ކުރިނބީން ދަނޑުވެރިކަން ކުރަން ބޭނުން ކޮންމެ ގެއަކަށް ހިލޭ ބިމެއް ދޫކުރަނީ

ކޮރޯނާވައިރަހާ ގުޅިގެން ދިމާވެދާނެ އިގްތިސޯދީ ހީނަރުކަމަށްބަލާ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށްޓަކައި އެއްވެސް ކުއްޔަކާއިނުލާ ވަގުތީގޮތުން ދަނޑުވެރިކަމަށް ބިން ދޫކުރަން ހދ. ކުރިނބީ ކައުންސިލުން ނިންމައިފިއެވެ.

އެރަށު ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ދަނޑުވެރިކަމަށް ބިން ދޫކުރުމަށް ނިންމާފައި ވަނީ ރަށުގެ ދެކުނު ފަރާތުން ކަމަށެވެ.

އެގޮތުން ދަނޑުވެރިކަން ކުރަން ބޭނުންވާ ކޮންމެ ގެއަކަށް ބިމެއް ދޫކުރަން ވަނީ ނިންމައިފައެވެ. ކައުންސިލުން ބުނީ ދަނޑުގެ ބޮޑުމިން ކަނޑައަޅާނީ އެކަމަށް އެދޭ ފަރާތްތަކަށް ނިސްބަތްކޮށް ދަނޑުދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ބޮޑުމިނަށް ބަލައިގެން ކަމަށެވެ.

އަދި މިގޮތުން ދޫކުރާ ދަނޑުތަކަކީ ކުރު މުއްދަތަކަށް ދޫކުރެވޭ ވަގުތީ ދަނޑުތަކަކަށް ވާތީ އެ ދަނޑުތަކުގައި ހެއްދޭނީ ގޮވާމާއި، ފަލަމަޑީގެ ބާވަތްތައް ފަދަ ކުރު މުއްދަތުގައި ހައްދައިގެން ކާނާ ލިބޭ ބާވަތްތައް ކަމަށް ކައުންސިލުން ބުންޏެވެ.

ކައުންސިލުން އެކުލަވާލި އުސޫލުގެ ދަށުން ދަނޑުބިން ބޭނުންވާ ގޭގެއިން މި މަހުގެ ނުވަވަނަ ދުވަހުގެ ކުރިން ކައުންސިލަށް ގުޅައިގެން ނަން ނޯޓުކުރުމުގެ މިހާރު ވަނީ ހުޅުވާލައިފައެވެ.

ކައުންސިލުން ބުނީ ނަން ނޯޓުކުރުމަށް ގުޅާނީ ރޭގަނޑު 20:30 އިން 21:00 އާއި ދެމެދު ކަމަށެވެ.

ކޮރޯނާވައިރަހާ ގުޅިގެން ބައެއް ރަށްތަކުން އަންނަނީ ދަނޑުވެރިކަން ކުރުމަށް ބާރު އެޅުމުގެ ގޮތުން ބިން ދޫކުރަން ފަށައިފައެވެ. އެގޮތުން އައްޑޫސިޓީގެ ފުޑް ސެކިއުރިޓީ ޔަގީންކުރުމަށްޓަކައި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރަން އެ ސިޓީން ބިން ދޫކުރަންވެސް މިހާރު ވަނީ ހުޅުވާލައިފައެވެ.

comment ކޮމެންޓް