އދ. ފެންފުށިން ވަގަށް ނެގި ތަކެތި ހޯދައ ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފެންފުށީ ކޮންސްޓްރަކްޝަން ސައިޓަކުން ވައްކަންކުރި މައްސަލައެއް މިމަހުގެ ތިން ވަނަ ދުވަހު ހުށަހެޅި ކަމަށެވެ.
ފުލުހުން ބުނީ އެތަނުން ވަގަށް ނަގާފައިވަނީ ހަތަރު ކުޑަދޮރާއި ހަ ބަސްތާ ސިމެންތިއާއި 15 ދަގަނޑު ހޮޅި ކަމަށެވެ.
ވަގަށް ނެގި ހަތަރު ކުޑަ ދޮރާއި ހަތަރު ބަސްތާ ސިމެންތި މީހަކަށް ވިއްކާލައިފައި ވަނިކޮށް ކޯޓު އަމުރެއްގެ ދަށުން އެ ތަކެތި ހޯދާ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އޭގެ އިތުރުން ފުލުހުން ބުނީ ދެ ދަގަނޑު ހޮޅިވެސް ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން 27 އަހަރާއި 35 އަހަރުގެ ދިވެހި ދެ ފިރިހެނުން އިއްޔެ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ދެ މީހުންގެ ބަންދަށް ވަނީ 10 ދުވަސް ޖަހައިދީފައެވެ.
އެ މައްސަލަ މިހާރު ދަނީ ފުލުހުން އިތުރަށް ތަހުގީގް ކުރަމުންނެވެ.