ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން އަޅައިފައިވާ ފުލެޓުތަކުގައި ދިރިއުޅޭ މީހުންގެ ރަށްވެހިކަން ރަޖިސްޓްރީކުރުމަށްޓަކައި މާލޭ ސިޓީ ކައުންސިލަށް ހުށަހަޅަން ބޭނުންވާ ލިޔެކިއުންތައް، އެކަމަށް ޚާއްސަކޮށްފައިވާ ޕޯޓަލުން މިއަދުން ފެށިގެން ލިބޭނެ ކަމަށް، އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ޙަމްދާން ޝަކީލް މިއަދު ވިދާޅުވެއްޖެއެވެ.
ފަހި ފުލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ރަށްވެހިކަމުގެ ރަޖިސްޓްރީ ހައްދައިނުދެވެނީ ކައުންސިލުން އެކަން ނުކޮށްދޭތީ ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ވިދާޅުވީ އިއްޔެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ)ގެ ސުވާލަކަށް ޖަވާބުދެއްވަމުން މުއްޠަލިބު ވިދާޅުވީ، ރަށްވެހިކަމުގެ ރަޖިސްޓްރީ ހައްދައިދެނީ ފުލެޓުވެރިން ފައިސާ ދައްކައި ނިމުމުން ކަމަށެވެ.
މާލޭ ސިޓީ ކައުންސިލުން ރަށްވެހިކަމުގެ ރަޖިސްޓްރީ ހައްދައިނުދިނުމަކީ އާންމުންނަށް އުނދަގޫކުރުމަށް ކުރާ ކަމެއްގެ ގޮތުގައި ސިފަކުރައްވައި މުއްޠަލިބު ވިދާޅުވީ، ސިޓީ ކައުންސިލުން ކޮށްފައިވަނީ ގާނޫނީގޮތުން ހުއްޖަތެއް އޮތް ކަމެއް ނޫން ކަމަށެވެ.
މާލޭ ރަށްވެހިންގެ ރަޖިސްޓްރީ ހައްދައިދިނުމަށް މިނިސްޓްރީން ވާނީ ކައުންސިލަށް އަންގައިފައި ކަމަށްވެސް، މުއްޠަލިބު ވިދާޅުވިއެވެ.
އެ މައްސަލައިގައި، މުއްޠަލިބާ ސުވާލުކުރެއްވި ކުޑޫ ވަނީ، ހައުސިން މިނިސްޓްރީއާ މަޝްވަރާކޮށް ހައްލެއް ހޯދުމަށް އެދިވަޑައިގެން، މާލޭގެ މޭޔަރު އާދަމް ޢާޒިމަށް ސިޓީއެއް ފޮނުއްވައިފައެވެ.
މިކަމާ ގުޅިގެން ޙަމްދާން 'ސަން'އަށް އިއްޔެ ވިދާޅުވީ، މާލޭގައި ދިރިއުޅޭ ރަށްވެހިންގެ ރަޖިސްޓްރީ ހައްދައިނުދެވޭ ސަބަބު ހޯދުމަށް ސިޓީ ކައުންސިލާ ބައްދަލުކުރަން ހަމަޖެހިފައިވާ ކަމަށެވެ.
"ހައުސިން މިނިސްޓްރީން އޮންނާނީ އެކޮޅަށް [ކައުންސިލަށް] އަންގައިފަ އެއްވެސް މައްސަލައެއް ނެތް ކަމަށް، އެ ބޭފެޅުން އޭތި [ރަށްވެހިކަމުގެ ރަޖިސްޓްރީ] ދޫނުކުރަންވީ ސަބަބެއް ނެތެއްނޫންތޯ؟" ޙަމްދާން ސުވާލު ކުރެއްވިއެވެ.
ޙަމްދާން ވިދާޅުވީ، މާލޭގައި ދިރިއުޅޭ ރަށްވެހިންގެ ރަޖިސްޓްރީ ހަދައިނުދެވޭ މައްސަލައިގައި ކައުންސިލުން އެފްޑީސީއަށް މިހާތަނަށް އެއްވެސް ސިޓީއެއް ނުފޮނުވާ ކަމަށެވެ. އެ މައްސަލައިގައި މިހާތަނަށް ސިޓީއެއް ލިބުނީ ހައުސިން މިނިސްޓްރީގެ ފަރާތުން އެކަނި ކަމަށް އޭނާ ވިދާޅުވިއެވެ.
އެފްޑީސީގެ ރަސްމީ 'އެކްސް' އެކައުންޓުގައި މިއަދު އާންމުކުރި ވީޑިއޯއެއްގައި ޙަމްދާން ވިދާޅުވީ، މިދިޔަ އޮގަސްޓް މަހު، ފަހި ފުލެޓު ލިބުނު ފަރާތްތަކުގެ ރަށްވެހިކަން ރަޖިސްޓްރީކުރުމާ ގުޅޭގޮތުން ކައުންސިލާއެކު މަޝްވަރާކޮށްފައިވާނެ ކަމަށެވެ. އަދި ރަށްވެހިކަމުގެ ރަޖިސްޓްރީ ހައްދައިދޭން ކައުންސިލަށް ދަތިވާ ކަންކަން އޮޅުން ފިލުވުމަށްޓަކައި މިދިޔަ ހަފުތާގައިވެސް ބައްދަލުވުމަކަށް އެދިފައިވާ ކަމަށް، ޙަމްދާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެއްވެސް ކަރުދާހެއް ހުށަނާޅައި، ރަށްވެހިކަން ރަޖިސްޓްރީކުރުމަށްޓަކައި، ސިޓީ ކައުންސިލަށް ފުލެޓުވެރިން ހުށަހަޅަންޖެހޭ ލިޔެކިއުންތައް އޮންލައިންކޮށް ލިބޭނެ ގޮތަށް މިއަދުން ފެށިގެން ހަމަޖައްސައިފައިވާ ކަމަށެވެ.
"އެހެންވީމާ އުފަލާއެކު ދަންނަވަން އޮތީ މިވަގުތުން ފެށިގެން ތިބޭފުޅުންގެ ރަށްވެހިކަން އަޅުގަނޑުމެންގެ ފުލެޓުތަކުގައި ޖެއްސުމާމެދު އެއްވެސް އިދާރީގޮތުން ހުރަހެއް ނޯންނާނެކަން،" ޙަމްދާން ވިދާޅުވިއެވެ.