ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދައުލަތުގެ މީޑިއާ ހިންގި މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (އެމްއެންބީސީ)ން މީޑިއާ ނެޓަށް 1.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
ދެހާސް ނުވަވަނަ އަހަރު އެމްއެންބީސީ އުފައްދާ ދައުލަތުގެ މީޑިއާ ހިންގިކަމުގައިވީ ނަމަވެސް، މިހާރު ދައުލަތުގެ މީޑިއާ ހިންގަނީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިންނެވެ.
ނަމަވެސް، އެމްއެންބީސީ އަކީ ސަރުކާރުން އުފައްދަވާފައިވާ ކުންފުންޏަކަށްވުމާއެކު، މިއަދާ ހަމައަށް ވެސް އެ ކުންފުނި އުވާލާފައެއް ނުވެއެވެ.
މިއަދު ސިވިލް ކޯޓުގައި ކުރިއަށް ގެންދިޔަ މައްސަލައަކީ، އެމްއެންބީސީ އާއި މީޑިއާނެޓުން އެކެއް ސެޕްޓެމްބަރު 2009ގައި ވީ "ޗެނަލް ރައިޑިން އެގްރީމަންޓު"ގެ ދަށުން މީޑިއާ ނެޓުން ފޯރުކޮށްދީފައިވާ ޚިދުމަތްތަކަށް އެމްއެންބީސީން ފައިސާ ދައްކާފައި ނުވާކަމަށް ބުނެ، އެމްއެންބީސީގެ މައްޗަށް މީޑިއާނެޓުން ހުށަހަޅާފައިވާ މައްސަލައެކެވެ.
މި ދައުވާގައި މީޑިއާ ނެޓުން އެދިފައި ވަނީ، އެމްއެންބީސީއަށް ފޯރުކޮށްދިން ޚިދުމަތުގެ އަގު ކަމަށްވާ 1.3 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާއަކީ އެމްއެންބީސީން މީޑިއާނެޓަށް ދައްކަން ޖެހޭ ފައިސާއެއް ކަމުގައި ކަނޑައަޅާ، މި ފައިސާ އެކީ އެއްފަހަރާ ދެއްކުމަށް އެމްއެންބީސީގެ މައްޗަށް ހުކުމް ކޮށްދިނުމަށެވެ.
އެގޮތުން، 2010ވަނަ އަހަރު ތަސްދީގު ކުރި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) ގާއިމްކުރުމުގެ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސް ދެ ޗެނަލަކަށް ބަދަލުވެގެން ދިޔަ ނަމަވެސް، މި މައްސަލާގައި ހިމެނޭ ވައި ޓީވީ އެމްބީސީގެ ދަށަށް ބަދަލުވެފައިނުވާކަން ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން، ވައި ޓީވީ މީޑިއާ ނެޓުގައި "ރައިޑް" ކުރުމަށް އެމްއެންބީސީއާއެކު ވީ އެއްބަސްވުމުގެ ދަށުން ފޯރުކޮށްދީފައިވާ ޚިދުމަތުގެ އަގު، 1.3 މިލިއަން ރުފިޔާއަކީ އެމްއެންބީސީ އިން މީޑިއާ ނެޓަށް ދައްކަންޖެހޭ ފައިސާއެއްކަން ސާބިތުވާ ކަމަށް ހުކުމުގައިވެއެވެ.
ހުކުމުގައި ވަނީ، މި ފައިސާ މި މަހުގެ 16ވަނަ ދުވަހުގެ ކުރިން މީޑިއާ ނެޓަށް ދައްކާ ޚަލާސް ކުރުމަށެވެ.