ކޮރޯނާވައިރަހުގެ ބަލިމަޑުކަން، ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދުކޮށްފައިވާ މުއްދަތުގައި، މާލޭ ސިޓީ ކައުންސިލުގެ ވައިޓަލް ރެޖިސްޓްރޭޝަން ސެކްޝަނުން ހިދުމަތްދޭ ގަޑިތަކަށް ބަދަލުގެނެސްފި އެވެ.
ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ސަރުުކާރު ބަންދުކޮށްފައިވާ މުއްދަތުގައި ވައިޓަލް ރެޖިސްޓްރޭޝަން ސެކްޝަނުން އުފަންވުން ރެޖިސްޓްރީކުރުމާއި އަދި ރަށްވެހިވުމާއި ބެހޭ ހިދުމަތް ދިނުމަށް ހަމަޖެފައިވަނީ މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށް ކަމަށެވެ.
އުފަންދުވަހުގެ ސެޓްފިކެޓް ގެއްލިގެން އަލުން ހެއްދުމަށް އެދި ހުށަހަޅާ ފޯމުތަކާއި އުފަންދުވަހުގެ ސެޓްފިކެޓް އާކުރުމަށް އެދި ހުށަހަޅާ ފޯމުތައް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، މި މަހުގެ 29 ވަނަ ދުވަހުން ފެށިގެން އޭޕްރީލް ހަތަރު ވަނަ ދުވަހަށް ސަރުކާރު އޮފީސްތައް ވަނީ ބަންދުކޮށްފައެވެ.
ސަރުކާރު ބަންދުކުރުމާއި ގުޅިގެން، އާންމު ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭބައިން ކުރިން ދޫކުރަމުން ގެންދިޔަ ރޭގަނޑު މަގުބަންދު ކޮށްގެން ކުރާ މަސައްކަތް މި ހަފްތާގައި ދުވާލުގެ ވަގުތުގައި ކުރަން ކައުންސިލުން ވަނީ ނިންމައިފައެވެ.
އެހެންކަމުން މަގު ބަންދު ކުރުމުގެ ހުއްދަ އާއި މަގުމަތީ މަސައްކަތް ކުރުމުގެ ހުއްދަ އާއި ބޯޑު ދޫކުރުން އަދި ބަލައިގަންނަ ގަޑިތަކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ.