ކޮވިޑް-19އާ ގުޅިގެން 185 މީހުން ވަޒީފާއިން ވަކިކުރި ކަމުގެ ޝަކުވާ

މާލޭގެ މާރުކޭޓް ސަރަހައްދު: ކޮވިޑް-19 އާ ގުޅިގެން 185 މީހުން ވަޒީފާއިން ވަކިކޮށްގެން ޝަކުވާ ވަނީ ހުށަހެޅިފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ކަމަށް ބުނެ 185 މީހެއް ވަޒީފާއިން ވަކިކޮށްގެން ޝަކުވާ ހުށަހަޅާފައިވާ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޭޝަނަލް އެމަޖެންސީ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މި ހާލަތުގައި ވަޒީފާ ގެއްލޭ ފަރާތްތަކުގެ މައުލޫމާތު އެއްކުރުމަށް ގާއިމްކޮށްފައިވާ ޖޮބް ސެންޓަރ ޕްލެޓް ފޯމްގައި 723 މީހުން ރެޖިސްޓަރ ކޮށްފައިވާ ކަމަށެވެ.

އޭގެ ތެރެއިން 58 މީހުންނަކީ ސެލްފް އެމްޕްލޮއިޑް ނުވަތަ އަމިއަލް މަސައްކަތް ކުރި އަދި މިހާރު ވަޒީފާއެއް ނެތް ފަރާތްތައްކަން މަބްރޫކް ފާހަގަކުރެއްވި އެވެ. 185 މީހުން ވަޒީފާއިން ވަކިކޮށްގެން ހުށަހަޅާފައިވާއުރު 113 މީހުންގެ މުސާރަ ކުޑަކޮށްގެން ވަނީ ޝަކުވާ ހުށަހަޅާފަ އެވެ. އެންމެ ގިނައިން ހުށަހަޅާފައިވަނީ ނޯޕޭލީވަށް ދިއުމަށް އަންގާފައިވާ މައްސަލަތަކެވެ. އެ އަދަދު އުޅެނީ 245ގަ އެވެ.

ބައި ސެލަރީއަށް މުސާރަ ކުޑަކޮށްގެން 72 ޝަކުވާ ހުށަހެޅިއިރު 44 މީހުން ޝަކުވާ ހުށަހަޅާފައިވަނީ ބޭސިކް ސެލަރީ އެކަނި ދިނުމުންނެވެ. އަދި 64 މީހަކު ވަޒީފާއިން ސަސްޕެންޑްކޮށްގެން ވަނީ ޝަކުވާ ހުށަހަޅާފަ އެވެ.

ކޮވިޑް-19އާ ގުޅިގެން ވަޒީފާ ދޭ ފަރާތުން އެއްވެސް މީހެއްގެ ވަޒީފާގެ ހާލަތަށް ބަދަލު ގެނެސްފި ނަމަ އެކަން އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރަށް ރިޕޯޓު ކުރަން މި މަހުގެ 21 ވަނަ ދުވަހު އެ މިނިސްޓްރީ އިން ވަނީ އެދިފަ އެވެ. ނޯ ޕޭ ލީވްއަށް ފޮނުވުމާއި މުސާރަ ކުޑަކުރުމާއި، ވަޒީފާއިން ވަކި ކުރުން ފަދަ ކަންތައްތައް ޖޮބް ސެންޓަރުގެ ޕޯޓަލްގައި ރިޕޯޓު ކުރެވެ އެވެ.

ކޮވިޑް-19އާ ގުޅިގެން 58 ރިސޯޓަކުން 11،000އެއްހާ މުވައްޒަފުން ނޯޕޭއަށް ފޮނުވާލާން ނިންމާފައިވާ ކަމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)އިންވެސް މިއަދު ވަނީ ބުނެފަ އެވެ.

ވަޒީފާ ދޭ ފަރާތްތަކުން މުވައްޒަފުންގެ ވަޒީފާގެ ހާލަތަށް ބަދަލު ނުގެނައުމަށް ސަރުކާރުން ދަނީ ބާރު އަޅަމުންނެވެ. ކޮވިޑް-19އާ ގުޅިގެން ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ވިޔަފާރިތަކަށް އެހީތެރިވާން އެކުލަވާލި 2.5 ބިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖުގެ ދަށުން ލޯނު ދޫކުރަންނިންމާފައި ވަނީ ވެސް މުވައްޒަފުންގެ ވަޒީފާގެ ހާލަތަށް ބަދަލު ނުގެންނަން އެއްބަސްވާ ކުންފުނިތަކަށެވެ.

comment ކޮމެންޓް