މިއީ އިގްތިސާދީ އެކްޝަން ޕްލޭނެއް ރާވަންވީ ވަގުތު: އޭޑީކޭ

އޭޑީކޭ ނާޝިދު --- ފައިލް ފޮޓޯ/

މި ދަނޑިވަޅަކީ ކޮވިޑް19އާ ގުޅިގެން އިގްތިސާދަށް އަންނަ ހީނަރުކަމުން އަރައިގަތުމަށް ޓަކައި ކަމާ ބެހޭ ފަރާތްތައް ގުޅިގެން އެކްޝަން ޕްލޭނެއް އެކުލާވަލަން ޖެހޭ ވަގުތު ކަމަށް އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންއިން ބުނެފި އެވެ.

ކޮވިޑް19އާ ގުޅިގެން އެކުންފުނިން އިއްޔެ ނެރުނު ނޫސްބަޔާނުގައި ބުނީ ކޮވިޑް19އާ ގުޅިގެން މި ދުވަސްވަރު އެހެން ކުންފުނިތަކެކޭ ވެސް އެއްފަދައިން އެ ކުންފުންޏަށް ވެސް ގިނަ ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.

ކޮވިޑް19އާ ގުޅިގެން އިގްތިސާދަށް އަންނަ ހީނަރުކަމުން އަރައިގަތުމަށް އެކްޝަން ޕްލޭނެއް އެކުލަވާލުމުގެ މުހިންމުކަން ފާހަގަކޮށް އޭޑީކޭއިން ބުނީ އެފަދަ ޕްލޭނެއް ނެތްނަމަ ކުންފުނިތައް ހުއްޓޭ ފަދަ ހާލަތެއް މެދުވެރިވެދާނެ ކަމަށެވެ.

"މިފަދަ އެކްޝަން ޕްލޭނެއް ރޭވިފައި ނެތް ނަމަ ކުންފުނިތަކުން ކުރާ މަސައްކަތްތައް ހުއްޓި، މުވައްޒަފުން ރިޑަންޑަންޓް ކުރަން ޖެހޭ ހާލަތަކަށް ގިނަ ކުންފުނިތައް ހިނގައިދާނެ... ކުންފުނިތަކުން މުވައްޒަފުންގެ މުސާރައާއި އެލަވަންސް އުނިނުކޮށް މި ދަނޑިވަޅުގައި ކުރިއަށްދާން ވިސްނާފައިވީ ނަމަވެސް، މިހާރު މިވަނީ ކުންފުނިތަކުގެ މަސައްކަތްތައް ނުކުރެވޭ ހާލަތެއް މެދުވެރިވެފައި." އޭޑީކޭއިން ބުނެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައި މުވައްޒަފުން ރިޑަންޑެންޓް ކުރެވޭނެ އުސޫލެއް ބަޔާންކޮށްފައި ނުވި ނަމަވެސް، ކުންފުންޏަށް ދިމާވާ އިގްތިސާދީ ހާލަތަކާ ގުޅިގެން މުވައްޒަފުންގެ މުސާރަ އުނިކޮށް، ރިޑަންޑެންޓް ކުރެވޭނެ އުސޫލެއް ހައިކޯޓުގެ ކުރީގެ ގަޒިއްޔާތަކުން ކަނޑައަޅައިދީފައިވާ ކަމަށް ވެސް އޭޑީކޭ އިން ބުނެ އެވެ.

މި ހާލަތުގައި ވަޒީފާ ގެއްލޭ ފަރާތްތަކުގެ މައުލޫމާތު އެއްކުރުމަށް ގާއިމްކޮށްފައިވާ ޖޮބް ސެންޓަރު ޕްލެޓް ފޯމަށް 185 މީހެއް ވަޒީފާއިން ވަކިކުރިކަމުގެ ޝަކުވާ މިހާތަނަށް ވަނީ ހުށަހަޅާފަ އެވެ. އަދި ނޯ ޕޭ ލީވްއަށް ދިއުމަށް އަންގައިގެން 245 މީހުން ހުށަހަޅާފައިވާ އިރު، 113 މީހުންގެ މުސާރަ ކުޑަކޮށްގެން ޝަކުވާ ހުށަހަޅާފައިވެ އެވެ.

https://sun.mv/134266

ކޮވިޑް19އާ ގުޅިގެން ކުރިމަތިވާ އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް ޓަކައި އެކި ދާއިރާތަކުން އެހީވުމަށް ޓަކައި ސަރުކާރުން ވަނީ އިގްތިސާދީ ސްޓިމިއުލަސް ޕެކޭޖެއް ތައާރަފުކޮށްފަ އެވެ.

އެ ޕެކޭޖުގެ ތެރެއިން އެކި ދާއިރާތަކުން ލުއިތަކުގެ އިތުރުން ވިޔަފާރިތައް ދެމެހެއްޓުމަށް ޓަކައި ލޯނު ނެގޭނެ އުސޫލެއް ވެސް ވަނީ ހިމަނާފަ އެވެ. އަދި އެ ޕެކޭޖުގެ ދަށުން ލޯނު ދޫކުރަން ނިންމާފައި ވަނީ ވެސް މުވައްޒަފުންގެ ވަޒީފާގެ ހާލަތަށް ބަދަލު ނުގެންނަން އެއްބަސްވާ ކުންފުނިތަކަށެވެ.

ނަމަވެސް މިއީ އިކޮނޮމިކް މިނިސްޓްރީއާއި ކަމާބެހޭ މުއައްސަސާތަކުން ވިޔަފާރިތަކަށް މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކޮށް، އިގްތިސާދީ ގެއްލުން ކުޑަކުރަން ހާއްސަ އިސްކަމެއް ދޭންވީ ވަގުތު ކަމަށް އޭޑީކޭއިން ދެކެ އެވެ.

"މިހާލަތުގައި ކުންފުނިތަކަށް މަސައްކަތް ކުރެވޭނެ މާހައުލެއް ހޯދައިދެވިިއްޖެ ނަމަ، މި ގެއްލުންތައް ފޫބައްދަން ކަނޑައަޅާފައިވާ ސްޓިމިއުލަސް ޕެކޭޖުތަކަށް ވިޔަފާރިތަކާއި ވަކިވަކި ފަރުދުން ބަރޯސާވާ މިންވަރު ކުޑަކުރެވި، މިކަމަށް އިގްތިސާދީ ހައްލެއް ލިބިގެންދާނެ." އޭޑީކޭއިން ބުނެ އެވެ.

އެ ނޫސްބަޔާނުގައި ކޮވިޑް19އާ ގުޅިގެން ސަރުކާރުން އަޅަމުންދާ ފަޔަވަޅުތަކަކީ ރަނގަޅު ފިޔަވަޅުތަކެއް ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން އެއްވެސް ރަށެއްގައި މި ބަލި އަދި ފެތުރިފައިނުވާ ކަމަށް އޭޑީކޭ އިން ފާހަގަކޮށްފައިވެ އެވެ.

އޭޑީކޭ ގްރޫޕް އޮފް ކޮމެނީސްގެ ދަށުން ހިންގާ އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންއަކީ ލޮޖިސްޓިކް އޮޕަރޭޝަންސްގެ އިތުރުން ލަގްޒަރީ ކްރޫސިންގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ.

comment ކޮމެންޓް