މާލޭގައި ކުއްޔަށް އުޅޭ ފަރާތްތަކުން ކުލި ނުދެއްކި، މާލޭގައި މަގުމަތިވުމުގެ ކުރިން އަމިއްލަ ފަސްގަނޑަށް ހިޖުރުކުރުމަށް ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ވިދާޅުވެއްޖެ އެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު އީސަ ވިދާޅުވީ، ދިރިއުޅުމުގައި ލިބޭ އާމްދަނީއާ ކުރަންޖެހޭ ހަރަދާއި ނުބައްދަލު، ކަންކަން ދޫކޮށްލަން ޖެހޭ ކަމަށެވެ.
"ހާލުގައި ޖެހި މަގުމަތިވެ އާއިލާ ނުބެލޭ ހިސާބަށް ދިއުމުގެ ކުރިން ފަރުދީ ޒިންމާ ނަންގަވައި. އަމިއްލައަށް ހިސާބެއް ޖައްސަވައި. މާލޭގައި ކުއްޔަށް އުޅެވޭނެކަމުގެ ޔަގީންކަން ނެތްނަމަ ކުއްޔަށް އުޅުއްވާތަން ދޫކުރައްވައި އަމިއްލަ ފަސްގަނޑަށް، ރަށަށް ވަޑައިގަންނަވާށޭ،" މެމްބަރު އީސަ ވިދާޅުވި އެވެ.
ބައެއް އެޕާޓްމެންޓަކުން ކުލި ކުޑަކޮށްދިނުމުންވެސް ކުއްޔަށް ހިފާފައި ތިބި ފަރާތްތަކަށް ކުލި ދެއްކުމަށް ދަތިތަކެއް ހުރިކަން އީސަ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން ތިބެގެން ނުވާނެ މަގުމަތިވަންދެން. ބަނޑަށް ޖެހެންދެން. އަޅުގަނޑުމެން ފަރުދީ ޒިންމާއެއް ގޮތުގައި ދެކެންޖެހޭ. ތިމާމީހާއަށް ލިބޭ އާމްދަނީއާއި ތިމާ ކުރަންޖެހޭ ހަރަދާއި ނުބައްދަލު ދިރުއުޅުމުގައި ހުރި ކަންކަން ދޫކޮށްލަންވީ،" އީސަ ވިދާޅުވި އެވެ. "އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުލި ނުދެއްކިގެން އެތަނުން ނެރެންދެން އަޅުގަނޑުމެން މިއަދު ތިބެގެން ނުވާނެ. އަޅުގަނޑުމެނަށް ކުލި ދެއްކޭނެ ގޮތެއް ނެތްކަމަށް ފަރުދީ ގޮތުން ޖަހާ ހިސާބު ދައްކާ ކަމުގައިވަނީނަމަ އަޅުގަނޑުމެން މިއަދު އެބަޖެހޭ އަނބިދަރިންނާއެކު ކިތަންމެ ނުރުހުނު ނަމަވެސް އަމިއްލަ ފަސްގަނޑަށް ބަދަލުވެ ކައިގެން ބޮއިގެން އުޅެން،"
މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮރޯނާވައިރަހުގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދުވެސް ވަނީ އަރިއަޅާލާފަ އެވެ. ހާއްސަކޮށް ޓޫރިޒަމް ދާއިރާގައި ސީދާ އަދި ނުސީދާކޮށް މަސައްކަތްކުރާ އެތައް ބައެއްގެ އާމްދަނީއަށް ދަނީ ހީނަރުކަން އަންނަމުންނެވެ. އެކަމުން އަރައިގަތުމަށް ސަރުކާރުން ވެސް އަންނަނީ މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ.