ލޯނުގެ ލުއި ކުއްޔަށް އުޅޭ މީހުންނަށް ލިބޭކަން ކަށަވަރު ކުރަން ގޮވާލައިފި

މާލެ މަތިން -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ކޮވިޑް19 އާ ގުޅިގެން ހައުސިން ލޯނުތައް ދެއްކުން ހަ މަހަށް ފަސްކޮށްފައިވާއިރު، ކުއްޔަށް ދިރިއުޅޭ ފަރާތްތަކަށް ވެސް އެ ލުއި ލިބޭކަން ކަށަވަރުކުރަން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ގޮވާލައްވައިފިއެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން ލޯންތައް ދެއްކުމުގެ މުއްދަތު ފަސްކޮށް ލޯނުގެ އިންޓަރެސްޓް ދެއްކުމުގައިވެސް ވަނީ ލުއިތަކެއް ދީފަ އެވެ.

އެ ލުއިތަކާއެކު އެކު މާލޭގެ ކުލިތައް ރެގިއުލޭޓް ކުރުމާ ގުޅޭގޮތުން ސަރުކާރުުން ވިސްނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ވިދާޅުވެފައެވެ. އަދި މާލޭގެ ބައެއް ގެތަކުގެ ވެރިން އަންނަނީ ކުލި ކުޑަކޮށްދެމުންނެވެ.

ކޮވިޑް-19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައަށް ބަހުސް ކުރައްވަމުން މިއަދު ބައެއް މެމްބަރުން ވަނީ ހައުސިން ލޯނުތަކުގެ ލުއި ކުއްޔަށް އުޅޭ ބައެއް މީހުންނަށް ނުލިބޭކަން ފާހަގަކުރައްވައިފައެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 33 ވަނަ ޖަލްސާގެ ތެރެއިން -- ފޮޓޯ، މަޖިލިސް

މަނަދޫ ދާއިރާގެ މެމްބަރު އަހްމަދު ހާރޫން ވިދާޅުވީ ލޯނުތަކަށް ބޭންކުތަކުން ދީފައިވާ ލުއިތަކުގެ ފައިދާ ކުއްޔަށް އުޅޭ ރައްޔިތުންނަށް ނުކުރާކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ.

މުޅި ދުނިޔެއަށް ދިމާވެފައިވާ ބަލިމަޑުކަމެއްގެ އަސަރު އޭގެ އެންމެ ނޭދެވޭ ގޮތެއްގައި ރާއްޖެއަށް ކޮށް، އިގްތިސޯދު މިހާލަތަށް ގޮސްފައިވާ ދަނޑިވަޅެއްގައި ގެތަކުގެ ކުލި ކުޑަކޮށްދިނުމަކީ އިންސާނިއްޔަތު ކަމަށްޓަކައި ވެސް ކޮށްދޭން ޖެހޭ ކަމެއް ކަމަށް މެމްބަރު ވިދާޅުވިއެވެ.

އަދި ގިނަ އަދަދެއްގެ ވޮލަންޓިއަރުން މަސައްކަތަށް ނުކުންނަން ތައްޔާރަށް ތިބި އިރު، ކުއްޔަށް އުޅޭ ފަރާތްތަކަށް އެ ލުއި ލިބޭކަން ކަށަވަރު ކުރެވޭނެ ގޮތެއް ހަދައިދިނުމަށް މެމްބަރު ގޮވާލެއްވިއެވެ.

"ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރަން ގިނަ އަދަދެއްގެ ބަޔަކު ރަޖިސްޓްރީވެފައި ވާއިރު، ކީއްތޯއޭ ވާނީ އަޅުގަނޑުމެން އެ ފްލެޓުތަކަށް ޒިޔާރަތްކޮށް އެ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތު މީހާއަށް އެ ލުއި ލިބޭނެ ގޮތެއް ހެދުން،" މެމްބަރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހްމަދު --- ފޮޓޯ/ މަޖިލިސް

ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހްމަދު ވިދާޅުވީ ލޯނުތައް އަނބުރާ ދެއްކުމުގައި ސަރުކާރުންް މިހާރު ދީފައިވާ ލުއިކަމުގެ ފަސޭހަ ވީހާވެސް ގިނަ އަދަދެއްގެ ރައްޔިތުންނަށް ބެހިގެންދާނީ މި ދުވަސްކޮޅު ކުލި ކުޑަ ކުރުމަށް ގެތަކުގެ ވެރިންނަށް ޝަރުތުކޮށްގެން ކަމަށެވެ.

"ލޯނުތައް ނަގައިގެން އިމާރާތްކޮށް ކުއްޔަށް ދޫކޮށްފައިިވާ ގެތަކުގެ ކުލި ކުޑަ ކުރުމަށް އެފަރާތްތަކަށް ޝަރުތު ކުރުން މުހިންމު،" މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ވަނީ ބައެއް ގެތަކުގެ ވެރިން ކުލި ކުޑަކޮށްދެމުން އަންނަކަން ފާހަގަކުރައްވައިފައެވެ.

ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވެސް ވަނީ، ހައުސިން ލޯނުތަކަށް ދީފައިވާ ލުއިތަކުގެ ފައިދާ، ކުއްޔަށް އުޅޭ ފަރާތްތަކަށް ވެސް ކުރާކަން ކަށަވަރު ކުރުން މުހިންމު ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް