ކޮރޯނާވައިރަސް: މިއަހަރުގެ ފުޓްބޯޅަ ސީޒަން ނިންމާލަން އެފްއޭއެމް އިން ނިންމައިފި

އުރީދޫ ދިވެހި ޕްރިމިއާލީގުގައި ނިއުރޭޑިއަންޓާއި މާޒިޔާ ބައްދަލު ކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާވައިރަސް، ކޮވިޑް19އާ ގުޅިގެން މި އަހަރުގެ ފުޓްބޯޅަ ސީޒަން ނިންމާލަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.

އެފްއޭއެމްއިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، އެ ނިންމުން ނިންމީ މުޅި ދުނިޓޭގައުވެސް މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ބަލިމަޑުކަމާއެކު ރާއްޖެއިންވެސް އެ ބަލި ފެނިފައިވާތީއާއި މިހާލަތުގައި ސަރުކާރާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އިރުޝާދަށް އަމަލުކުރުމުގެ ގޮތުން ކަމާ ކުލަބުތަކާ މަޝްވަރާ ކުުރުމަށް ފަހުގައި ކަމަށެވެ.

އެގޮތުން އެސޯސިއޭޝަންގެ މެމްބަރު މެމްބަރު ކްލަބުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން ރައްކާތެރިކަމަށްޓަކައި 2019/2020ގެ ފުޓްބޯޅަ ސީޒަން ނިންމާލުމަށް އެސޯސިއޭޝަނުން ނިންމާފައިވާކަމަށް ބަޔާނުގައި ބުންޏެވެ.

"ވީމާ އެފްއޭކަޕް ފުޓްބޯޅަ މުބާރާތައި ފްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތް މިއަހަރު ނޯންނާނެއެވެ."އެފްއޭއެމްގެ ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި ބުނީ، އެގޮތަށް ނިންމިނަމަވެސް މި ސީޒަންގައި ހިމެނޭ ތިންވަނަ ޑިވިޝަންގެ ފުޓްބޯޅަ މުބާރާތް އޮންނާނެ ކަމަށެވެ. އެ މުބާރާތް އޮންނާނެ ތާރީހެއް ފަހުން އިއުލާން ކުރާނެކަމަށް ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި އިތުރަށް ބުނީ، އަންނަ އަހަރުގެ އޭފްސީކަޕަށް ހޮވިފައވަނީ މި ސީޒަންގެ ދިރާގު ދިވެހި ލީގްގެ ޗެޕްޕިއަން މާޒިޔާ ސްޕޯޓްސް ކްލަބް ކަމަށެވެ. އަދި އޭފްސީ ކަޕްގެ ޕްލޭ އޮފްގެ ޖާގަ ލިބެނީ ލީގްގެ ދެވަނަ ޓީމަކަށް ދިޔަ ކްލަބް އީގަލްސް ކަމަށެވެ.

ކުރިން އޮންނަ ގޮތުން އޭފްސީކަޕުން ޖާގަ ލިބެނީ ލީގް ޗެމްޕިއަން އަދި އެފްއޭކަޕްގެ ޗެމްޕިއަންއަށެވެ.

މިއަހަރު ރާއްޖޭގެ ފަރާތުން އޭފްސީކަޕްގައި ކުޅެނީ މާޒިޔާ ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކުލަބެވެ. ކޮރޯނާވައިރަސްއާ ގުޅިގެން އޭފްސީކަޕްގެ މިއަހަރުގެ މުބާރާތްވެސް ވަނީ މެދުކަނޑާލާފައެވެ.

comment ކޮމެންޓް