އަގުހެޔޮ ޚާއްސަ އިންޓަނެޓް ޕެކޭޖްތަކެއް ތައާރަފް ކުރަން ސަރުކާރުން އެދިއްޖެ

ރައީސް އިބްރާހިމް މުހައްމަދު ސާލިހް --- ފޮޓޯ/ ރައީސް އޮފީސް

މިހާރު ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާ ވައިރަހާ ގުޅިގެން ރާއްޖޭގެ އިގްތިސޯދު ވަރަށް ބޮޑަށް ހީނަރުވެފައިވާ މިދަނޑިވަޅުގައި އެކަކު އެނަކަކާއި މުއާސަލާތު ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޚާއްސަ ޑޭޓާ ޕެކޭޖުތަކެއް ހެޔޮ އަގެއްގައި ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް މުވާސަލާތީ ކުންފުނިތަކުގެ ކިބައިން ސަރުކާރުން އެދިއްޖެއެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، މިދަނޑިވަޅުގައި އިންޓަނެޓްގެ އަގު ހެޔޮކުރުމުގައި އަމަލުކުރަން ފެންނަ ގޮތްތަކެއް ސަރުކާރުން މުވާސަލާތީ ކުންފުނިތަކަށް ހުށަހަޅާފައިވާނެ ކަމަށެވެ.

"ކޯވިޑް-19 އާ ގުޅިގެން އުފެދިފައިވާ ހައްސާސީ މި ދަނޑިވަޅުގައި، އެކަކު އެނަކަކާއި މުއާސަލާތު ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޚާއްސަ ޑޭޓާ ޕެކޭޖުތަކެއް ހެޔޮ އަގެއްގައި ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމެވެ،" ރައީސް އޮފީހުން ނެރުނު ބަޔާނުގައި ވެއެވެ.

ކޮވިޑް ޓާސްކްފޯސްގެ މަސައްކަތްތަކަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ އާއި އެ އިދާރާގެ ސެލްތަކަށް ބޭނުންވާ އިންޓަނެޓުގެ ޚިދުމަތްތައް އެއްވެސް އަގަކާއި ނުލައި ފޯރުކޮށްދިނުމަށް ވެސް ސަރުކާރުން ވަނީ އެދިފައެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގެވުމުގެ ދަށުން ކަރަންޓީން އަދި އައިސޮލޭޓް ކޮށްފައިވާ މީހުންނަށް އެއްވެސް އަގަކާއި ނުލައި އިންޓަނެޓުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ވެސް ސަރުކާރުން ވަނީ އެދިފައެވެ.

މި ދަނޑިވަޅުގައި އިންޓަރނެޓު ބޭނުންކުރާ މިންވަރު އިތުރުވާނެކަމަށް ބަލައި، "ޑޭޓާ ކެޕް" ނުވަތަ އިންޓަނެޓު ޕެކޭޖްތަކުގައި ކަނޑައަޅާފައިވާ "ޑޭޓާ އެލަވަންސް" އިތުރުކޮށްދިނުމާއި، އެ ޕެކޭޖެއްގައި ކަނޑައަޅާފައިވާ ޑޭޓާގެ މިންވަރު ހަމަވުމުން އިތުރު ޑޭޓާއަށް އެދުމަށް ދޫކުރާ "ޑޭޓާ ބޫސްޓަރ" ޕެކޭޖުތަކުގެ އަގު ހެޔޮކޮށްދިނުމަށް ވެސް ސަރުކާރުން އެދުނެވެ.

ރައީސް އޮފީހުން ބުނީ ކޮންމެ ޕެކޭޖެއްގެ ދަށުން ފޯރުކޮށްދޭ "ޑޭޓާ އެލަވަންސް" ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން 70 ޕަސެންޓް ކަސްޓަމަރުންނަށް އަދި މޯބައިލް ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން 50 ޕަސެންޓް ކަސްޓަމަރުންނަށް ދެގުނައަށް އިތުރުކޮށްދޭނެ ކަމަށް ސަރުކާރުން އުންމީދު ކުރާ ކަމަށެވެ.

ހަމައެހެންމެ ފިކްސްޑް ބްރޯޑްބޭންޑް އަދި މޯބައިލް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް، އެ ކަސްޓަމަރުންގެ "ޑޭޓާ އެލަވަންސް" ހަމަވުމުން އިންޓަނެޓުގެ ޚިދުމަތް ބޭނުންކުރެވޭނެ ގޮތަށް ކޮންމެ ދުވަހަކު އައު ކުރެވޭ "ޑެއިލީ އަންކެޕްޑް އެލަވަންސް" އެއް ތައާރުފުކުރާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

"މީގެ އިތުރުން، "ޑޭޓާ އެލަވަންސް" ހަމަވުމުންވެސް އިންޓަރނެޓުގެ ޚިދުމަތް ހަލުވި ސްޕީޑެއްގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އިތުރު ފަހި ގޮތްތަކެއް އިންތިޒާމު ކުރުމަށް މުއާޞަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުން މަސައްކަތް ކުރާން ވާނެއެވެ،" ރައީސް އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.

މި ދަނޑިވަޅުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް މުއާސަލާތީ އަދި އިންޓަނެޓުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް، ވަކީން ޚާއްސަކޮށް މުއާސަލާތީ ވަސީލަތްތައް މެދުވެރިކޮށް ގޭގައި މަސައްކަތްކުރުމާއި ކުދީންނަށް ކިޔަވައިދިނުމުގައި، މުއާސަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުން ފޯރުކޮށްދެމުން ގެންދަވާ ޚިދުމަތްތައް ފާހަގަކޮށް، އެކަމަށް ރައީސް އޮފީހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

comment ކޮމެންޓް