ސިޔާސީ ޕާޓީތަކުން ހިންގާ ގާނޫނާ ހިލާފު ހަރަކާތްތަކަށް ފިޔަވަޅު އަޅާ ގަރާރު މަޖިލީހަށް ބަލައިގަނެފި

ރައްޔިތުންގެ މަޖިލީޙުގެ ޖަލްސާއެއްގެ ތެރެއިން: ސިޔާސީ ޕާޓީތަކަށް ވިޔަވަޅު އަޅާ ގަރާރު ވަނީ މިއަދު މަޖިލީހަށް ބަލައިގަނެފަ

ރައްޔިތުންގެ މަޖިލީހުން ވަނީ ސިޔާސީ ޕާޓީތަކުން ހިންގާ ގާނޫނާ ހިލާފު ހަރަކާތްތައް ހުއްޓުވުމަށާއި އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ގޮވާލާ ގަރާރެއް ބަލައިގަނެ، ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ. މި ގަރާރަކީ ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު ހުށަހެޅުއްވި ގަރާރެކެވެ. މީގެ މައިގަނޑު މަގުސަދަކީ ގައުމީ މަސްލަހަތު އިސްކޮށް، ގާނޫނުއަސާސީން ލިބިދޭ ހައްގުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ބާރުއެޅުމެވެ.

  • ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފު ހަރަކާތްތައް ހުއްޓުވުމުގެ ގަރާރު މަޖިލީހުން ބަލައިގަނެފި
  • މި ގަރާރު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު
  • ގަރާރު ފާސްވީ ވޯޓުގައި ބައިވެރިވި 49 މެންބަރުންގެ ތެރެއިން 41 މެންބަރުންގެ ވޯޓުން
  • ގަރާރު އިތުރަށް ދިރާސާކުރުމަށް ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ސިޔާސީ ޕާޓީގެ ގާނޫނާ ހިލާފަށް ބައެއް ސިޔާސީ ޕާޓީތަކުން ހިންގަމުންދާ ގާނޫނާ ހިލާފު ހަރަކާތްތައް ހުއްޓުވައި، އެ ފަރާތްތަކާމެދު ގާނޫނާ އެއްގޮތަށް ފިޔަވަޅު އެޅުމަށް ގޮވާލައި ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު ހުށަހެޅުއްވި މި ގަރާރު މަޖިލީހަށް ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވި 49 މެންބަރުންގެ ތެރެއިން 41 މެންބަރުންގެ ވޯޓުންނެވެ. މި ގަރާރާ ދެކޮޅަށް ވޯޓު ދެއްވީ އަށް މެންބަރުންނެވެ.

މި ގަރާރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށްމެ ފިކުރުކުރުމާއި، ހިޔާލުފާޅުކުރުމާއި، ސިޔާސީ ޕާޓީ އުފައްދައި ހަރަކާތްތެރިވުމުގެ މިނިވަންކަން ލިބިދީފައިވީ ނަމަވެސް، އެ ހައްގުތަކަކީ އިސްލާމްދީނުގެ އަސްލުތަކާ އެއްގޮތަށް އަދި އެހެން މީހުންގެ އަބުރާއި ހައްގުތަކަށް އިހްތިރާމްކޮށް، ގައުމީ މަސްލަހަތު އިސްކޮށްގެން ބޭނުންކުރަންޖެހޭ ހައްގުތަކެކެވެ.

ގަރާރު ހުށަހެޅުއްވި މެންބަރު ފާހަގަކުރެއްވި ގޮތުގައި، ސިޔާސީ ޕާޓީތަކުން ގާނޫނާ ހިލާފަށް ހިންގާ ހަރަކާތްތަކުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެ، މުޖުތަމައުގެ އަމަންއަމާންކަން ގެއްލެމުންދެއެވެ.

އެހެންކަމުން، އެފަދަ ކަންކަން ހުއްޓުވައި، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމާ މެދު މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ބެލުމަކީ މި ގަރާރުގެ މައިގަނޑު އެއް މަގުސަދެވެ.

މީގެ އިތުރުން، ގާނޫނާ ހިލާފު ހަރަކާތްތަކުގައި ޝާމިލްވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން އަވަސްކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް މި ގަރާރު މެދުވެރިކޮށް ގޮވާލާފައިވެއެވެ. ގާނޫނުއަސާސީގެ 27 ވަނަ މާއްދާގައި ބަޔާންކުރާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އިމުގެ ތެރެއިން ސިޔާސީ ހަރަކާތްތައް ހިންގުމަށް ބާރުއެޅުމަކީވެސް މި ގަރާރުގެ އަމާޒެކެވެ.

މި ގަރާރު މިހާރު ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ. ކޮމިޓީ މަރުހަލާގައި މި ގަރާރު އިތުރަށް ދިރާސާކޮށް، މަޖިލީހުގެ ތަޅުމަށް ރިޕޯޓު ހުށަހަޅާނެއެވެ.

comment ކޮމެންޓް