އިސްލާމިކް ބޭންކުގެ ކަސްޓަމަރުންނަށް ލުއި ގޮތްތަކެއް ހަމަޖައްސައިދެނީ

ރާއްޖޭގެ އިސްލާމިކް ބޭންކުން މީހުން ހިދުމަތް ހޯދަނީ ---

ކޮވިޑް19އާ ގުޅިގެން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ކަސްޓަމަރުންނަށް ލުއި ގޮތްތަކެއް ހަމަޖައްސައިދޭން އެ ބޭންކުން ނިންމައިފި އެވެ.

އެމްއައިބީން ބުނީ މި ލުއި ގޮތްތައް އަމާޒުކޮށްފައިވަނީ އެ ބޭންކުގެ ވިޔަފާރިއާ ގުޅޭ އެކިއެކި ފައިނޭންސިން ފެސިލިޓީތަކާއި ގެދޮރު އިމާރާތް ކުރުމަށާއި ގެދޮރު ގަތުމަށް ފައިނޭންސިން ނަގާފައިވާ ކަސްޓަމަރުންނަށް ކަމަށެވެ.

އެމްއައިބީން ބުނީ އެ ފެސިލިޓީތައް ނަގާފައިވާ ކަސްޓަމަރުންގެ ތެރެއިން ލުޔެއް ހޯދަން ބޭނުންވާ ކަސްޓަމަރުން އެކަމަށް ހާއްސަ އެޕްލިކޭޝަން ފޯމު ފުރުމަށްފަހު [email protected] އީމެއިލް އެޑްރެހަށް ފޮނުވުމަށެވެ.

އެޕްލިކޭޝަން ފޯމު ފޮނުވުމުން އެމްއައިބީގެ ބިޒްނަސް ޓީމުން އެ ކަސްޓަމަރަކާ މަޝްވަރާކޮށް، އިންޓާނަލް އެސެސްމަންޓެއް ހެދުމަށްފަހު އެންމެ އެކަށީގެންވާ ލުއި ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްގެންދާނެ އެވެ.

މި އެޕްލިކޭޝަން ފޯމު އެމްއައިބީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ އެވެ.

އެމްއައިބީން ބުނީ އެ ބޭންކުގެ ކޮންސިއުމާ ފައިނޭންސިން ފެސިލިޓީތަކާއި ޓްރޭޑް މުރާބައާ ފައިނޭންސިން ފެސިލިޓީ ނަގާފައިވާ ކަސްޓަމަރުންގެ ތެރެއިން އެހީ ބޭނުންވާ ކަސްޓަމަރުންނަށް ވެސް ލުއި ގޮތްތަކެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮވިޑް19އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އެމްއައިބީން ވަނީ އެ ބޭންކުގެ ބައެއް ހިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދޭން ނިންމާފަ އެވެ.

އެގޮތުން މިދުވަސްވަރު އެ ބޭންކަށް ފޮނުވާ ސިޓީއާއި އެހެނިހެން ލިޔުންތައް މެއިލްގެ ޒަރިއްޔާއިން ބަލައިގަންނަމުންދާއިރު، އެކައުންޓް ހުޅުވުމަށް އެދޭ ފޯމު ވެސް އެމްއައިބީގެ ވެބްސައިޓުން ހުށަހެޅޭ ގޮތް ވަނީ ހަމަޖައްސާފަ އެވެ.

comment ކޮމެންޓް