ތުރުކީގައި މާސްކު ވިއްކުން މަނާކޮށް، ހިލޭ ބަހަނީ

ތުރުކީން ވަނީ ފޭސް މާސްކް ހިލޭ ބަހަން ނިންމާފަ -- ފޮޓޯ: އޭއެފްޕީ

އަންކާރާ (އޭޕްރިލް 7): ތުރުކީގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެގައުމުގައި ފޭސް މާސްކު ވިއްކުން މަނާކޮށް، އެފަދަ މާސްކުތައް ސަރުކާރުން ހިލޭ ބަހަން ފަށައިފި އެވެ.

ތުރުކީން މާސްކުތައް ބަހަން ފަށާފައި ވަނީ އެގައުމުގައި ގިނަ މީހުން އެއްވެ އުޅޭ ތަންތަނުގައި އެންމެންވެސް މާސްކު އަޅައިގެން ތިބުމަށް ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އެންގެވި ފަހުންނެވެ.

ތުރުކީން މާސްކުތައް ބަހަނީ އެގައުމުގެ ޕޯސްޓަލް ހިދުމަތުގެ ވެބްސައިޓު މެދުވެރިކޮށް މާސްކު ހޯދުމަށް އެދޭ ރައްޔިތުންނަށެވެ. އަދި އުމުރުން 20 އަހަރާއި 65 އަހަރާ ދެމެދުގެ ކޮންމެ މީހަކަށްވެސް ހަފްތާއަކު ފަސް މާސްކަށް އެދެވޭނެ ކަމަށާއި އެމީހުންނަށް ހިލޭ މާސްކުތައް ގެންގޮސްދޭނެ ކަމަށް އެ ވެބްސައިޓުގައިވެ އެވެ.

މީގެ ކުރިން ތުރުކީން ވަނީ 65 އަހަރުން މަތީގެ މީހުންނާއި 20 އަހަރު ނުވާ މީހުންނާއި ކުޑަކުދިން ގޭގައި ތިބުމަށް އަންގާފަ އެވެ.

ތުރުކީގެ ސަރުކާރުން ވަނީ ހިލޭ ބަހާ މާސްކުތައް ގަތުމަށް އެގައުމުގައި މާސްކު އުފައްދާ ކުންފުނިތަކާއެކު އެއްބަސްވުންތައް ހަދާފަ އެވެ. އަދި އެގައުމުގައި އުފައްދާ މާސްކު އެކްސްޕޯޓު ނުކުރަން ނިންމާފަ އެވެ.

ތުރުކީގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ތައުލީމީ އިދާރާތަކާއި މިސްކިތްތައް ބަންދުކޮށް، ޒަރޫރީ ބޭނުންތަކަށް ފިޔަވާ މީހުން ގެއިން ބޭރަށް ނުދިޔުމަށް އެންގުން ހިމެނެ އެވެ. އެގައުމުގައި މިހާތަނަށް 30،000އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން 649 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް