ހެޕީ މާކެޓްގެ ރިސޯޓްތަކުގެ މުވައްޒަފުންނަށް ޕެއިޑް ލީވްއެއް ދެނީ

ހެޕީ މާކެޓް އިން ހިންގާ ޑްރީމްލޭންޑް ދަ ޔުނިކް ސީ އެންޑް ލޭކް ރިސޯޓް އެންޑް ސްޕާ

މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކާއި ރާއްޖޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ގިނަ ރިސޯޓްތައް ހުއްޓުމަކަށް އައިސްފައިވާއިރު، ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ހެޕީ މާކެޓްއިން ހިންގަމުންދާ ރިސޯޓްތަކުގެ މުވައްޒަފުންނަށް މުސާރަ ލިބޭ ޗުއްޓީއެއް ދޭން ނިންމައިފިއެވެ.

ހެޕީ މާކެޓްގެ އޮފިޝަލަކު މިރޭ "ސަން" އަށް ވިދާޅުވީ އެ ކުންފުނިން ހިންގާ ހަތަރު ރިސޯޓްގެ އޮޕަރޭޝަންތައް އަންނަ މަހުގެ ހަތަރަކުން ފެށިގެން ހުއްޓާލާނެ ކަމަށެވެ.

ރިސޯޓްތައް ބަންދުކުރަން ނިންމާފައިވަނީ ދެ މަހަށް ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ޕެއިޑް ލީވްއެއް ދޭން ނިންމިއިރު، ކުރިންވެސް ދެމުންއައި މުސާރަ ލިބޭނެކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ކޮރޯނާވައިރަހުގެ ބަލިމަޑުކަމުގެ ސަބަބުން މުވައްޒަފުން ވަޒީފާއިން ވަކިކޮށް، މުސާރަ ކުޑަ ކުރަމުންދާއިރު، 58 ރިސޯޓަކުން 11،000އެއްހާ މުވައްޒަފުން ނޯޕޭއަށް ފޮނުވާލާން ނިންމާފައިވާ ކަމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)އިން މީގެ ކުރިން ވަނީ ބުނެފަ އެވެ.

އިގްތިސާދީ މި ނާޒުކު ދަނޑިވަޅުގައި ވަޒީފާތަކުން މުވައްޒަފުން ވަކިކުރުމާއި މުސާރަ ދަށްކުރުމުގެ އިތުރުން ނޯޕޭއަށް ފޮނުވަމުންދާކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީ އިން ވަނީ ބުނެފައެވެ. ނަމަވެސް އެގޮތަށް އަމަލުކުރަނީ ގާނޫނާ ހިލާފަށްކަމަށްވެސް އެ އޮތޯރިޓީން ބުންޏެވެ.

comment ކޮމެންޓް