ޕީސް ޓީވީ ނުފެންނަނީ ސިގްނަލް ނުލިބޭތީ: މީޑިއާ ނެޓް

ޕީސްޓީވީގެ މަންޒަރެއް---

ދުނިޔޭގެ ގިނަ އިލްމުވެރިންގެ ދަރުސްތައް ގެނެސްދެމުން އަންނަ "ޕީސް ޓީވީ" މިވަގުތު މީޑިއާ ނެޓް މެދުވެރިކޮށް ނުފެންނަނީ ސިގަނަލް ނުލިބޭތީ ކަމަށް މީޑިއާ ނެޓްއިން ބުނެފިއެވެ.

މީޑިއާ ނެޓްގެ އޮފިޝަލަކު "ސަން" އަށް މިރޭ ވިދާޅުވީ އެ ޗެނަލް މިވަގުތު ނުފެނުނު ނަމަވެސް ފެންނަ ގޮތް ހަދަން މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޔޫއޭއީގެ ދުބާއީން އޮޕަރޭޓްކުރާ އެ ޗެނެލްގެ ފައުންޑާއަކީ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ޒާކިރު ނައިކްއެވެ. ނަމަވެސް ޑރ. ނައިކް މިހާރު އުޅުއްވަނީ އަމިއްލައަށް އަރުވާލެވިގެން މެލޭޝިއާގައެވެ.

އެ ޗެނަލްއަކީ މުޅި ދުނިޔޭގެ އިތުރުން ދިވެހިންގެ ތެރޭގައިވެސް ވަރަށް މަގުބޫލް ޗެނަލްއެކެވެ.

ޑރ. ނައިކްގެ މައްސަލަތަކެއް އިންޑިއާއިން ތަހުގީގު ކުރަމުންދާއިރު ޕީސްޓީވީ ވަނީ އެގައުމުގައި މަނާވެސްކޮށްފައެވެ. އަދި ހަމަ ބަންގްލަދޭޝްއިންވެސް ވަނީ ޒާކިރު ނައިކް ޓެރެރިޒަމްއަށް ވާގިވެރިވާކަމަށް ބުނެ އެ ޗެނަލް ބްލޮކްކޮށްފައެވެ.

ޕީސްޓީވީ ނުފެންނާތީ އެޗެނެލް ނުފެންނަ ގޮތަށް ހަދައިފައިވާ ކަމަށްވެސް ބައެއް މީޑީއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް މީޑިއާ ނެޓްއިން ބުންޏެވެ.

ޕީސްޓީވީ ބްލޮކް ކުރިކަމަށް އަޑުފެތުރުނުއިރު ދާދި ފަހުން ރާއްޖެ ގެންނަން އުޅުނު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް ގެނައުންވެސް ވަނީ މަޑުޖައްސާލައިފައެވެ.

comment ކޮމެންޓް