ކޮރޯނާވައިރަސް: ނެގެޓިވްވުމުން 49 މީހަކު ކަރަންޓީނުން ދޫކޮށްލައިފި

މުޅި ދުނިޔޭގައި ބާރަށް ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން ބޭރުން އައުމުން ކަރަންޓީނުކޮށްފައި ތިބި، 49 މީހެއް ކޮރޯނާވައިރަސް، ކޮވިޑް-19އަށް ނެގެޓިވްވުމާ އެކު، އެ އެންމެން މިއަދު ދޫކޮށްލައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ބުނީ، ފަން އައިލެންޑް ރިސޯޓްގައި ކަރަންޓީނުކޮށްފައި ތިބި 49 މީހެއް ކަރަންޓީނުގައި ތިބޭތާ 14 ދުވަސްވުމުން މިއަދު، އެ ބައްޔަށް ޓެސްޓްކޮށްފައިވާ ކަމަށެވެ. އަދި އެ އެންމެންގެ ޓެސްޓްވެސް ނެގެޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ކަރަންޓީނު ފެސިލިޓީތަކުގައި 14 ދުވަސް ހަމަކުރުމަށްފަހު ވައިރަސް އަށް ނެގެޓިވްތޯ ޓެސްޓު ކުރާނީ 15 ވަނަ ދުވަހު އެވެ. އަދި އެއަށްފަހު ނަތީޖާ ލިބުމުން ކަރަންޓީނު ފެސިލިޓީއިން ގެއަށް ބަދަލުކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

އެގޮތުން އެ 49 މީހުންގެ 14 ދުވަސް ހަމަވުމުން 15 ވަނަ ދުވަހު އެމީހުންގެ ޓެސްޓުތައް ހަދާފައިވަނީ އިއްޔެ އެވެ. އެ އެންމެންގެ ޓެސްޓްގެ ނަތީޖާ ވެސް ނެގެޓިވްވުމުން މިއަދު ގެއަށް ބަދަލުކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ކަރަންޓީނު ފެސިލިޓީތަކުގައި މިވަގުތު 881 މީހަކު އެބަ ތިއްބެވެ. އެ 49 މީހުންގެ އިތުރުން، ވައިރަސްއަށް ޕޮޒިޓިވްވެ ރަނގަޅު ވެފައިވާ ދެމީހަކު ވަނީ އިއްޔެ ދޫކޮށްލާފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް 15 ބިދޭސީއަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން މިހާރު ދޫކޮށް ނުލާ ހުރީ އިޓަލީގެ ފަތުރުވެރިއެއް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

އެ މީހާގެ ފުރަތަމަ ސާމްޕަލް ނެގެޓިވް ވެފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. އަދި ދެ ހަފްތާ ފަހުން އެނާ ޓެސްޓް ކުރުމަށް ފަހު ނެގެޓިވް ވެއްޖެ ނަމަ ދޫކޮށްލާނެ ކަމަށް ވެސް އެޗްޕީއޭ އިން ބުނެ އެވެ.

ފަނަރަ ބިދޭސީންގެ އިތުރުން އިނގިރޭސިވިލާތުން ރާއްޖެ އައި ހަތަރު ދިވެއްސެއް ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. އެ މީހުނަށް ފަރުވާ ދެމުން އަންނައިރު ހަތަރު މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

comment ކޮމެންޓް