދީފަ އެވެ. މީގެ އިތުރުން ރާއްޖެއިން އަންނަނީ، އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އިން 50 މިލިއަން ޑޮލަރު އަދި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން 30 މިލިއަން ޑޮލަރު ހޯދުމަށް މަޝްވަރާ ކުރަމުންނެވެ.

comment ކޮމެންޓް