ފިހާރައެއްގެ ސީލިން ފަޅާލައިގެން ވައްކަންކުރި މީހަކު ހައްޔަރަށް: މިއީ ހައްޔަރުކުރި 50 ވަނަ ފަހަރު

ފުލުހަކު މަގުމަތީގައި: ފިހާރައެއްގެ ސީލިން ފަޅާލައިގެން ވައްކަންކުރި މީހަކު ވަނީ ހައްޔަރުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފިހާރައެއްގެ ސީލިން ފަޅާލައި، ގިނަ އަދަދެއްގެ އެއްޗެހި ވަގަށް ނެގިކަމުގެ ތުހުމަތުގައި، މީހަކު 50 ވަނަ ފަހަރަށް ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.

އެއީ، އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ މައްޗަށް ކުރަނީ ވައްކަންކުރުމާއި މުދަލަށް ގެއްލުން ދިނުމުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވާ ގޮތުގައި އޭނާ މީގެ ކުރިން 48 ފަހަރު ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރެއިން 28 ފަހަރު ބަންދަށް ބަދަލުކޮށްފައިވާއިރު ގިނައިން ހައްޔަރުކޮށްފައިވަނީ ވައްކަމުގެ މައްސަލައިގައެވެ.

އެ މައްސަލައިގައި ފުލުހުންނަށް އޭނާ ފެނުނުއިރު އޭނާގެ އަތުގައި ދެ ކޮތަޅު އޮތް ކަމަށާއި، އެއް ކޮތަޅު ޕިކަޕެއް ދަށުގައި ބެހެއްޓީ ކަމަށް ކޯޓު އަމުރުގައިވެއެވެ. އޭނާގެ އަތުގައި އޮތް ކޮތަޅާ ގުޅިގެން ސުވާލުކުރުމުން އެއީ އޭނާ ކުރިން މާރުކޭޓު ކައިރީ ބަހައްޓާފައި ހުރި އެއްޗެހި ކަމަށް ބުނި ކަމަށް ވެސް އަމުރުގައިވެއެވެ. އަދި، ޕިކަޕު ކައިރީގައި ބެހެއްޓި ކޮތަޅާ ގުޅިގެން ސުވާލުކުރުމުން ޕިކަޕު ކައިރީ އެއްވެސް އެއްޗެއް ނުބަހައްޓާ ކަމަށް އޭނާ ބުނެފައިވެއެވެ.

ނަމަވެސް، ފުލުހުން އެ ކޮތަޅު ބެލިއިރު މޯބައިލް ފޯނުތަކަކާއި، ހެޑް ފޯނަކާއި، އެހެން މީހެއްގެ ބިއެމްއެލް ކާޑަކާއި، ފައިސާގެ އިތުރުން ސުޕަ ގްލޫ ފުޅިތަކެއް ވަނީ ފެނިފައެވެ.

އެ ވަގުތު އޭނާގެ ޖިންސުގެ ކަނާތު ފަހަތު ޖީބުން އެއްޗެއް ނަގާ ވައްޓާލިތަން ފެނުމުން އެއީ ކޮން އެއްޗެއްތޯ ބެލިއިރު، ކަށިގަނޑުތަކަކާއި ރެންޗެއް ފެނުނު ކަމަށްވެއެވެ. އެއާއެކު އޭނާގެ ޖީބުތައް ޗެކްކުރިއިރު އެހެން މީހެއްގެ ވޮލެޓެއް ފެނިފައިވާ ކަމަށާއި އިތުރު ދެ ފޯނު ފެނިފައިވާ ކަމަށް ސީނަށް ދިޔަ ފުލުހުންގެ ހާދިސާ ރިޕޯޓުން އެނގެއެވެ.

ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި އޭނާގެ އަތުން ފެނިފައިވާ ތަކެއްޗަކީ ޝަހީދު އަލީ ހިނގުމުގައި ހުންނަ އޭއެސް ޓްރޭޑާސް ފިހާރައިގެ ސީލިން ފަޅާލައިގެން ވަދެ، ވަގަށް ނަގާފައިވާ ތަކެތި ކަމަށް ފުލުހުންނަށް މިހާރު ކަށަވަރުކުރެވިފައިވާ ކަމަށް ވަނީ ބުނެފައެވެ.

ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް 15 ދުވަހުގެ ބަންދުގެ މުއްދަތު ޖަހާފައިވަނީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީއެވެ.

comment ކޮމެންޓް