މިހާރު އެސްއެސްޓީވީ މީޑިއާނެޓުގެ ޗެނަލް ނަންބަރު 122 އިން ފެންނާނެ!

ސަން ސިޔާމް މީޑިއާ (އެސްއެސްމީޑިއާ)ގެ ދަށުން ހިންގާ ޓީވީ ޗެނަލް، އެސްއެސްޓީވީ މިއަދުން ފެށިގެން މީޑިއާ ނެޓުން ވެސް ދައްކަން ފަށައިފިއެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ރީބްރޯޑްކާސްޓިންގެ ޚިދުމަތް ދެމުން އަންނަ މީޑީއާ ނެޓުން އެސްއެސްޓީވީ ފެންނާނީ ޗެނަލް ނަންބަރު 122 އިންނެވެ.

މީގެ ކުރިން އެސްއެސްޓީވީ ދައްކަމުން އައި އެސްއެސްމީޑިއާއިން ރީބްރޯޑްކާސްޓިން ޚިދުމަތްދޭ އެސްއެސް ނެޓުންނެވެ. ނަމަވެސް މީޑިއާ ނެޓުން މި ޗެނަލް ދައްކަން ފެށުމާއެކު މިހާރު މުޅި ރާއްޖެއަށް ވެެސް މި ޗެނަލް ފެންނާނެއެވެ.

މި ކަމާ ގުޅިގެން އެސްއެސް މީޑިއާގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) މުޙައްމަދު ޢާޞިފް (މޮންދު) ވިދާޅުވީ އެސްއެސްޓީވީގެ ޚިދުމަތް ދޭންފެށިފަހުން އަހަރެއް ފާއިތުވި ނަމަވެސް، މިހާތަނަށް ރާއްޖޭގެ ބޮޑު ބަޔަކަށް ޚިދުމަތް ފޯރުކޮށްދެވިފައި ނުވާކަމަށެވެ. ނަމަވެސް މުވައްޒަފުން ހިތްވަރު އެލުވާނުލައި މަސައްކަތް ކުރަމުންދިޔަކަމަށާއި މިއަދު އެސްއެސްޓީވީ މުޅި ރާއްޖެއަށް ފޯރުކޮށްދެވުނުކަމީ ނުހަނު އުފާކުރާ ކަމެއްކަމަށެވެ.

އަދި މިއީ އެސްއެސްޓީވީން އުފައްދާ ކޮންޓެންޓު ގެ ފައިދާ މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް ލިބުނު ފުރުޞަތެއްގެ ގޮތުގައި ވެސް މޮންދު ސިފަކުރެއްވިއެވެ.

އެސްއެސްޓީވީން ފާއިތުވި އަހަރުގެ ތެރޭގައި ވަރަށް ގިނަ ކޮންޓެންޓް އުފައްދާ ގެނެސްދީފައި ވެއެވެ. މިގޮތުން އެތައް ލައިވް އިވެންޓަކާއި އިންތިޚާބުތަކުގެ ކަވަރޭޖްތައް ގެނެސްދިނެވެ. އަދި އެސްއެސްނެޓް މެދުވެރިކޮށާއި ސޯޝަލް މީޑއާގެ ޕްލެޓްފޯމްތައް މެދުވެރިކޮށް މި ޗެނަލް ވަރަށް ގިނަ މީހުން ބެލިއެވެ.

"އެސްއެސްޓީވީއަކީ ކޮންޓެންޓުގެ ގޮތުން ތަފާތު ޗެނަލަކަށް ހެދުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އަމާޒެއް. ދިވެހިރާއްޖޭގެ ލޯކަލް ކޮންޓެންޓު އިތުރުކޮށް، ރާއްޖޭގެ މާހައުލުން މިހާތަނަށް ގެނެސްނުދެވި ހުރި ވަރަށް ގިނަ ބާވަތްތަކުގެ ޕްރޮގްރާމް ގެނެސްދޭނެ ޗެނަލަކަށް، އެސްއެސްޓީވީ ވާނެ. ޒުވާނުންގެ ޚިޔާލާއެކު އާ ޓެކްނޮލޮޖީގެ އެހީގައި ތަފާތު ޕްރޮގްރާމްތައް ހިމެނުމަށް މަސަކަތްކުރާނަން،" މޮންދު ވިދާޅުވިއެވެ.

މީޑިއާނެޓުން އެސްއެސްޓީވީގެ ޚިދުމަތް ލިބެން ފެށިއިރު، އެސްއެސްޓީވީގެ ރޯދަމަހުގެ ޕްރޮގްރާމްތަކުގެ ޚާއްޞަކަމާއި ތަފާތުކަން ތަޖުރިބާކޮށްލުމުގެ ފުރުސަތަކަށް މިކަން ވެގެންދާނެއެވެ.

comment ކޮމެންޓް